ވައުދު ފުއްދަން ކޯލިޝަންގެ ވަކި ޕާޓީއެއްގެ މެޖޯރިޓީއެއް ބޭނުމެއް ނުވޭ: އަމީން
22 ޑިސެމްބަރު 2018 | ހޮނިހިރު 13:32އަމީން މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައި


ރައީސް ސޯލިހު (ކ) އަމީން އިބްރާހީމް (ވ)
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަން ކޯލިޝަންގެ ވަކި ޕާޓީއަކަށް މެޖޯރިޓީ ބޭނުން ނުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.
އަމީން މިހެން މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައިއެވެ.
އަމީން ވިދާޅުވީ، ކޯލިޝަން ސަރުކާރެއްގެ ގޮތުގައި ވެރިކަން ކޮށްދިނުމަށް ވުރެ ބޮޑު ވައުދެއް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނުވާ ކަމަށެވެ. ރައީސް ސޯލިހް ރައީސް ކަމަށް ހޮވާފައި ވަނީ މަޖިލީސް އިއްތިހާދުގެ ވަކި ޕާޓީގެ މެޖޯރިޓީ އޮވެގެން ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އަމީން ވިދާޅުވީ، ވައުދެއް ފުއްދަން ކޯލިޝަންގެ ވަކި ޕާޓީއެއްގެ މެޖޯރިޓީ ބޭނުމެއް ނުވާނެ ކަމަށެވެ. ބޭނުންވަނީ އިހްލާސް ތެރިކަން ކަމަށެވެ.
އަމީން މި ފަދަ ގޮތަކަށް ވިދާޅުވެފައިވާއިރު، ސަރުކާރުގެ ރިޔާސީ ވައުދުތައް ފުއްދޭނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ހއ. އިހަވަންދޫގެ ރައްޔިތުންނާއި މުހާތަބުކޮށް ވިދާޅުވެފައެވެ.
މި ސަރުކާރުގެ އަމާން އޮމާންކަމާ އެކު ކުރިއަށް ގެންދިއުމަށް މަޖިލީހުގެ މެޖޯރިޓީ ކޮންމެހެން ވެސް ނަގަން ޖެހޭ ކަމަށް މީގެ ކުރިން ވެސް އެމްޑީޕީގެ ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރިޔާސީ ދެ ކޮމިޝަނަށް ބާރުދޭ ގޮތަށް ހުށަހެޅި، ބިލް ފާސްނުކޮށް މަޖިލިސް ޗުއްޓީއަށް ދާން ޖެހުމުން އެކަމާ ހިތާމަ ކުރައްވާ ކަމަށް ރައީސް ސޯލިހު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.







