ހއ. ހޯރަފުށީގެ ގެއަކުން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނަގައިފިއެވެ.
މި މައްސަލައިގައި ފުލުހުން ވަނީ މިހާތަނަށް ތިން މީހުން ހައްޔަރުކޮށްފައެވެ. މިމައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 28 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނަކާއި 35 އަހަރުގެ ފިރިހެނެކެވެ.
މިމީހުންގެ ތެރެއިން 34 އަހަރުގެ މީހާއާއި 28 އަހަރުގެ މީހާ ހައްޔަރު ކޮށްފައިވަނީ އޮކްޓޯބަރު 6 ވަނަ ދުވަހު ހޯރަފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައެވެ. އަދި 35 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އޮގަސްޓް 09 ވަނަ ދުވަހުއެވެ.
މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ހޯރަފުށީ ގެއެއްގެ އަލަމާރީގައި ހުރި 111000ރ . (އެއްލައްކަ އެގާރަހާސް ރުފިޔާ) ވަގަށް ނަގާފައިވާ ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅުމު މައްސަލައަކާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރު ކުރެވުނު ދެމީހުންގެ އަތުން 63500ރ. (ފަސްދޮޅަސްތިންހާސް ފައްސަތޭކަ ރުފިޔާ) ވަނީ ފެނިފައެވެ. މިފައިސާތައް ފެނިފައިވަނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ 34 އަހަރުގެ މީހާ ދިރިއުޅެމުންދާ ގެ ބަލައިފާސްކޮށް، އެގޭ ބަދިގެތެރޭގައި ވަޅުލާފައި އޮތް ކޮތަޅެއްގެ ތެރެއިން ފެނުނު ސިޓީ އުރައެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ އުމުރުން 34 އަހަރުގެ މީހާއާއި 28 އަހަރުގެ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
މިމައްސަލަ ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަނުންދަނީ ތަހުގީގު ކުރަމުންނެވެ.