މަޖިލިސް އިންތިޚާބާއި ބެހޭ ގޮތުން އެއްބަސްވުމެއް ނޯންނާނެ: ތަރުޖަމާނު
3 ޑިސެމްބަރު 2018 | ހޯމަ 14:44ކޯލިޝަން ދަމަހައްޓަން ރައީސް މަސައްކަތްޕުޅު ކުރައްވާނެ


ގުޅިފައިވާ ކޯލިޝަންގެ ހަތަރު ލީޑަރުން
ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބުގައި ވާދަކުރުމާއި ގުޅޭގޮތުން ކޯލިޝަންގެ މެދުގައި ހެދިފައިވާ އެއްބަސްވުމެއް ނޯންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީ. އަށް މައުލޫމާތު ދެއްވަމުން ހޫދު ވިދާޅުވީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހަށް ކޯލިޝަނުން ވާދަކުރުމާއި ބެހޭ ގޮތުން ރަސްމީކޮށް ހަތަރު ލީޑަރުންގެ މެދުގައި އެއްބަސްވެފައި ނުވާކަމަށެވެ.
ހޫދު ވިދާޅުވީ ކޯލިޝަން ދެމެހެއްޓުމައްޓަކައި ރައީސް މަސައްކަތްޕުޅު ކުރައްވާނެކަމަށެވެ. އަދި ކޯލިޝަންގެ ތެރޭގައި މަޖިލީސްގެ އިންތިހާބާއި ގުޅިގެން އެއްވެސް މައްސަލަތަކެއް ޖެހިފައި ނުވާ ކަމަށް ހޫދު ވިދާޅުވިއެވެ.
ހޫދު ވިދާޅުވި ގޮތުގައި މަޖްލިސް އިންތިޚާބާއި ގުޅޭ ގޮތުން ބައެއް ފަރާތްތަކުން އޮޅުން އަރާގޮތަށް ވާހަކަ ދައްކަމުންދާ ކަމަށެވެ.
މަޖްލިސް އިންތިޚާބާއި ބެހޭ މައްސަލަތައް ފެންމަތިވީ އެމްޑީޕީން ކުރިޔަށް އޮތް މަޖިލީސް އިންތިހާބުގައި އިންތިޚާބީ ހުރިހާ ދާއިރާތަކަށް ވާދަ ކުރުމަށް އެޕާޓީގެ ގައުމީ މަޖިލީހުން ނިންމުމުންނެވެ.
މަޖިލިސް އިންތިހާބުގައި ވެސް ސަރުކާރު ކޯލިޝަނުން ވާދަކުރާނީ އެކުގައި ކަމަށް ބުނާ ލިޔުމެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. ކޮންމެ ޕާޓީ އަކަށް ވަކި ވަރަކަށް ގޮނޑި ދިނުމަށް އެ އެއްބަސްވުމުގައި ވާކަމަށް ވާހަކަ ދެކެވިފައިވެ އެވެ. ނަމަވެސް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އިން ބުނަނީ އެފަދަ އެއްބަސްވުމެއް ނޯންނާނެ ކަމަށެވެ.







