ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމް ބޭސްފަރުވާއަށް ފުރުމަށް މެޑިކަލް ބޯޑުން ހުއްދަދީފައިވާ ކަމަށް ކަރެކްޝަނުން ބުނެފިއެވެ.
ކަރެކްޝަނުން ބުނީ ނާޒިމް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިރޭ 08:00 ގައި ކަމަށެވެ. އެހެން ނަމަވެސް ބޭސްފަރުވާއަށް ވަޑައިގަންނަވަނީ ކޮން ރަށަކަށް ކަމެއް ހާމައެއް ނުކުރެއެވެ.
ނާޒިމްގެ ސިއްހީ ހާލަތާ މެދު ކަންބޮޑުވުންތަކެއް ހުރުމުން ބޭސްފަރުވާއަށް ވަޑައިގަތުމުގެ ފުރުސަތު ދިނުމަށް އެދި އެތައް ފަހަރެއްގެ މަތިން އާއިލާ އިން އެދިފައި ވެއެވެ. އަދި އެ ފުރުސަތު ނުދޭތީ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.
ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކުރުމުގެ ކުށުގެ ދައުވާކޮށް 11 އަހަރަށް ޖަލަށްލާފައި ހުންނެވި ނާޒިމް އެންމެ ފަހުން ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ ޑިސެމްބަރު 14 ވަނަ ދުވަހުއެވެ. އޭގެ ފަހުން ފެބްރުއަރީ 6 ގައި އަނބުރާ ޖަލަށް ގެންގޮސްފައި ވެއެވެ.
ނާޒިމް ބޭސްފަރުވާއަށް ވަޑައިގަންނަވާ އިރު މީގެ ކުރިން ވެސް ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވާފައެވެ. އެގޮތުން 2016 ވަނަ އަހަރު ލޮލުގެ ބޭސްފަރުވާއަކަށް ސިންގަޕޫރަށް ވަޑައިގަންނަވާފައި ވެއެވެ.
އދ. ގެ ވޯކިންގް ގްރޫޕް އޮން އާރބިޓްރަރީ ޑިޓެންޝަނުން ނާޒިމްގެ މައްސަލަ ބެލުމަށް ފަހު، ނާޒިމް މިނިވަން ކުރުމަށް ގޮވާލާފައިވާއިރު، 1 ފެބްރުއަރީގައި ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ދޫކޮށްލަން އެންގި ނުވަ މީހުންގެ ތެރޭގައި ނާޒިމް ހިމެނެއެވެ.