ކ. މާލެ
|
17 މާރޗް 2019 | އާދީއްތަ 18:55
އެމްޑީޕީން ބުނަމުންދަނީ ވައުދުތައް ފުއްދުމަށް އެ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވާކަމަށް
އެމްޑީޕީން ބުނަމުންދަނީ ވައުދުތައް ފުއްދުމަށް އެ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވާކަމަށް
ރާއްޖެއެމްވީ
މަގޭ ރިޕޯޓު
އިދިކޮޅަށް މެޖޯރިޓީ ދިނުން، ވެރިކަން ދީފައި އަތްފައި ކަނޑާލުން
 
ކޯލިޝަންގައި ތިބެ، ސަރުކާރުގެ ބިލްތައް ފާސްކުރުމަށް ތާއީދެއް ނެތް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ރައްޔިތުން ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމިނާއި އެމަނިކުފާނަށް ވާގިވެރިންނަށް ގައުމުގެ ހުންގާނު ހަވާލުކުރަން ބޭނުން ނުވާތީއެވެ. ވައްކަމާއި ފަސާދައަށް ނޫނެކޭ ބުނެ ރައީސް ސޯލިހަށް ވެރިކަން ދީ ގައުމު ރަނގަޅު މިސްރާބަކަށް ގެންގޮސްދިނުމަށް ހަވާލުކުރީ ފަސް އަހަރުގެ ވެރިކަމެއް ފުރިހަމަ ބާރާ އާރުގައި ހުންނަވައިގެން ކުރެއްވުމަށް ލޮލާބޮލުން އެދިގެންނެވެ.

ރައީސް ސާލިހްގެ ވެރިކަމުގެ ޅަފަތުގައި މި އޮތީ އިންތިހާބެއް ބޯމަތިވެފައި އެވެ. މިއީ ރިޔާސީ އިންތިހާބަށް ވުރެ ވަކިން ދެރަ އިންތިހާބެއް ނޫނެނެވެ. ތަފާތަކީ ވަކި ދާއިރާތަކަށް ކެންޑިޑޭޓުން ކުރިމަތިލައްވައިގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރާ ކަމެވެ. ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށް މިފަހަރު ނިންމާ ނިންމުން ގުޅިފައިވަނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމި ވަރުގަދަ ނިންމުމާ އެވެ.

މަޖިލިސް އިންތިހާބުގެ މެޖޯރިޓީ ސަރުކާރަށް ނުލިބިއްޖެ ނަމަ އެ މެޖޯރިޓީ ލިބެން އޮތީ ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލުނުކޮށް މަގުމަތީ މުޒާހަރާ ކުރި މީހުންނަށެވެ. އެއީ ރައީސް ސޯލިހްގެ ވެރިކަމަށް މަހެއް ނުވަނީސް ވެރިކަމެއް ނުވިއޭ ކިޔާ އިސްތިއުފާއަށް ގޮވި މީހުންނެވެ. އެއީ މިވެރިކަން ފެށުނީއްސުރެ ވެރިކަން ފުރޮޅާލެވޭނެ ގޮތަކާމެދު ސައްލާ ކުރަމުންދާ މީހުންނެވެ. ސަރުކާރަށް އިދިކޮޅުގައި ތިބި މީހުންނަކީ މި ދަރަޖައިގައި ތިބި މީހުން ކަމަށްވާއިރު އެމީހުނަށް މަޖިލީހުގެ މެޖޯރިޓީ ދޭން ހެޔޮވެދާނެތޯ އެއީ ވިސްނަން ޖެހޭ ކަންތައްތަކެވެ. މިހާރުގެ އިދިކޮޅު ޕާޓީތަކުގައި ތިބި މީހުންނަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ވާނެ ގޮތް މީގެ ކުރިން ރާއްޖެ ތަޖުރިބާ ކުރީ ހިތިކޮށެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އޭރުގެ ޑީއާރުޕީ އާއި ޕީއޭ ނަމުގައި މަޖިލީހުގައި ތިބި މެމްބަރުންނަށް މެޖޯރިޓީ ލިބި ސަރުކާރަށް ކުރި ޖެއްސުމާއި އުނދަގޫތަކަކީ ތަފްސީލުކޮށް ނުދިނަސް މީހުނަށް މިހާރު ވެސް ސިފަ ވާނެ ކަންތަކެވެ. ފުލު ފުލުން ވަޒީރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަތައް ވެއްދުމާއި ސަރުކާރުގެ ހިންގުމަށް ދަތިވާގޮތައް ގާނޫނުތައް ބަދަލު ކުރުމަކީ މީގެ ކުރިން މިހާރުގެ އިދިކޮޅު ފަރާތްތަކުން ކޮށްފައިވާ ކަންކަމެވެ. އެކަން މިއަދުވެސް އެބަ ފެނެ އެވެ. މަޖިލީހުގެ ސާފު މެޖޯރިޓީއެއް އިދިކޮޅަށް ނެތް ނަމަވެސް ސަރުކާރުން ފޮނުވި ބިލްތަކުގައި އަތްއަޅައިގެން ކުރަމުންދާ އެކަންކަން އެއީ މީހުނަށް ގަބޫލުކުރެވޭނެ ކަންކަމެއް ނޫނެވެ. އެހެން ނަމަވެސް މަޖިލީހުން އެމީހުނަށް ފުރުސަތު ދިނުމާމެދު ގޮތެއް ނިންމާނީ އަންނަ އިންތިހާބުގައި އެވެ.

އެމްޑީޕީން މަޖިލީހުގެ މެޖޯރިޓީ ބޭނުންވަނީ ރައީސް ސޯލިހްގެ ވައުދުތައް ފުއްދުވުމަށް ބޭނުންވާ ގާނޫނުތައް ހެދުމާއި ގާނޫނުތައް އިސްލާހްކުރުމަށެވެ. ސަރުކާރުގެ ވައުދުތައް ފުއްދަން ސަރުކާރަށް ތާއީދުކުރާ މެމްބަރުންނަށްވުރެ ޔާމިނަށް ތާއީދުކުރާ ފަރާތްތަކުން މާ ރަނގަޅުވާނެ ކަމަށް ބުނުމަކީ ގަރުނުގެ އެންމެ ބޮޑު ޖޯކަށް ނޫނީ ނުވާނެ އެވެ. ރައީސް ސޯލިހްގެ ވެރިކަން ފަސް އަހަރު ނުވަނީސް މަޖިލީހުން ވައްޓާލަން އެމްޑީޕީ ސަރުކާރަށް ތާއީދުކުރާ ނޫން އެހެން މެމްބަރުން އުޅޭނެ ކަމަށް ބުނެ އިދިކޮޅަށް ވޯޓުދޭން ބުނަކީ ބުއްދި ސަލާމަތުން ހުރި މީހަކު ގަބޫލުކުރާނެ ކަމެއް ނޫނެވެ. އެހެން ކަމުން ރައީސް ސޯލިހަށް ވެރިކަން ސާފު ރީތި ގޮތުގައި ނިންމުމަށް ރައްޔިތުން އަދި ހަމަ އެންމެ ނިންމުމެއް ނިންމާން މި އޮތީ ޖެހިފައި އެވެ. ރިޔާސީ ވައުދުތައް ގުޅިފައިވަނީ މަޖިލީހުން ފާސްކުރާ ގާނޫނުތަކާ ކަމަށްވާއިރު އެކަން ވެސް ސަރުކާރަށް ތާއިދުކުރާ މެމްބަރުންގެ އަތްމައްޗަށް ދޫކޮށްލުން ނޫން ގޮތެއް ރާއްޖޭގެ މި އަދުގެ މާހައުލު ނުދައްކަ އެވެ. ޒިންމާދާރު އިދިކޮޅު ބަޔަކު މިއަދު ރާއްޖޭގެ މި މާހައުލުން ފެންނާން ނެތްއިރު ފެންނަނީ ވެރިކަން ބަދަލުކޮށްލެވޭނެ ވަގުތަކަށް ބަލަ ބަލަ ތިބި އެއްކަން ދަންނަން ޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
0%
50%
0%
50%
0%
0%
ކޮމެންޓް
17 މާރޗް 2019 | އާދީއްތަ 15:16
beybe
Jaban kereyne tha