ޖަމީލު ކުރިމަތިލައްވަނީ ވިލިމާލެ ދާއިރާއަށް
22 ޑިސެމްބަރު 2018 | ހޮނިހިރު 07:20ވިލިމާލެ ރައްޔިތުންނަށް ޒަމާނީ ތަރައްގީން ހައްގުވާ މިންވަރު ހޯދަދޭން ޖެހޭ


ޑރ މުހައްމަދު ޖަމީލް އަހުމަދު
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވިލިމާލެ ދާއިރާއަށް ކުރިމަތިލައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ވަނީ ވިލިމާލެ ދާއިރާއަށް ވާދަކުރައްވަން ނިންމާފައިވާކަން ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ.
އެގޮތުން ހޮނިހިރު ދުވަހުގެ ރޭ ޑރ. ޖަމީލު ވަނީ ވިލިމާލޭގެ ތަރައްގީއާ މެދު ކަންބޮޑުވުންފާޅު ކުރައްވައި ޓްވީޓް ވެސް ކުރައްވާފައެވެ. އެ ޓްވީޓްގައި ޑރ. ޖަމީލު ވިދާޅުވީ ވިލިމާލެ ރައްޔިތުންނަށް ޒަމާނީ ތަރައްގީން ހައްގުވާ މިންވަރު ހޯދަދޭން ޖެހޭ ކަމަށެވެ. އަދި އެ މަސައްކަތް ފެށުން މާ ބޮޑަށް ވެސް ލަސްވެފައިވާ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރު މަގާމުގައި ވެސް ހުންނެވި ޑރ. ޖަމީލު ވިދާޅުވީ ކޯލިޝަން ދަމަހައްޓާ ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.
ވިލިމާލެ ދާއިރާއަށް ކުރިމަތިލެއްވުމަށް ޖަމީލު ނިންމަވާފައިވާއިރު، އެމްޑީޕީ ޕްރައިމަރީގައި އެންމެ ގިނަ ކެންޑިޑޭޓުން ވެސް ވާދަ ކުރަނީ ވެސް ވިލިމާލެ ދާއިރާއަށެވެ.








