މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމަކަށް ނުފެނޭ، އެފަދަ ވާހަކައެއް ވެސް ނުދައްކަން: ރައީސް ނަޝީދު
ދީން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާތީ ހިތާމަ ކުރަން

ތޮއްޑޫގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވާހަކަދައްކަވަނީ
މީހުން ދިރުއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކަން ހުއްދަ ދޭން ނުފެންނަ ކަމަށާއި އެފަދަ ކަމަކަށް ހިތްވަރު ލިބޭ ގޮތަށް ވާހަކައެއް ވެސް ނުދައްކަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ނަޝީދު މިހެން ވިދާޅުވީ އަންގާރަ ދުވަހުގެރޭ އއ.ތޮއްޑޫގައި ބޭއްވި ކެންޕޭންގައި ދެއްކެވި ވާހަކައެއްގެ މާނަ އޮޅޭގޮތަށް، ބަނގުރަލުގެ ވިޔަފާރި ކުރުމުން އިންތިހާއަށް ފައިދާ ބޮޑުވެ މުއްސަނދިވާނެ ކަމަށް ބައެއް މީޑިއާތަކުގަ ރިޕޯޓު ކުރުމާ ގުޅިގެންނެވެ.
މިވާހަކަތަކަށް ރައްދުދެއްވައި ނަޝީދު ވިދާޅުވީ ހިތާމައަކީ ދީން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާތީ ކަމަށާއި، މިވާހަކަ މިގޮތަށް ފަތުރަނީ ރާއްޖޭގައި އެންމެ ގިނައިން ރާ ވިއްކާ ފަރާތްތަކާ ގުޅިގެން ކަމަށެވެ.
ތޮއްޑޫގައި ބޭއްވި ކެންޕޭން ޖަލްސާގައި ނަޝީދު ވިދާޅުވީ ގެސްޓުހައުސް ވިޔަފާރި ތަރައްގީވަމުން މިއަންނަނީ އެއްވެސް އިރެއްގައި ދުށްގޮތަކަށް ނޫން ކަމަށެވެ.
ނަޝީދު ވިދާޅުވީ 2009 ވަނަ އަހަރު މީހުން ދިރިއުޅޭ ރަށްރަށުގައި ޓުއަރިސްޓު ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމިއިރުގަ އެތައް މިލިއަން ނުވަތަ އެތައް ބިލިއަން ރުފިޔާގެ ވިޔަފާރިއެއް ކަމަށް އެއްވެސް މީހަކު ހިތަށްނާރާނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ އެންމެ ގިނައިން ދުނިޔޭގަ ވިކޭ އެއްޗަކީ ސެންޓު ކަމަށާއި، ދެން އެންމެ ގިނައިން ދުނިޔޭގަ ވިކޭ އެއްޗަކީ ޗޮކްލެޓާއި، ރަލާއި ސިގިރޭޓް ކަމަށެވެ. އަދި މިއީ ދުނިޔޭގެ ހަގީގަތް ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެނގޭ މިއެއްޗެހިން ވިޔަފާރި ކުރީމަ އިންތިހާއަށް ފައިދާ ބޮޑުވާކަން. މުއްސަންދިވާކަން. ގެސްޓްހައުސްގެ ވިޔަފާރިއަކީ ދިވެހިރާއްޖޭގައި މާރަނގަޅަށް ހިންގޭނެ ވިޔަފާރިއެއް. އެވިޔަފާރިން ފައިދާނެގޭނެކަން އެއީ ކިރިޔާވެސް މިމައްސަލައާ ގުޅޭ ގޮތުން އަޅުގަނޑުމެން ވިސްނާލާފިނަމަ އަބަދު ވެސް އަޅުގަނޑުމެންނަށް އެނގެން އޮތް ހަގީގަތެއް" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ދުނިޔޭގެ ބޭންކުން ތަރައްގީގެ މިސާލެއްގެ ގޮތުގަ ކ.މާފުށި އެހެން ގައުމުތަކަށް ދައްކާ ކަމަށާއި، މިއީ އެމްޑީޕީއަށް ލިބޭ އުފަލެއް ކަމަށެވެ. އަދި ރާއްޖޭގެ ގެސްޓްހައުސްގެ ސިޔާސަތު ކިޔާދޭކަމީ ދިވެހިރައްޔިތުންގެ ޑިމަކްރަޓިކް ޕާޓީ ކާމިޔާބުކޮށްފައިވާ ކަމުގެ އެންމެ ބޮޑު ދަލީލު ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ގެސްޓުހައުސް ވިޔަފާރިތަކުގަ ރާ ވިއްކުމާ ބެހޭ ގޮތުން ނަޝީދު އެއްވެސް އެއްޗެއް ވިދާޅުވެފައިނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވާއިރު، އެމަނިކުފާނު ދެއްކެވި ވާހަކަ މާނައޮޅޭގޮތަށް ބައެއް މީޑިއާތަކުގަ ރިޕޯޓުކުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ވެސް ވަނީ އަމާޒުވެގެން ގޮސްފައެވެ.
އެގޮތުން މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އިލްޔާސް ހުސައިން ވިދާޅުވީ ރަލުން ލިބޭ މަންފާއަށް ވުރެ ލިބޭ ފާފަ ބޮޑު ކަމަށް މާތްﷲ ވަހީ ކުރައްވާފައިވާ ހިނދު މުސްލިމުން ރަލުން ލިބޭ ފާފައަށް ނުބަލާ ހަމައެކަނި ލިބޭ މަންފާއަށް ބެލުމަކީ ދެދުނިޔޭގަ ވެސް މީހާ އަބާއްޖަވެރިވާނެ ކަމަށެވެ.
ޝެއިޚް ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ވިދާޅުވީ ހަރާމް ކުރެއްވި އެއްޗެއް ވިއްކައިގެން ލިބޭ އާމްދަނީ ހަރާން ވާނެ ކަމަށެވެ.
ކޮންމެ މީހަކު ވެސް ގޯސްކޮށް އެއްޗެއް ބުނެފިނަމަ ވަނީ ގޯހަކަށް ކަމަށާއި، މުހައްމަދު ނަޝީދު ވިދާޅުވި ބަހަކަށް ޖަވާބުދިން ކަމަށްޓަކައި ވަރަށް ގިނަ އިންޒާރުތައް އަންނަމުންދާ ކަމަށް ވެސް އިޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން ޝެއިޚް އަލީ ޒައިދު ވިދާޅުވީ ފާޅުކަން ބޮޑު ނުބައި ވާހަކަތަކާ ނުބައި މަގުސަދުތައް އެކުލެވޭ ހައިޑެން ޕްލޭންތަކަށް އެންމެހާ ރައްޔިތުން ސަމާލުވެގެން ތިއްބެވުން އެދޭ ކަމަށާއި، ފައިސާއިން ޖީބު ފުރިއަސް ކައްވަޅަށް ދަނީ ހަމަ ހުސްއަތާ ކަމަށެވެ. އަދި މުސްލިމުންނަށް އާހިރަތް ވެސް އެބައޮތް ކަމަށާއި، މިކަން ހަނދާންނައްތާނުލުމަށް ޝެއިޚް ގޮވާލެއްވިއެވެ.
ފައިސާގެ ދަޅަ މީހުންނަށް ދައްކައިގެން 800 އަހަރުއްސުރެ އޮތް އިސްލާމްދީނާ އިސްލާމީ ގައުމިއްޔަތާ އަހުލާގިއްޔަތު ފުޑާލާ ފަސާދަ އުފައްދަން ނޫޅުއްވުމަށް ވެސް ޝެއިޚް ޒައިދު ގޮވާލެއްވިއެވެ.
ޝެއިޚް ޒައިދު ވިދާޅުވީ މިފަދަ މީހުންނަށް ކުރިއަށް އިންތިޚާބުގައި ދިވެހި އެއްވެސް މުސްލިމް ރައްޔިތަކު ވޯޓު ނުދިނުމަށް އެދޭ ކަމަށެވެ.







