ވޯޓު ކަރުދާހާ ގުޅޭ ގޮތުން ހަގީގަތާ ހިލާފަށް ހެކިބަސް ދިނުމަށް އެދޭ ކަމަށް ބުނާ މައްސަލަ ބަލައި ދިނުމަށް އެމް7 އިން ފުލުހުންނަށް ހުށަހަޅައިފިއެވެ.
އެމް7ގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އަބްދުއްސައްތާރު ވިދާޅުވީ، އެތަނުގެ މުވައްޒަފުންތަކަކަށް ރިޝްވަތު ދިނުމަށް މަސައްކަތްކުރި ކަމަށާއި އެކަން ހިނގާފައި ވަނީ މިދިޔަ ހަފްތާގައި ކަމަށެވެ. ބައެއް މުވައްޒަފުންނަށް ބޮޑެތި އަދަދުތަކުން ފައިސާ ހުށަހަޅައި، ހަގީގަތާ ހިލާފަށް ހެކިބަސް ދިނުމަށް އެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސައްތާރު ވިދާޅުވީ، މައްސަލަ ހުށަހަޅާފައިވާ ކަމަށާއި ބައެއް މުވައްޒަފުން އެ މައުލޫމާތުތައް ކުންފުނީގެ އިސްވެރިންނަށް އެންގުމުން ބިރު ދައްކާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ވޯޓު ކަރުދާސް ޕްރިންޓްކޮށްފައި ވަނީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެން. އަޅުގަނޑުމެންނަކީ ޗެކް ޕްރިންޓް ކުރުމުގައި ވެސް މިވަގުތު ހުރި އެންމެ މޮޅު ޓެކްނޮލޮޖީތައް ބޭނުންކުރާ އެއްތަން. މި ފަހަރު އަޅުގަނޑުމެން ހުށަހަޅާފައިވާ އަގަކީ 3.6 މިލިއަން ރުފިޔާ. އެއީ ކުޑަ އަދަދެއް،" ސައްތާރު ވިދާޅުވިއެވެ.
އެމް7 އިން ވޯޓު ކަރުދާސް ޗާޕުކުރުމުގެ ކަންކަމުގައި ޕްރޮފެޝަނަލް ނޫން ގޮތަކަށް އެއްވެސް ކަމެއް ހިނގާފައިނުވާނެ ކަމަށާއި ކިތަންމެ ބިރެއް ދެއްކިނަމަވެސް މިކަމުގެ ތެރެއިން ދެވޭނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިފަދަ ކަންކަންމުގައި ކަމާގުޅޭ އިދާރާތަކަށް އެމް7 އިން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހަގީގަތާ ހިލާފު ހެކިބަސް ދިނުމަށް އެދިފައި ވަނީ ޕީޕީއެމްއަށް ނިސްބަތްވާ ބައެކެވެ.
ރިޔާސީ އިންތިހާބުގައި 264756 ވޯޓު ކަރުދާސްކޮޅު ޗާޕު ކުރެވުނެވެ. ކަރުދާހުގެ ސެކިއުރިޓީ ފީޗާސްތަކާ ގުޅޭ ގޮތުން އިންތިހާބުގެ ކުރިން އިދިކޮޅު ފަރާތްތަކުން ސުވާލުތައް އުފެއްދި އިރު މިހާރު ޕީޕީއެމުން ގެންދަނީ ތަފާތު އެކި ތުހުމަތުތައް ކުރަމުންނެވެ.