ކ. މާލެ
|
4 އޮކްޓޯބަރ 2018 | ބުރާސްފަތި 12:40
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް
މުހައްމަދު ޝަރުހާން
ރައީސް މައުމޫން މައްސަލަ
ކުރީގެ ރައީސް މައުމޫން މައްޗަށް ކޮށްފައިވާ ޖަލު ހުކުމުގެ މައްސަލައިގެ އިސްތިއުނާފު އަޑު އެހުން އަންނަ ހަފްތާއަށް ފަސްކޮށްފި
އިސްތިއުނާފު މައްސަލައިގެ ރިޕޯޓް ހުށަހަޅަންޖެހެނީ 10 ދުވަހުގެ ތެރޭގައި
ރައީސް މައުމޫން ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމުގެ މައްސަލައިގެ އިސްތިއުނާފު އަޑު އެހުން އަންނަ ހަފްތާއަށް ފަސްކޮށްފިއެވެ.

މިކަމާ ގުޅޭ ގޮތުން ރައީސް މައުމޫންގެ ވަކީލު ހުސައިން ޝަމީމު ވިދާޅުވީ، ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު ރައީސް މައުމޫންގެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ހައިކޯޓަށް ހުށަހަޅާފައިވާ ނުވުމުގެ ސަބަބުން މައްސަލަ ފަސް ކުރަންޖެހުނީ ކަމަށެވެ. މައްސަލަ އިސްތިއުނާފަށް ހުށަހަޅާ 10 ދުވަހުގެ ތެރޭގައި ކޯޓުން އެ މައްސަލައިގެ ރިޕޯޓް ހުށަހަޅަންޖެހޭ އިރު ރިޕޯޓް ހައިކޯޓަށް ލިބިފައިވަނީ ބުރާސްފަތި ދުވަހު ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދުގެ އަޑު އެހުމުގައި ފަނޑިޔާރު އަލީ ސަމީރު ވިދާޅުވީ، ރިޕޯޓް ހުށަހެޅުމަށް އެކި ފަހަރު މަތިން ފުރުސަތު ދިން ކަމަށާއި ވަކީލުންނަށް ރިޕޯޓު ލިބިފައިނުވަނީ ބަޔާންތަކުގައި ސޮއި ކުރައްވާފައި ނުވާތީ ކަމަށެވެ. ކްރިމިނަލް ކޯޓުގައި މައްސަލަ ހޯދުމަށް އެދުމުން އެ ރިޕޯޓް ލިބޭނެ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ.

މިމައްސަލައިގެ ހުކުމް ތަންފީޒު ކުރައްވަމުންދަނިކޮށް ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ހައިކޯޓުން ވަނީ ރައީސް މައުމޫން ކަފާލާތުގެ ދަށުން މިނިވަން ކުރައްވާފައެވެ.

ރައީސް މައުމޫން ހައްޔަރުކޮށް، ހުކުމެއް އިއްވާފައި ވަނީ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހިންގި ތަހުގީގަކަށް ފަހުއެވެ. އެ އަމުރާ ގުޅިގެން އެމަނިކުފާނަށް ޓެރަރިޒަމްގެ ދައުވާ ވެސް ދައުލަތުން އުފުލިއެވެ. ކުއްލި ހާލަތު އިއުލާން ކުރުމަށް ފަހު ރައީސް މައުމޫން ހައްޔަރުކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ރެއެވެ.

އަދުލު އިންސާފަށް ހުރަސްއެޅި ކަމަށް ބުނެ ދައުލަތުން އުފުލި ދައުވާ ސާބިތުވުމާ ގުޅިގެން ރައީސް މައުމޫން ގެންދަވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް