ކ. މާލެ
|
6 ފެބްރުއަރީ 2019 | ބުދަ 19:12
ސްރީލަންކާގައި ދިރިއުޅޭ ގިނަ ދިވެހިން ވަނީ ރައީސް ސޯލިހުއާ ބައްދަލުކުރައްވާފައި
ސްރީލަންކާގައި ދިރިއުޅޭ ގިނަ ދިވެހިން ވަނީ ރައީސް ސޯލިހުއާ ބައްދަލުކުރައްވާފައި
ރައީސް އޮފީސް
ރައީސް ސޯލިހުގެ ލަންކާ ދަތުރުފުޅު
ރައީސް ސޯލިހުގެ ލަންކާ ދަތުރުފުޅުން، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް އުފާވެރި ގިނަ ޚަބަރުތައް!
 
އެ ގައުމުގައި އުޅޭ ދިވެހިންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް އަބަދުވެސް ދިވެހި އެމްބަސީން އެހީތެރިވާނެ ކަމަށް ސަފީރު ވިދާޅުވެފައިވޭ
 
ސްރީލަންކާގައި އުޅޭ ދިވެހިންނަށް މާލޭގައި އުޅޭ ދިވެހިންނެކޭ އެއްފަދައިން "އާސަންދަ" އަންނަ އެޕްރީލްމަހުން ފެށިގެން ލިބިގެންދާނެ

"މިއީ ދެން އެއް ފެމިލީއެއް ނޫންތޯ، އެހާ ބޮޑަށް ހާސްވެ ނުލައްވާ" މިއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ލަންކާއަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅުގެ ކަންތަކުގެ އިންތިޒާމްތަކުގައި، އިސްކޮށް ހުންނެވި ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އުމަރު އަބްދުލް ރައްޒާގުގެ އަރިހުގައި ސިލޯނުގެ ފޮރިން މިނިސްޓްރީގެ ބޭފުޅުން ވިދާޅުވި ބަސްފުޅެކެއެވެ.

މި ބަސްފުޅު އަޑުއިވުމުން ދޭހަވެގެން ދިޔައީ ސްރީލަންކާ އިން ރާއްޖެއާ ދޭތެރޭ ދެކެމުން އަންނަ ގާތްކަމާއި ކުލުނެއެވެ. ދިވެހިންނަށް  އަމިއްލަ ފަސްގަނޑު ފިޔަވާ ހިޖްރަކޮށްގެން އުޅެން އެންމެ ފަސޭހަ ގައުމަކަށް ވެފައި އޮންނަނީ ވެސް ސްރީލަންކާއެވެ.

މާލެ ސިޓީ އާއި އައްޑޫސިޓީ ފިޔަވާ ދިވެހިން އެ ފަސްގަނޑެއްގައި އެންމެ ގިނައިން އުޅޭ ގައުމަކީ ސްރީލަންކާއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގާތްގަނޑަކަށް 17000 ހާހަށް ވުރެ ގިނަ  ދިވެހިން  އެކި ބޭނުންތަކައް ހިޖްރަކޮށްގެން ސްރީލަންކާގައި ދިރިއުޅެއެވެ. އެހެންކަމުން ރާއްޖޭގެ ރަށެއްގެ އާބާދީގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ކަންތައްތައް ސްރީލަންކާގައި ދިރިއުޅޭ ރައްޔިތުންނަށް ދިވެހި ސަރުކާރުން ފޯރުކޮށްދިނުމަށް، އެ ގައުމުގައި އުޅޭ ދިވެހިން އެދެމުންދެއެވެ.

ގިނަ އަދަދެއްގެ ދިވެހިން ސްރީލަންކާގައި ދިރިއުޅޭ

އެގޮތުން ބަލާއިރު، ރާއްޖޭގައި އުޅޭ ދިވެހިންނަށް އާސަންދަ ފޯރުކޮށްދޭ އުސޫލުން، އެ ގައުމުގައި އުޅޭ ދިވެހިންނަށް އާސަންދަ ފޯރުކޮށްދިނުމަށް ލަންކާގައި ދިރިއުޅޭ ދިވެހިން ދިޔައީ ކޮންމެ ސަރުކާރެއްގައި ވެސް އެދެމުންނެވެ. އަމިއްލަ ގައުމު ދޫކޮށް ލަންކާގައި ގިނަ ދިވެހިން ދިރިއުޅެނީ ކުދިންނަށް މަތީ ތައުލީމް ހާސިލްކޮށް ދިނުމަށެވެ. ގާތްގަނޑަކަށް 7،000 އާއި 8،000 އާއި ދެމެދުގެ އަދަދެއްގެ ދިވެހިން ޕްރީސްކޫލުން ފެށިގެން މަތީ ތައުލީމު ހާސިލްކުރުމަށް ސްރީލަންކާގައި ދިރިއުޅެެއެވެ. މަތީ ތައުލީމް ހާސިލްކުރަމުންދާ ފަރާތްތަކައް އިންޓްރެސްޓް ކުޑަ ގޮތަކަށް ދައުލަތުން ލުއި ލޯނު ހަމަޖައްސައިދިނުމަށް ކޮންމެ ސަރުކާރެއްގައި ވެސް އެ މީހުން ދިޔައީ އެދެމުންނެވެ. ލަންކާގައި ދިރިއުޅޭ އާއިލާތަކަށް އެންމެ އުދަގޫވާ ކަމެއްގެ ގޮތުގައި އޮންނަ ވިސާގެ ކަންތަކަށް  ލުއި ފަސޭހަ ހައްލެއް ހޯދައިދިނުމަށް ހުރިހާ ސަރުކާރެއްގައި ވެސް ދިވެހިން ދިޔައީ އެދެމުންނެވެ.

ލަންކާގައި ދިރިއުޅޭ ދިވެހިންގެ މި އެދުންތައް ފުއްދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިހާރު މި ވަނީ މަސައްކަތް ފައްޓަވާފައެވެ. ރައީސް ސޯލިހު މި މަހުގެ ތިންވަނަ ދުވަހުން ފެށިގެން ފަސްވަނަ ދުވަހުގެ ނިޔަލަށް ލަންކާއަށް ކުރެއްވި ތިންދުވަހުގެ ދަތުރުފުޅުގައި އެންމެ އިސްކަމެއް ދެއްވީ ސްރީލަންކާގައި ދިރިއުޅޭ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާތަކައް ހައްލެއް ހޯއްދަވައިދެއްވުމަށެވެ.

ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި މި މަހުގެ ތިންވަނަ ދުވަހު އެ ގައުމުގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ސްރީލަންކާގައި ދިރިއުޅޭ ރައްޔިތުންނަށް އަންނަ އެޕްރީލްމަހުގެ 1 ވަނަ ދުވަހުން ފެށިގެން މާލޭގައި ދިރިއުޅޭ ރައްޔިތުންނެކޭ އެއްގޮތަށް އާސަންދަ ހަމަޖެހިގެންދާނެ ކަމަށެވެ. ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުން ބުނެފައިވަނީ ރައީސް ދެއްވީ ވަރަށް އުފާވެރި ޚަބަރެއް ކަމަށާއި، އެކަމަށް އެ މީހުން އިންތިޒާރުކުރަމުން އަންނަތާ ލައްކަ ދުވަސްވެއްޖެ ކަމަށެވެ. 

ދިވެހި އެމްބަސީން ދަނީ އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ އުދަގޫތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރަމުން

ރައީސް ސޯލިހު ވިދާޅުވީ އެ މަނިކުފާނާއި މީގެ ކުރިން ސްރީލަންކާއިން ބައްދަލުވި ދިވެހިން އެދުނީ މަތީ ތައުލީމް ހާސިކްކުރަމުންދާ ކުދިން ނަގަމުން އަންނަ ލޯނަށް ލުޔެއް ހޯއްދަވައިދެއްވުމަށެވެ. އެގޮތުން މަތީ ތައުލީމް ހާސިލް ކުރަން ބޭރުގައި ކިޔަވަން އުޅޭ ދަރިވަރުން ނަގާ ލޯނު މިހާރު ވާނީ ތިނެއް އިން ސައްތައަށް ކުޑަކޮށްފައެވެ. ލޯނު އަބުރާ ދައްކަންޖެހޭ މުއްދަތު ކުރިއަށް ވުރެ 25 އިން ސައްތަ އިތުރުކޮށްދީފައިވާ ކަމަށް ވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ސްރީލަންކާގައި ދިރިއުޅޭ މީހުންނަށް ދިމާވެފައިވާ ވިސާގެ މައްސަލަ އަށް ހައްލެއް ހޯދައިދިނުމަށްވެސް ރައީސް ސޯލިހުވަނީ މަސައްކަތް ފައްޓަވާފައެވެ. ބުދަ ދުވަހު ސްރީލަންކާ ރައީސް އޮފީހުގައި ބޭއްވުނު ދެ ގައުމުގެ ރައީސުންގެ މަޝްވަރާ ބައްދަލުކުރެއްވުންތަކުގައި ދިވެހި ސަރުކާރުން ވަނީ މި ކަމަށް އެދިފައެވެ. ސްރީލަންކާގައި ކިޔަވާ ދިވެހި ދަރިވަރުންނާއި، އެދަރިވަރުންގެ ބެލެނިވެރިންނަށް ދިގު މުއްދަތަކަށް ވިސާ ދޫކުރެވޭނެ ގޮތްތަކާއި ވިޔަފާރީގެ ވިސާ ފަހިކުރުމަށް މަޝްވަރާކުރެއްވިއެވެ. ސްރީލަންކާ ސަރުކާރުން މި ކަމާއި ގުޅޭ ގޮތުން ބުނެފައިވަނީ މި ކަން ބަލާނެ ކަމަށެވެ.

ދެޤައުމުގެ ވެރިންވަނީ ދެޤައުމު ގުޅިގެން އެއްބާރުލުން ދިނުމާއި ދެޤައުމުގެ ފައިދާއަށް މަސައްކަތްކުރުމަށް އެކުލަވާލާފައިވާ ޖޮއިންޓް ކޮމިޝަންގެ ހަތަރުވަނަ ބައްދަލުވުން މިއަހަރު ސްރީލަންކާގައި ބޭއްވުމަށްވެސް ނިންމަވާފައެވެ. މީގެ އިތުރުން ދެ ރައީސުންގެ މަޝްވަރާތަކުގައި ދެޤައުމުގެ ރައްޔިތުން ވިޔަފާރި އާއި ސަޤާފީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައި ވެއެވެ.

ރައީސް ސޯލިހުގެ މި ދަތުރުފުޅުން ސްރީލަންކާގައި ދިރިއުޅޭ ގިނަ ރައްޔިތުންނަށް މި ވަނީ ލުއި ފަސޭހަ އަދި އެ މީހުން އެދެމުން ދިޔަ ގިނަ ކަންތަށްތަކެއް ފުއްދަދެއްވާފައެވެ. މީގެ އިތުރުންވެސް ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އުމަރު އަބްދުލް ރައްޒާގުވެސް ގެންދަވަނީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ ހުރިހާ މައްސަލަތަކަށް ލުއި ފަސޭހަ ގޮތްތަށް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
50%
0%
50%
0%
0%
ކޮމެންޓް