ގަވައިދާ ހިލާފަށް ބިމުން ފެން ނަގައި ފެންބޭރުކޮށްފައި ވާތީ، އެމްޑަބްލިއުއެސްސީ އާއި ހައުސިންގ މިނިސްޓްރީ ޖޫރިމަނާކޮށްފިއެވެ.
އެންވަޔަރަންމެންޓް ޕްރޮޓެކްޝަންސް އޭޖެންސީ (އީޕީއޭ) އިން ބުނެފައިވާ ގޮތުގައި ބިމުން ފެންނަގައި ފެން ބޭރު ކުރުމުގެ ގަވައިދުގެ ހަތް ވަނަ މާއްދާގެ، (ހ) ގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް މާލޭގެ ހަވީރީ ހިނގުން ސަރަހައްދުގައި ބިމުން ފެންނަގައި ފެން ބޭރުކުރުމުގެ ހުއްދައަށް އެދި އެ އެޖެންސީއަށް ހުށަހެޅުމެއް ނެތި މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އިން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެމްޑަބްލިއުއެސްސީ އިން މިކަން ކޮށްފައިވަނީ ޖުލައި 11 އިން 16 ވަނަ ދުވަހުގެ ނިޔަލަށެވެ. މިކަމާ ގުޅިގެން އީޕީއޭ އިން ވަނީ އެކުންފުނި 55000ރ. އިން ޖޫރިމަނާކޮށްފައެވެ.
މީގެ އިތުރުން ހައުސިންގ މިނިސްޓްރީ ވެސް އީޕީއޭ އިން ވަނީ ޖޫރިމަނާކޮށްފައެވެ. ހައުސިންގ މިނިސްޓްރީގެ އިމާރާތް ހުންނަ ކޮމްޕައުންޑުގެ ހުޅަނގު ކަންމަތީގައި މި އަހަރުގެ ޖުލައި 10 ވަނަ ދުވަހު ބިމުން ފެން ނަގައި ފެން ބޭރުކޮށްފައިވާ ކަން އީޕީއޭ އިން ކުރި ތަހުގީގުން އެނގޭ ކަމަށް އީޕީއޭ އިން ބުނެއެވެ. އެހެން ކަމުން 50000ރ. އިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
މި ޖޫރިމަނާ ފައިސާ 30 ދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރުމަށް އެމްޑަބްލިއުއެސްސީ އާއި ހައުސިންގ މިނިސްޓްރީއަށް އީޕީއޭއިން ވަނީ އެދިފައެވެ.