ކ. މާލެ
|
24 އޮކްޓޯބަރ 2018 | ބުދަ 18:56
ސީލައިފް ގްލޯބަލް އޮފީސް
ސީލައިފް ގްލޯބަލް އޮފީސް
ފާތިމަތު ޝަނާ މުހައްމަދު
ސީލައިފްގެ މައްސަލަ
ސީލައިފް އިން ފައިސާ ނުދައްކައިގެން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި
 
މި މައްސަލަ ވަނީ އޭސީސީ އާއި ފުލުހުންނަށް ވެސް ހުށަހަޅާފައި
 
ފައިސާ ދޭނެ ކަމަށް ގިނަ ތާރީހުތަކެއް ދީފައިވޭ
 
180 މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައި

ސީލައިފް ގްލޯބަލް އިން ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައިވާ މައްސަލައާ ގުޅިގެން އެފައިސާ ހޯދުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

މިކަމާ ގުޅޭ ގޮތުން ގާނޫނީ ވަކީލު ފާތިމަތު ބަދޫރާ ވިދާޅުވީ، ސީލައިފް އަށް ގިނަ އަދަދެއްގެ ފައިސާ މަކަރާ ހީލަތާއި އޮޅުވާލުމެއްގެ ތެރެއިން ހޯދާފައިވާތީ އެޕާޓްމެންޓް ގަތުމަށް ފައިސާ ދެއްކި ދެ މީހެއްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ވައްދަވާފައި ވަނީ ހޯމަ ދުވަހު ކަމަށެވެ. .ބަދޫރާ ވިދާޅުވީ އަދިވެސް އިތުރު 20 މީހެއްގެ މައްސަލަ ހުށަހެޅުއްވުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ސީލައިފް އަށް ބުކިންގ ފީއަށް 50000ރ. ދައްކާ ޑައުން ޕޭމެންޓްގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކި މީހެއްގެ އިތުރަށް ބުކިންގ ފީއަށް 50000ރ. ދައްކައި ޑައުންޕޭމެންޓަށް ހަތަރު ލައްކަ ރުފިޔާ ދައްކާފައިވާ މީހެއްގެ މައްސަލަ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ވެސް ވަނީ ފުލުހުންގެ އިދާރާ އާއި އެންޓިކޮރަޕްޝަން ކޮމިޝަނަށް ވެސް މައްސަލައެއް ވައްދާފައެވެ.

ސީލައިފްގެ ފަރާތުން 180 އަށް ވުރެ ގިނަ މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައިވާ އިރު އަދި މިހާތަނަށް އެކުންފުނިން އިމާރާތް ކުރާ އެއްވެސް ފްލެޓެއްގެ އަމަލީ މަސައްކަތެއް ނުކުރެއެވެ. ހައުސިންގ ޑިވެލޮޕްމެންޓް ކޯރަޕޭޝަން (އެޗްޑީސީ) ބުނާ ގޮތުން ފްލެޓަށް ޑައުންޕޭމެންޓް ނެގެން ޖެހޭނީ ތަރައްގީ ކުރާ ފްލެޓްގެ ހަތް ޝީޓް އެޅުމަށްފަހުއެވެ.

އޮޅުވާލުންތަކެއްގެ ތެރެއިން ގިނަ ބައެއްގެ އަތުން ފައިސާ ހޯދާފައިވާ އިރު ސީލައިފް އިން ފައިސާ ނެގި އެކި ފަރާތްތަކާ އެގްރީމެންޓް ވެސް ކުރެވިފައި ވަނީ އެކި ގޮތްގޮތަކަށެވެ. އެގޮތުން ތިން ރޫމް އެޕާޓްމެންޓް 3 މިލިއަން ރުފިޔާއަށް ވިއްކުމަށް ބައެއް ފަރާތްތަކާ އެގްރީމެންޓް ކުރެވިފައިވާ އިރު އަނެއްބައި ފަރާތްތަކާ ތިން ރޫމް އެޕާޓްމެންޓް އެއް މިލިއަން ރުފިޔާ އަށް ވެސް ވިއްކުމަށް އެގްރީމެންޓް ކުރެވިފައިވެއެވެ.

ސީލައިފް ގްލޯބަލް އަށް ހުޅުމާލޭގައި ގިނަ އަދަދެއްގެ ފްލެޓްތަކެއް އެޅުމަށް 2014 ވަނަ އަހަރުގެ މަރޗު މަހުގެ 13 ވަނަ ދުވަހު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަވާލު ކޮށްފައިވެއެވެ. އެ އަހަރުގެ އޭޕްރީލް މަހު އެ މަޝްރޫއުގެ ބިންގާ އަޅުއްވައި ދެއްވާފައި ވަނީ ރައީސް އަބްދުﷲ ޔާމީނެވެ. އެޗްޑީސީން އެ ކުންފުންޏާ ހަވާލުކުރީ ކޮންޓްރެކްޓަރ ފައިނޭންސުގެ އުސޫލުން 3000 ހައުސިން ޔުނިޓް އެޅުމަށެވެ. ދިވެހިން ހިތްޖެހޭ ފަދަ މޮޑެލްއަކާ އެކު ބުކިން ފީއެއްގެ ގޮތުގައި 50000ރ. ދައްކާ ގޮތަށް ފްލެޓް ގަތުމަށް ހުޅުވާލުމާ އެކު ގިނަ ބަޔަކު ފޯމް ނެގުމަށް ކިޔު ޖެހުނެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ސީލައިފް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ވިދާޅުވީ، ފްލެޓް ގަތުމަށް ފައިސާ ދައްކާފައިވާ 180 މީހުންގެ ތެރެއިން މިހާތަނަށް ފައިސާ އަނބުރާ ނުދެވި ވަނީ 87 މީހުންނަށް ކަމަށާއި އެހެން މީހުންނަށް ފައިސާ ދައްކާފައިވާ ކަމަށެވެ. ބާކީ ނުދެއްކި ވަނީ ގާތްގަނޑަކަށް 19 މިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ، ފްލެޓްތަކުގެ މަސައްކަތް ލަސްވެގެންދަނީ ކޮންޓްރެކްޓަރެއްގެ ގޮތުގައި މަސައްކަތް ހަވާލު ކޮށްފައިވާ ލަންކާގެ ކޮރަލް ހޯލްޑިންގްސް އާ ދެމެދު ޖެހުނު މައްސަލަތަކަކާ ގުޅިގެން ކަމަށެވެ. އެފައިސާ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ދޭނެ ކަމަށް އޭރު އޭނާ ވިދާޅުވި ނަމަވެސް އަދިވެސް އެފައިސާ އަނބުރާ ދައްކާފައެއް ނުވެއެވެ.

އޭގެ ފަހުން އަހުމަދު މޫސާއާ ގުޅުމުން އެކަމަށް ޖަވާބު ދެއްވާފައެއް ވެސް ނުވެއެވެ.

ސީލައިފް އިން ގިނަ އަދަދެއްގެ ފައިސާތަކެއް އާންމު ރައްޔިތުންގެ އަތުން ނަގާފައިވާ އިރު އެޗްޑީސީން ވެސް ހައުސިންގ މިނިސްޓްރީން ވެސް އަދި ސަރުކާރުގެ އެއްވެސް ވުޒާރާއަކުން މިހާ ހިސާބަށް އައިރު ވެސް އެއްވެސް ބަހެއް ހާމަކޮށްފައެއް ނުވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
0%
0%
0%
100%
0%
0%
ކޮމެންޓް