ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުމަކީ ދައުލަތުގެ މުއައްސަސާތަކުން ރާވައިގެން ހިންގާފައިވާ ޖިނާއީ ބޮޑު ކުށެއް ކަމަށާއި މަޖިލީހުގެ ބާރު ކަނޑުވާލުމަށް ކުރި މަސައްކަތްތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލެންޖެހޭނެ ކަމަށް ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ތުލުސްދޫ ދާއިރާގެ މެންބަރުގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން، 14 މަސް ދުވަހަށް ފަހު ހޯމަ ދުވަހު ނިންމާފައިވާއިރު، ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒު ވިދާޅުވީ ގޮނޑި ގެއްލުވާލި މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމި ނިންމުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައްޔިތުންގެ ހައްގުގައި ކުރުމަށް ރާވާފައިވާ ކަންކަން ކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ.
ޕީޕީއެމް އަށް ނިސްބަތްވާ ގިނަ އަދަދެއްގެ މެމްބަރުން ރައީސް އަބްދުﷲ ޔާމީނަށް ތާއިދު ނުކުރައްވާކަން ހާމަކުރައްވައި، އެ ޕާޓީގެ ބާނީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަޅި ހިޔާރުކުރެއްވުމުން، އެންޓި ޑިފެކްޝަން ގާނޫނު ތައާރަފުކޮށް މެމްބަރުންގެ ގޮނޑި ގެއްލުވާލަމުން ދިޔައީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް މެމްބަރުންނާއި ގާނޫނީ ވަކީލުން ވިދާޅުވެ އެވެ.
މި އަމަލު ހިންގެވީ ރިޔާޒު ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީނާއި ގަދަބާރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އަރައި ހުންނެވި އަބްދުﷲ މަސީހާއި އޭރުގެ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާ ގުޅިގެން ކަމަށެވެ.
މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވާލީ އެ މަނިކުފާނު ކަމަށް ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ރައީސް ޔާމީން ވަނީ އިއުތިރާފުވެވަޑައިގެންފަ އެވެ،
"މިއަދުގެ ހުކުމުގައި ވަރަށް ސާފުކޮށް، މިފަދަ ކަންކަމަކީ ކަނޑައެޅިގެން ކުރެވޭނެ ކަންކަމެއް ނޫން ކަން. ޖިނާއީ ބޮޑު ކުށެއްގެ ތެރެއިން މަޖިލީހުގެ މަސައްކަތް ހުއްޓާލިކަން އެނގިގެންދިޔައީ." ރިޔާޒު ވިދާޅުވިއެވެ.
މަޖިލީހުގެ ބާރު ކަނޑުވާލި މައްސަލައަކީ އިންސާފުގެ މަގަށް ރާއްޖެ ގެންދިއުމަށް ކޮންމެހެން ބެލެން ޖެހޭނެ ކަމެއް ކަމަށާއި މަޖިލީހުގެ ބާރު ކަނޑުވާލި މައްސަލައަކީ ހަމައެކަނި މި މައްސަލައިން ނިމެން ޖެހޭނެ ކަމެއް ނޫން ކަމަށެވެ.
ސުޕްރީމް ކޯޓުގެ ނިންމުމުން 12 މެންބަރުންގެ ގޮނޑި ނުގެއްލޭނެ ގޮތަށް ނިންމާނެ ކަމާމެދު ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ،