ކ. މާލެ
|
8 ނޮވެންބަރ 2018 | ބުރާސްފަތި 18:05
ތިޖާރީ ތައުމީނަކީ: ގެއްލުމުގެ ބަދަލު ލިބިގަތުމަށް ކުރެވޭ ތައުމީނެވެ.
ތިޖާރީ ތައުމީނަކީ: ގެއްލުމުގެ ބަދަލު ލިބިގަތުމަށް ކުރެވޭ ތައުމީނެވެ.
ޓްވިޓަރ
ޙަލާލު އިންޝުއަރެންސް
ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން
 
އެއްގަމުގެ ތައުމީން ބެހެނީ ދެ ބަޔަކަށް: އެއީ ޙަޔާތުގެ މައްޗަށް ކުރެވޭ ތައުމީނާއި، ލިބޭ ގެއްލުމުގެ ބަދަލުދޭގޮތަށް ކުރާ ތައުމީނެވެ.

(28 އޮކްޓޯބަރ 2081 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ލިޔުމާ ގުޅޭ(

 

ތިޖާރީ ތައުމީނު ބެހިފައިވާ ބައިތައް.

ތިޖާރީ ތައުމީނު ބެހިފައި ވަނީ ދެބަޔަކަށެވެ. އެއީ ހ. ކަނޑުމަތީގައި ދިމާވާ ކަންކަމުގެ ތައުމީނާއި، ށ. އެއްގަމުގައި ދިމާވާ ކާރިސާތަކަށް ދެވޭ ތައުމީނެވެ. ކަނޑުގެ ތައުމީނުގައި ހިމެނެނީ، ކަނޑާއި، ކޯރާއި، ވައިގެމަގުން ދަތުރުކުރާ އުޅަނދުފަހަރާ ގުޅުންހުރި ތައުމީނެވެ. އެއްގަމުގެ ތައުމީނުގައި ހިމެނެނީ، އިންސާނުންގެ ޙަޔާތުގެ މައްޗަށް ކުރެވޭ ތައުމީނާއި، ގެއްލުމުގެ ބަދަލު ލިބިގަތުމަށް ކުރެވޭ ތައުމީނެވެ.

ހ. ކަނޑުގެ ތައުމީން.

ކަނޑުގެ ތައުމީނު ކުރެވޭނީ: ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް، ދިމާވެދާނެ، ނުވަތަ ލިބިދާނޭ ގެއްލުމަކަށް ކުރާ ތައުމީނާއި، އެއުޅަނދު ފަހަރުގައި އުފުލާ މުދަލާއި، ތަކެއްޗަށް ލިބިދާނޭ ގެއްލުމަށެވެ. އަދި މިކަންކަން ކޯރުތަކުގައި ދުއްވާ އުޅަނދުފަހަރުގައި ވެސް ތައުމީނު ކުރެވެއެވެ. ހަމަ މިފަދައިން ވައިގެ މަގުން ދަތުރުކުރާ އުޅަނދު ފަހަރާއި، އޭގެން ދަތުރުކުރާ މީހުންނާއި، އެއިން އުފުލާ ތަކެތީގެ ތައުމީނު ވެސް ހިމެނެނީ ހަމަ މި ބައިގެ ތެރޭގައެވެ.

ށ. އެއްގަމުގެ ތައުމީން.

މިތައުމީނު ދެބަޔަކަށް ބެހެއެވެ. އެއީ ޙަޔާތުގެ މައްޗަށް ކުރެވޭ ތައުމީނާއި، ލިބޭ ގެއްލުމުގެ ބަދަލުދޭގޮތަށް ކުރާ ތައުމީނެވެ.

1. ޙަޔާތުގެ މައްޗަށް ކުރެވޭ ތައުމީން.

މި ތައުމީނުގައި ދެބާވަތެއް ވެއެވެ. އެއީ އިންސާނެއްގެ ޢުމުރު ދުވަހަށް ކުރެވޭ ތައުމީނާއި، ވަކި މުއްދަތަކަށް ކުރެވޭ ތައުމީނެވެ. މިބައިގައި ހިމެނެނީ، އެކްސިޑެންޓް ފަދަ ކަންކަން ދިމާވެދާނެ ޙާލަތްތަކާއި، އެކަމުގެ ސަބަބުން، ތައުމީނު ކޮށްދިނުމަށް އެދޭމީހާ އަށް ފަހަރެއްގައި ލިބިދާނެ ގެއްލުމުގެ ބަދަލު ލިބިދޭ ގޮތަށް ކުރާ ތައުމީނާއި، އޭނާ ބައްޔެއްވުމުން، އެބައްޔަށް ބޭސްފަރުވާ ކޮށްދިނުމަށް ޝަރްޠުކޮށް ކުރާ ތައުމީނެވެ.

2. ލިބޭ ގެއްލުމުގެ ބަދަލުދޭގޮތަށް ކުރާ ތައުމީން.

މި ވައްތަރުގެ ތައުމީނު ވެސް ދެ ބަޔަކަށް ބެހިވެގެން ވެއެވެ. އެއީ ތަކެއްޗަށް ލިބޭ ގެއްލުމުގެ ބަދަލަށް ދެވޭ ތައުމީނާއި، ވަޒީފާ އަދާކުރުމުގައި ނުވަތަ މަސްއޫލިއްޔަތެއް އަދާކުރަނިކޮށް ލިބޭ ގެއްލުމަށް ބަދަލު ދެވޭގޮތަށް ކުރެވޭ ތައުމީނެވެ.

ތަކެއްޗަށް ލިބޭ ގެއްލުމަށް ލިބި ދެވެނީ (މިސާލަކަށް) ގެއެއް، ނުވަތަ ކާރެއް، ނުވަތަ ބޯޓެއް، ލޯންޗެއް ފަދަ އެއްޗެއް އަނދައިގެން ދިއުން، ނުވަތަ ވަގަށް ނެގުން ފަދަ ޙާލަތެއް ދިމާވުމުންނެވެ. ވަޒީފައެއް ނުވަތަ މަސްއޫލިއްޔަތެއް އަދާކުރަނިކޮށް ލިބޭ ގެއްލުމުގެ ބަދަލު ދެވޭ މިސާލަކީ: އެކްސިޑެންޓަކުން ގެއްލުންވުން، އެގޮތުން ކާރެއް ނުވަތަ އެފަދަ އުޅަނދެއް ދުއްވަނިކޮށް ހިނގާ އެކްސިޑެންޓެއްގެ ސަބަބުން މީހަކަށް ގެއްލުމެއް ލިބުން ނުވަތަ ނުކުޅެދޭ މީހަކަށް ވުން ފަދަ ކަންކަމުގެ ބަދަލުދޭން ޖެހުމެވެ.

ތައުމީނުގެ ޢަޤްދުގެ ރުކުންތައް.

  1. ތައުމީނުގެ ޢަޤްދުކުރާ ދެފަރާތް
  2. ތައުމީނުކުރެވޭ ގެއްލުން،
  3. ތައުމީނުކޮށްދިނުމަށް އެދޭމީހާ ދައްކާ ފައިސާ،
  4. ލިބޭ ގެއްލުމުގެ ބަދަލުގައި ލިބޭ ފައިސާ، މިއެވެ.

މި ހަމަތަކަށް ބަލާއިރު ތައުމީނަކީ އިސްލާމީ ޝަރީޢަތާ ފުށުއަރާ ކަމެކެވެ. ނަމަވެސް އިސްލާމީ ޢިލްމުވެރިންނާއި އިޤްތިޞާދީ ޢިލްމުވެރިންގެ ތެރެއިން އިސްލާމީ ޝަރީޢާ ދެނެވަޑައިގަންވާ ބޭފުޅުންގެ މަސައްކަތުން މިހާރު މިވަނީ އިސްލާމް ދީނުގައި ހުއްދަ ޙަލާލު އިސްލާމިކް އިންޝުއަރެންސްގެ ނިޡާމެއް ޤާއިމު ކުރެވިފައެވެ. އަދި މި ނިޡާމަށް މިކިޔަނީ "ތަކާފުލު" އެވެ. ތަކާފުލު އިންޝުއަރެންސްގެ ސަބަބުން ހުއްދަ ޙަލާލު ގޮތުގައި ކުންފުނި ހިންގައިގެންނާއި، ކުންފުނީގައި ބައިވެރިވާ ކަސްޓަމަރުންނަށް މެ، ދެފަރާތަށް ފައިދާ ލިބޭ އުޞޫލުން ހުއްދަ ޙަލާލު ތައުމީނު ވަނީ މުޅި ދުނިޔެއަށް ތަޢާރަފު ވެފައެވެ.

މި ނިޡާމަކީ އިސްލާމީ ހަމަތަކުގެ މަތިން ހިންގާ ނިޡާމަކަށް ވުމުން މިނިޡާމް ޤަބޫލުކުރަނީ އަކީ ހަމައެކަނި މުސްލިމް ދުނިޔޭގައި އެކަންޏެއް ނޫނެވެ. ކީއްތޯއެވެ! ޣައިރު މުސްލިމުން ވެސް މި ނިޡާމުގެ ހިޔަލުގައި މަސައްކަތް ކޮށް ފައިދާ ލިބިގަންނަމުން ދާކަން އެއީ ޙަޤީޤަތެކެވެ. ރާއްޖޭގެ ފިނޭސް މިނިސްޓަރުކަން ކުރެއްވި ޢަބްދުﷲ ޖިހާދު "އިސްލާމީ ފައިނޭންސްގެ އަސާސް" ކިޔާ ލުއިފޮތެއްގައި ލިޔުއްވާފައި ވެއެވެ. "މި އަދު ދުނިޔޭގައި އިސްލާމީ ފައިނޭންސް ބޭނުންކުރަނީ ހަމައެކަނި މުސްލިމުން އެކަންޏެއް ނޫނެވެ. ކޮންމެ ދީނެއްގެ ކޮންމެ ބަޔަކަށް ވެސް އިސްލާމިކް ފައިނޭންސް ބޭނުންކުރުމުގެ ދޮރު ހުޅުވިފައި އޮތުމުގެ ނަތީޖާ އަކީ ސެކިއުލަރ ޤައުމުތަކުން ވެސް މިއަދު އިސްލާމިކް ފައިނޭންސްގެ ޚިދުމަތް ދޭން ފެށުމެވެ. ދުނިޔޭގައި ކުރިއަރާފައިވާ ބޮޑެތި ޤައުމުތައް ކަމުގައިވާ އޮސްޓްރޭލިޔާ، ފްރާންސް، ޖަރމަނީ، ޔޫކޭ، އަދި އެމެރިކާ ފަދަ ޤައުމުތަކުގައި އިސްލާމިކް ފައިނޭސްގެ އެކިއެކި ޚިދުމަތްތައް ލިބެން ހުރެއެވެ."

ނުނިމޭ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް