ތިމާވެއްޓަށް ދޭ ގެއްލުންތަކާ ގުޅިގެން ޖޫރިމަނާ ކުރެވުނު 20 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މައްސަލަ އިސްތިއުނާފު މަރުހަލާގައި ނުނިމި ގިނަދުވަސްވެފައިވުމުގެ ސަބަބުން އެފައިސާ ދައުލަތަށް ނުލިބިވާކަން އެންވަޔަރަންމަންޓް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
2017 ވަނަ އަހަރުގެ އެންވަޔަރަންމަންޓް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އަންގާ އެންގުމެއް، ބަޔާން ކޮށްފައިވާ ސަބަބުތަކުގެ ތެރެއިން ސަބަބަކާ ހުރެ އިސްތިއުނާފު ކުރުމުގެ ފުރުސަތު ޖޫރިމަނާ ކުރެވޭ ފަރާތަށް ލިބިގެންވާ ކަމަށެވެ.
ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން 2009 ވަނަ އަހަރުން ފެށިގެން އީޕީއޭ އިން ކޮށްފައިވާ ޖޫރިމަނާތަކާގުޅޭ ބައެއް މައްސަލަތައް އިސްތިއުނާފުގެ މަރުހަލާގައި ހުރި އިރު 2017 ވަނަ އަހަރުގެ ނިޔަލަށް ވެސް އިސްތިއުނާފުގެ މަރުހަލާ ނުނިމި ގިނަ މައްސަލަތަކެއް ހުރިކަން އޮޑިޓް ރިޕޯޓުން އެނގިގެންދެއެވެ.
އިސްތިއުނާފު މަރުހަލާ ދިގުލައި ދިއުމުގެ ސަބަބުން އީޕީއޭ އަށް ގާނޫނުން ލިބިދޭ ފައިސާ ހޯދުމުގެ ބާރު ހަނިވެގެންދާ ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ. އެގޮތުން 2009 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް ޖުމުލަ 20 މިލިއަން ރުފިޔާ އިސްތިއުނާފުގެ މަރުހަލާގައި ވަކި ގޮތެއް ނުނިމި އެބައޮތެވެ.
ޖޫރިމަނާ ކޮށްފައިވާ 15 މައްސަލައެއް އޮޑިޓް އޮފީހުން ފާހަގަ ކޮށްފައިވެއެވެ.
އެގޮތުން 2009 އަހަރު ގދ.ވަޓަވައްރެހާއާއި އީއައިއޭ އާއި ހިލާފަށް ތިމާވެއްޓަށް ގެއްލުންވާ ގޮތަށް މަސައްކަތްތަކެއް ކުރުމުގެ ސަބަބުން 12.9 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާ މައްސަލައާއި 2011 ވަނަ އަހަރު ސްޓެލްކޯ ގައު ކޮށި ސައިޓްގައި ތެޔޮ ލީކުވި މައްސަލައިގައި 3.3 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައިވާ މައްސަލަ އާއި 2015 ވަނަ ގއ.ދާއްދޫ އިންޖީނުގޭ ތެޔޮ ޓޭންކަކުން ބިމަށް ތެޔޮ އެޅުނު މައްސަލައިގައި 2.6 މިލިއަން ރުފިޔާއިން ޖޫރިމަނާކުރި މައްސަލަ ހިމެނެއެވެ. މީގެ އިތުރުން ހަމައެއަހަރު އީއައިއޭ ހުއްދަ ނެތި އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ މައްސަލައިގައި ހަތް ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފައިވާ މައްސަލަ ވެސް އޮތީ އިސްތިއުނާފު މަރުހަލާގައެވެ.
މީގެ އިތުރުން 2016 ވަނަ އަހަރުގެ މައްސަލަތަކުގެ ތެރޭގައި ހެންވޭރު ހޯލްމެޓް ކުރިމަތީގައި ބޮޑުތަކުރުފާނު މަގުގައި ހުއްދަ ނުހޯދައި ޑީވޯޓަރ ކުރުމުން ހަތަރު ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރި މައްސަލަ އާއި ހިމާޔަތްކޮށްފައިވާ ދޫނި ހިފައި ގެންގުނުޅު މައްސަލައިގައި އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރި މައްސަލަވެސް ހިމެއެވެ.
މިމައްސަލަ ތަކުގެ އިތުރަށް 2017 ވަނަ އަހަރުގައި ނުވަ މައްސަލައެއްގައި އީޕީއޭ އިން ޖޫރިމަނާކޮށްފައިވެ އެވެ. އެގޮތުން ހިމާޔަތްކޮށްފައިވާ ދޫނި ހިފުމުގެ މައްސަލަތަކާއި ބ.ހަނިފަރަށް ދޯންޏެއް އުރުމުގެ މައްސަލަވެސް ހިމެނެއެވެ.
އޮޑިޓް އޮފީހުން ބުނެފައިވަނީ މިފަދަ މައްސަލަތައް އިސްތިއުނާފުގެ މަރުހަލާފައި ގިނަ ދުވަސްތަކެއް ނުވާނެ ގޮތަށް ހަރުދަނާ ގޮތެއްގައި ކަންކަން ކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.