ކ. މާލެ
|
25 އޮކްޓޯބަރ 2018 | ބުރާސްފަތި 10:32
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
މުހައްމަދު ޝަރުހާން
އަދީބުގެ ބޭސްފަރުވާގެ މައްސަލަ
ބޭސްފަރުވާއަށް ގައުމުން ބޭރަށް ދިއުމުގެ ފުރުސަތު އަދީބަށް ދޭންޖެހޭ: ރައީސް މައުމޫން
ސިއްހީ ހާލުކޮޅު ވަނީ އިތުރަށް ގޯސްވެފައި
ގޭބަންދަށް ބަދަލު ކުރަންޖެހޭ ކަމަށް ޑޮކްޓަރުން ވަނީ ލަފާދެއްވާފައި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ބޭނުންވާ ބޭސްފަރުވާގެ ކަންކަން ހަމަޖެއްސުމަށް ރާއްޖެ އިން ބޭރަށް ދިއުމުގެ ފުރުސަތު ދޭންޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވެފައި ވަނީ އަދީބު ޖަލަށް ލެވުނުތާ ތިން އަހަރުގެ ވެގެން ގޮސްފައިވާ ކަމަށެވެ. ހުރިހާ ގައިދީންނެކޭ އެއްގޮތަށް އަދީބަށް ވެސް ސިއްހީ ފަރުވާ ހޯދެއްވުމަށް ޑޮކްޓަރުން ލަފާދެއްވާ ގޮތެއްގެ މަތިން ރާއްޖެއިން ބޭރަށް ދިއުމުގެ ފުރުސަތު ލިބެންޖެހޭ ކަމަށެވެ.

މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، އަހުމަދު އަދީބުގެ ސިއްހީ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެގޮތުން ކިޑްނީގައި ހިލަ އުފެދުމާއި ސިސްޓް އުފެދިފައިވުމުން ފަރުވާދޭންޖެހޭ އިރު ލޮލުގެ ހާލަތު ވެސް ދުވަހުން ދުވަހަށް ގޯސްވަމުންދާ ކަމަށް އެނާ ވިދާޅުވިއެވެ. ކޮންމެ މީހަކަށް ވެސް ސިއްހީ ފަރުވާ އެންމެ ފުރިހަމަ ގޮތުގައި ލިބެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވެފައި ވަނީ އަދީބުގެ އެންމެ ފަހުގެ ސްކޭންތަކުން އެތެރެ ހަށީގައި އިތުރު ސިސްޓް އަދި ހިލަތަކެއް އުފެދިފައިވާ ކަމަށެވެ. އަދި ސިއްހީ ހާލަތު ކުރިއަށް ވުރެ ވެސް ގޯސްވެފައިވާތީ ގޭބަންދަށް ބަދަލުކޮށް ފަރުވާ ދިނުމަށް ޑޮކްޓަރު ލަފާދެއްވާފައިވާ ކަމަށެވެ.

މިމަހުގެ 10 ވަނަ ދުވަހު ކިޑްނީގެ ޓެސްޓުތަކެއް ހެދުމަށް އަދި ޔޫރޮލޮޖިސްޓަކަށް ދެއްކުމަށް އަދީބު އައިޖީއެމްއެޗަށް ގެނެވުނެވެ. އެދުވަހުވަނީ ސީޓީ ސްކޭނެއްވެސް ހައްދާފައެވެ.

އަދީބުގެ ސިއްހީ ހާލަތާއި ގުޅިގެން ރާއްޖެއިން ބޭރަށް ދިއުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާ އިރު ސަރުކާރުން ދަނީ އެކަމަށް ހުރަސް އަޅަމުންނެވެ. ރައީސް އަބްދުﷲ ޔާމީންގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި އަދީބު އުޅުއްވި ނަމަވެސް އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެން ތިން ދައުވާއެއް ސާބިތުކޮށް 33 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އެ މައްސަލައިގައި ގިނަ ދައުވާތަކެއް އުފުލި ޝަރީއަތްތައް ދަނީ މިހާރު ވެސް ހިނގަމުންނެވެ.

އަދީބުގެ ބޭސްފަރުވާއާ ގުޅިގެން މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ތ.ގުރައިދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އަދީބު ނެންގެވި ފައިސާ އަނބުރާ ދެއްކުމުން ނޫނީ ބޭސްފަރުވާއަށް ދިއުމަށް ފުރުސަތު ދެވެން ނެތް ކަމަށެވެ. ދައުލަތުން ނެގި ފައިސާ އަނބުރާ ދެއްކުމުން ނޫނީ ކިތަންމެ ބަލިވި ކަމުގައިވީ ނަމަވެސް އެމީހެއްގެ އިންސާނީ ހައްގެއް އޮންނާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް