އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރ ޝޯކޯ ނޯޑާ އާއި ޓްރާންސިޝަން ކޮމިޓީގެ ޗެއަރމަން އަބްދުﷲ ޝާހިދު ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވާ އިރު ޝާހިދު ވަނީ ޓްރާންސްސިޝަން ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި ޓްރާންސްސިޝަން ކޮމިޓީތަކުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަ ކުރައްވާފައެވެ.
އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރ މީގެ ކުރިން ވަނީ އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާ ވެސް ބައްދަލު ކުރައްވާފައެވެ.
ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބަށް ފަހު ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ ތެރެއިން އެކި ވުޒާރާތަކާ ސަރުކާރުން ދަނީ ބައްދަލު ކުރަމުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވެފައި ވަނީ އެކުލަވާލާފައިވާ 13 ކޮމިޓީ އިން ދައުލަތުގެ 67 އަދަދެއްގެ އިދާރާތަކާ ބައްދަލުކޮށްފައިވާ ކަމަށެވެ. އެ ކޮމިޓީތަކުގައި 418 ބޭފުޅަކު ތިއްބަވައެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ކޮމިޓީތަކުގައި ތިއްބެވީ ވަރަށް ގާބިލު ތަޖުރިބާކާރު ބޭފުޅުންނެވެ. އަދި އެ ބޭފުޅުން މަސައްކަތް ކުރައްވަނީ، އެއްވެސް އުޖޫރައަކާ ނުލައި ވޮލަންޓިއަރުންގެ ގޮތުގައި ކަމަށެވެ.