ވިސާގެ މައްސަލައަށް ހައްލު ހޯދޭނެކަމުގެ ޔަގީންކަން އެބަ އޮތް: މިނިސްޓަރު ޝާހިދު
7 މެއި 2019 | އަންގާރަ 17:43ދެގައުމުގެ މެދުގައި އޮތް ބަދަހި ގުޅުމުގެ ތެރެއިން ހައްލު ހޯދޭނެ


ފޮރިން މިނިސްޓަރު ޝާހިދު
ރެޒިޑެންސް ވިސާއަށް ގެނައި ބަދަލުތަކާ ބެހޭ ގޮތުން ލަންކާގެ ބޮޑުވަޒީރު، ރަނިލް ވިކްރަމް ސިންގްހައާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާނެ ކަމަށާއި، ވިސާގެ މައްސަލައަށް ހައްލު ހޯދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ އަލަށް ސްރީލަންކާގައި ރެޒިޑެންސް ވިސާގައި ތިބެން ބޭނުންވާ ދިވެހިން، ރާއްޖޭގައި ހުންނަ ސްރީލަންކާ އެމްބަސީން ވިސާ ނަގަންޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފައި ވާތީ އެކަމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ދެ ގައުމުގެ ހުރި އެހެނިހެން މައްސަލަތަކަށް އަލިއަޅުއްވާ ލައްވާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ މި ހުރިހާ ކަމަކަށް ދެގައުމުގެ މެދުގައި އޮތް ބަދަހި ގުޅުމުގެ ތެރެއިން ހައްލު ހޯދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
މިނިސްޓަރު ޝާހިދު ލަންކާއަށް ވަޑައިގެންނެވީ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ.
މިނިސްޓަރު ލަންކާގެ މި ދަތުރުފުޅުގައި ލަންކާގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާ އަދި އިދިކޮޅު ލީޑަރ މަހިންދަ ރާޖަޕަކްސައާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.






