ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ދޫކުރުމުގައި ހަމަހަމަ ފުރުސަތުތަކެއް ކަނޑައަޅާދިނުމަށް އެދި ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބަލައިގެންފިއެވެ.
މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ އޭޖީ އޮފީހުގެ ކުރީގެ ވަކީލެއް ކަމުގައިވާ މަރިޔަމް ޝުނާނާއެވެ.
މި މައްސަލައިގެ ދައުވާގައި ބުނެފައިވަނީ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުގެދަށުން ހުޅުމާލެއިން ގޯއްޗަށް އެދުމަށްޓަކައި ފޯމު ދޫކުރުމަށް ނިންމާފައިވާ އުސޫލަކީ ގާނޫނު އަސާސީއާއި ގާނޫނާއި ގާނޫނީ އުސޫލުތަކާ ހިލާފަށް ބޯހިޔާވަހިކަމުގެ ފުރުސަތުތައް އެދުމަށް ބޭނުންވާ ގިނަ ރައްޔިތުންނަށް އެ ފުރުސަތަށް އެދުމުގެ ހައްގުން މަހްރޫމްވާ ފަދަ ގޮތަކަށް އެކުލަވާލެވިފައިވާ އުސޫލެއް ކަމަށެވެ. އަދި އެ އުސޫލުގެ ސަބަބުން ފޯމު ހުށަހަޅަން ބޭނުންވާ ރައްޔިތުންނަށް ލާއިންސާނީ ރަހުމު ކުޑަ އަނިޔާ ލިބޭނެ ކަމަށް ދައުވާގައި ބުނެއެވެ.
ބޯހިޔާވަހިކަން ބޭނުންވެފައިވާ މީހުންގެ މަޖުބޫރީ ހާލަތުގެ ނާޖާއިޒް ފައިދާ ނަގާ އެކަށީގެންވާ ވަރަށް ވުރެ ބޮޑު ތަކްލީފްތައް އުފުލަންޖެހޭ ފަދަ އުސޫލެއް ކަމަށް ވާތީ، ހުޅުމާލެއިން ގޯއްޗަށް އެދުމަށް ޝަރުތު ހަމަވާ އެންމެހައި ރައްޔިތުންނަށް އެ ފުރުސަތު ލިބޭނެ ގޮތަށް އެކަށީގެންވާ މުއްދަތަކަށް ފޯމު ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމަށް ފަހު މެނުވީ ހުޅުމާލެއިން ގޯއްޗަށް އެދިފައިވާ މީހުންގެ ފޯމުތައް އިވެލުއޭޓްކޮށް ގުރު އަތުލުމުގެ ކަންކަން ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅާއި ދިނުމަށް އެދި ހުށަހަޅާ ކަމަށް ބަޔާން ކޮށްފައިވެއެވެ.
މި މައްސަލައާއި އެކު ވަގުތީ ގޮތުން ފޯމު ދޫކުރުން ހުއްޓާލުމަށް ވެސް ކޯޓުގައި ވަނީ އެދިފައެވެ.
މައްސަލަ ހުށަހެޅުއްވި ފަރާތްކަމުގައިވާ ޝުނާނާ ވިދާޅުވީ، ވަގުތީ އަމުރަކަށް އެދުނީ، ފޯމު ބަލައިގަތުމަށް ނިންމާފައިވާ އުސޫލަކީ ގާނޫނު އަސާސީއާއި ގާނޫނީ އުސޫލުތަކާއި ހިލާފަށް އެތައް ބައެއްގެ ހައްގަށް އުނިކަން ލިބޭތީ ކަމަށެވެ.
މި މައްސަލަ ކޯޓަށް ހުށަހަޅާފައިވާ އިރު ހުޅުމާލެއިން 1000 އަކަފޫޓުގެ 400 ގޯތި ދޫކުރުމަށް އަންނަނީ ފޯމު ދޫކުރަމުންނެވެ. ފޯމު ހުށަހެޅުމަށް ގިނަ އަދަދެއްގެ ބަޔަކު ހައުސިންގ މިނިސްޓްރީގައި ފާއިތުވެދިޔަ ތިން ދުވަހުގައި ވަނީ ހުށަހަޅާފައެވެ.