ޕީޕީއެމް އިން ވޯޓު އޮޅުވާލުމަށް ގެނައި އަނގޮޓިތައް ޕީޕިއެމްގެ އިސް އެކްޓިވިސްޓުންގެ އަތުގައި މިހާރު ވެސް އެބަ ހުރި ކަމަށް މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން ވިދާޅުވެއްޖެއެވެ.
ސިނާން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ކޯލިޝަންއާ ދެކޮޅަށް ދޮގު ހެކި ދިނުމަށް އެކްޓިވިސްޓުންނަށް މަޖުބޫރު ކުރަމުންދާ ކަމަށެވެ. އަދި ދޮގު ހެކި ނުދޭ މީހުން ވަޒީފާ އިން ވަކިކުރާނެ ކަމުގެ އިންޒާރު ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސިނާން މިހެން ވިދާޅުވެފައިވާ އިރު ވޯޓު ކަރުދާހާ ގުޅޭ ގޮތުން ހަގީގަތާ ހިލާފަށް ހެކިބަސް ދިނުމަށް އެދި، އެމް7 ގެ ގިނަ އަދަދެއްގެ މުވައްޒަފުންނަށް ރިޝްވަތު ހުށަހެޅި މައްސަލައެއް އެމް7 ގެ މެނޭޖްމެންޓުން ވަނީ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން ވަނީ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ވައްދާފައެވެ. ރައީސް ޔާމީންގެ ފަރާތުން މައްސަލަ ހުށަހެޅުއްވި މުހައްމަދު ސަލީމު (ރޭނީސް ސަލީމް) ވިދާޅުވީ، އިންތިހާބާ ގުޅޭ ގިނަ ޝަކުވާތަކެއް ޕީޕީއެމް އޮފީހަށާއި ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ބޭފުޅުންނަށް ރައީސް ޔާމީނަށް ސަޕޯޓްކުރާ ގިނަ ފަރާތްތަކުން ހުށަހަޅާފައިވާ ކަމަށެވެ.