ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން ވަނީ ހުކުމް އިއްވާފައި ކަމަށް ގާނޫނީ ވަކީލު ހިސާނު ހުސައިން ވިދާޅުވެއްޖެއެވެ.
އިންތިހާބު ބާތިލް ކުރުމަށް ރައީސް އަބްދުﷲ ޔާމީން ހުށަހަޅުއްވާފައިވާ މައްސަލައިގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ތަދައްހުލު ވެފައިވާ ޓީމުގައި ހިމެނޭ އިސް ގާނޫނީ ވަކީލު ހިސާނު ވިދާޅުވީ، ދިވެހި ރައްޔިތުން 23 ސެޕްޓެމްބަރުގައި އިއްވި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ރައްޔިތުންގެ ވޯޓަކީ ރައްޔިތުންގެ ހުކުމް ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީން ހުށަހެޅުއްވި މި މައްސަލައާ ގުޅިގެން ހިސާނު މީގެ ކުރިން ވިދާޅުވީ، މި މައްސަލައަކީ އިންތިހާބުން ބަލިވުމާ ގުޅިގެން ޕީޕީއެމް އިން އަމިއްލައަށް އުފައްދައިގެން އުޅޭ މައްސަލައެއް ކަމަށެވެ. މިއީ އެއްވެސް އަސާސެއް ނެތް މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމިނުގެ ހިޔާލީ ވާހަކައިގައި ހިމެނެނީ ފޮހެވޭ ފާހަގައަކާއި ދެލި ފޮހެވޭ ގަލަމަކާއި އަދި ލިޔެވޭ އަނގޮޓިއެއްގެ އިތުރުން ވޯޓު ކަރުދާސް ފޮހެވޭ ރަބަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުން ވަނީ މި މައްސަލައިގެ އެންމެ ފަހު އަޑުއެހުން ނިންމާލާފައެވެ. ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމެވެ.