ސަރުކާރުގެ ވުޒާރާތަކުގެ މިނިސްޓަރުން ވެސް ސުޕްރީމް ކޯޓު ސަރަހައްދުގައި ކިއު ގައި ޖެހިއްޖެއެވެ.
ރިޔާސީ އިންތިހާބު ބާތިލް ކުރުމަށް ރައީސް އަބްދުﷲ ޔާމީން ހުށަހެޅި މައްސަލައިގެ އަޑުއެހުން ކުރިއަށްދާއިރު ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒާއި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުގެ އިތުރުން ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އާއި އެންވަޔަރަންމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ވެސް ކިއުގައި ތިއްބެވިއެވެ. މީގެ އިތުރުން ވެސް ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި ކޯޑިނޭޓަރުން ވެސް ކިއުގައި ތިއްބެވި އެވެ.

ހެނދުނު 10 ޖެހީއްސުރެ ސުޕްރީމް ކޯޓު ސަރަހައްދުގައި ކިއު ހަދަން ފެށި އިރު ނަން ނޯޓު ކުރަން ފަށަނީ 12:00 ގައެވެ.
ސުޕްރީމް ކޯޓު ސަރަހައްދަށް ގިނަ ބަޔަކު އެއްވެފައިވާ އިރު ފުލުހުންނާއި ސިފައިން ދަނީ އެސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.
ދުސްތޫރީ މައްސަލަ އެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިރު މި މައްސަލައި ގައި ގުޅިފައިވާ ފާޓީތަކުން ވެސް ވަނީ މައްސަލައިގައި ތަދައްހުލުވެފައެވެ.