އަންނަ އަހަރު ސްކޫލުތަކުގެ ކުދިންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރ އަށް ތަކެތި ދޫކުރުމަށް ރަޖިސްޓަރ ވުމަށް ހުޅުވާލައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ 2019 ވަނަ އަހަރު ދަރިވަރުންނަށް ދޫކުރެވޭ ސްޓޭޝަނަރީ ވައުޗަރ އަށް ކްރެޑިޓަށް ތަކެތި ދޫކުރުމަށް އެދި މިމިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ލިސްޓް ވެސް އާންމުކޮށްފައެވެ.
ލިސްޓުގައި ވަނީ 37 ބުކްޝޮޕެއްގެ ނަން ހިމަނާފައެވެ.
ސަރުކާރުގެ ހަރަދުގައި ސްޓޭޝަނަރީ ގަންނަން ބޭނުންވާ ފަރާތްތަކުން އޮކްޓޫބަރު 31 ގެ ނިޔަލަށް ރަޖިސްޓްރީ ވުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
މި ފާއިތުވެދިޔަ އަހަރުގައި ވެސް ވަނީ ސްޓޭޝަނަރީ ގަތުމަށް ބޭނުންވާ ވައުޗަރު ބޭނުންވާ ފަރާތްތަކުން ރަޖިސްޓަރ ވުމަށް އެދިފައެވެ. އެގޮތުން 2017 ވަނަ އަހަރުގެ އޮގަސްޓް މަހު ފުރުސަތު ހުޅުވާލާފައެވެ.
މީގެ އިތުރުން 2016 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި ކިޔަވަމުންދާ ކުދިންނަށް ސްޓޭޝަނަރީ ވައުޗަރ ދިނުން ހުއްޓާލާފައެވެ. އެގޮތުން އިންޓަރނޭޝަނަލް ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންގެ ފޮތް ލިސްޓާއެކު ސަރުކާރުން ހިލޭ ދެމުންދިޔަ ސްޓޭޝަނަރީ ވައުޗަރ ދިނުން ހުއްޓާލިއެވެ. އެއާއެކު އިންޓަރނޭޝަނަލް ސްކޫލުތައް ކަމުގައިވާ ޣިޔާސުއްދީން ސްކޫލާއި ބިލަބޮންގ ސްކޫލުގެ ދަރިވަރުންނަށް ސްޓޭޝަނަރީ ހިލޭ ނު ދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވެއެވެ.