އަދީބަށް ދޭންޖެހޭ ފަރުވާގެ ހުރަކަށް ނުވާނަން: މިނިސްޓަރު އިމްރާން
4 ފެބުރުއަރީ 2019 | ހޯމަ 15:49ފަރުވާ ދިނުމަށް ދޭންޖެހޭ ފުރިހަމަ އެެއްބާރުލުން ދޭނަން


އަދީބުގެ އަރިހުގައި އަނބިކަނބަލުން ނަޝްވާ
ކުރީގެ ނައިބު ރައީސް އަދި ތަފާތު އެކި މައްސަލަތަކުގައި 33 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖަލަށް ލާފައި ހުންނެވި އަހުމަދު އަދީބަށް ދޭންޖެހޭ ފަރުވާގެ ހުރަކަށް ވެވަޑައިނުގަންނަވާނެ ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޝެއިހް އިމްރާން މިހެން ވިދާޅުވީ ޑޮކްޓަރުން ލަފާދީފައިވާ ގޮތަށް އަދީބުގެ ބަޔޮޕްސީ ހެއްދުމަށް އެމަނިކުފާނުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ކުރެއްވި ޓްވީޓަށް ދެއްވި ޖަވާބުގައެވެ. ބަޔޮޕްސީއަކީ ކެންސަރު ހުރިތޯ ބެލުމަށް ހަދާ ޚާއްސަ ޓެސްޓެކެވެ.
ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން ނަޝްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދީބުގެ އެއްބަނޑުއެއްބަފާ ބޭބޭ ކެންސަރު ބަލީގައި މަރުވެފައިވާ ކަމަށާއި، އަދީބު ވެސް ކެންސަރު ބައްޔަށް ސްރީން ކުރުމަށް ޑޮކްޓަރު ލަފާދީފައިވާ ކަމަށެވެ. ނަޝްވާ ވިދާޅުވީ މަރުވި ބޭބެގެ ހަށިގަނޑުގައި ވެސް ސިސްޓް ނެގި ތަނުގައި އަދީބުގެ ވެސް ސިސްޓެއް އުފެދިފައިވާ ކަމަށާއި، ސިސްޓެއް އުފެދުނުކަން އެނގުނީއްސުރެ، ސިސްޓް ކެންސަރަށް ބަދަލުވެދާނެތީ ވީހާ ވެސް އަވަހަކަށް އަދީބަށް ފަރުވާ ދިނުމަށް ޑޮކްޓަރު ލަފާދީފައިވާ ކަމަށެވެ.
ނަޝްވާ ވިދާޅުވީ އެއްވެސް މީހެއްގެ ނުފޫޒެއް ނެތި، އަދީބަށް ބަޔޮސްޕީ ހެދުމުގެ ފުރުސަތު ދޭންޖެހޭ ކަމަށެވެ. އެހެންކަމުން ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މި ފުރުސަތު ފަހިކޮށްދެއްވުމަށް ނަޝްވާ ވަނީ ގޮވާލައްވާފައެވެ.
ނަޝްވާގެ މި ޓްވީޓަށް ރައްދު ދެއްވާ މިނިސްޓަރު އިމްރާން ވިދާޅުވީ އަދީބު ނުވަތަ އެހެން ގައިދީއަކަށް ވިއަސް ލިބެންޖެހޭ ފަރުވާއަކަށް ހުރަސް ނާޅުއްވާނެ ކަމަށާއި، ފަރުވާ ދިނުމަށް ދޭންޖެހޭ ފުރިހަމަ އެެއްބާރުލުމާއި، އެހީތެރިކަން ދެއްވާނެ ކަމަށެވެ.
އަދީބުގެ ބޭބެ މުހައްމަދު ނައީމް 2008 ވަނަ އަހަރު މަރުވީ ހަށިގަނޑުގައި ނެގި ސިސްޓެއް ކެންސަރަށް ބަދަލުވުމާ ގުޅިގެން އެކަމަށް ފަރުވާ ހޯދަމުން ގެންދަނިކޮށް ކަމަށް އާއިލާ އިން ބުނެފައި ވެއެވެ.







