ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ވަކި ނުކުރަނީސް އަވަހަށް އިސްތިއުފާދެއްވުމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެންބަރުން ގޮވާލައްވައިފިއެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާފައިވާއިރު މިވަގުތު މަސީހަށް އެންމެ ރީތި ގޮތަކީ ރައީސްކަމުގެ މަގާމުން އިސްތިއުފާދިނުން ކަމަށެވެ.
"އަޅުގަނޑު މިއަދުވެސް އިހްތިރާމާއެކު ދަންވާނީ މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް. މަޖިލީހުގެ މަސައްކަތްތައް ފެށުމަށް ފުރުސަތު ދެއްވުމަށް. އަޅުގަނޑުމެން ކުރަން ހުރި ވަރަށް ބައިވަރު މަސައްކަތްތަކެއް އެބަހުރި،" ރިޔާޒު ވިދާޅުވިއެވެ.
މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ މީގެ ކުރިން 45 މެންބަރުންގެ ސޮޔާއެކު މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅި ނަމަވެސް މިއަދު އެ މައްސަލަ ހުށަހަޅާފައިވަނީ 51 މެންބަރުންގެ ސޮޔާއެކު ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެން އުންމިދު މިކުރަނީ ވީހާވެސް އަވަހަކަށް މިކަން އެޖެންޑާ ކުރެވިގެންދިއުން. އޭގެ ކުރީގައި ވެސް އިލްތިމާސްއަކީ މަސީހު އިސްތިއުފާދެއްވުން. މިވަގުތު އެގޮނޑީގައި މަސީހު އިނުމަކީވެސް ލަދުވެތި ކަމެއް،" ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ މީގެ ކުރީގައިވެސް އެމަގާމުގައި މަސީހު އިންނެވުމަކީ ލަދުވެތިކަމެއް ކަމަށާއި އެހެން ނަމަވެސް އެގޮތަށް ކަންތައް ކުރެއްވީ ކަމަށެވެ. އެކަން ކުރައްވާފައިވަނީ ސަރުކާރުގެ ބާރާއި ނުފޫޒުގެ ތެރެއިން ކަމަށެވެ. މީގެ ކުރީގައި އަބަދުވެސް މަޖިލީހަކީ ކޮންމެ ވަގުތެއްގައިވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވަދެވޭ ތަނެއް ކަމަށެވެ. އެހެން ނަމަވެސް މަސީހު މަޖިލީހުގެ ރައީސް ކަމުގައި އިންނަވާ ސިފައިންގެ ބެލުމުގެ ދަށަށް ގެނެސް މަޖިލީހަށް ނުވަދެވޭ ގޮތްވެސް ހެއްދެވި ކަމަށެވެ.
މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމު ވިދާޅުވީ ރައްޔިތުންގެ ހައްގުގައި އެންމެ ރީތި އަދި އެންމެ ރަނގަޅު ގޮތަކީ އަވަހަށް އިސްތިއުފާ ދެއްވުން ކަމަށެވެ.