ކ. މާލެ
|
3 އޮކްޓޯބަރ 2018 | ބުދަ 13:44
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން: ކާމިޔާބު ކުރެއްވީ އިބްރާހިމް މުހައްމަދު ސޯލިހު، އިންތިހާބުން ވަލިވީ ރައީސް އަބްދުﷲ ޔާމީން
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން: ކާމިޔާބު ކުރެއްވީ އިބްރާހިމް މުހައްމަދު ސޯލިހު، އިންތިހާބުން ވަލިވީ ރައީސް އަބްދުﷲ ޔާމީން
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ކެމްޕެއިން ހަރަދުތަކުގެ ރިޕޯޓް އެއްވެސް ކެންޑިޑޭޓަކު އަދި ހުށަނާޅާ: އީސީ
އިންތިހާބު ބާއްވާތާ 30 ދުވަހުގެ ތެރޭ އިންތިހާބަށް ހަރަދުވި މައުލޫމާތު ހާމަކުރަންޖެހޭ
އެންމެ ގިނަވެގެން ހަރަދުކުރެވޭނީ 524.2 މިލިއަން ރުފިޔާ

އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ކެމްޕެއިން ޚަރަދުތައް ހިނގާފައިވާ ގޮތުގެ ރިޕޯޓް އަދި މިހާތަނަށް ހުށަހަޅާފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބާގުޅޭ މާލީ ކަންކަމާބެހޭ މައުލޫމާތު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭ އިރު އަދި މިހާތަނަށް އެއްވެސް ކެންޑީޑޭޓެއް އެމައުލޫމާތުތަކެއް ހުށަހަޅާފައިނުވާ ކަމަށެވެ. ކޮންމެ ކެންޑިޑޭޓެއްގެ އިންތިހާބާގުޅޭ މާލީ ކަންކަމާބެހޭ ގޮތުން ގިނަ މައުލޫމާތުތަކެއް ހިމެނޭ ގޮތަށް އިންތިހާބު ބާއްވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހެއެވެ.

އިންތިހާބާ ގުޅިގެން ކެންޑިޑޭޓުން ކޮށްފައިވާ ޚަރަދުތަކުގެ ތަފްސީލާއި ކެންޑިޑޭޓަށް ތާއީދު ހޯދުމަށްޓަކާއި ކޮށްފައިވާ ޚަރަދުތައް ވަކިން އެނގޭ ގޮތަށް އެ ޚަރަދުތަކުގެ ތަފްސީލު ހިމެނުމާއި އިންތިހާބަށް ޚަރަދު ކުރުމަށްޓަކައި ފައިސާ ހޯދި ގޮތުގެ ތަފްސީލާއި އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ޚަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ފައިސާ އާއި ތަކެތި ދިން ފަރާތްތަކާއި އެފަރާތްތަކުންދިން މިންވަރުގެ އިތުރަށް ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ހުޅުވާފައިވާ އިންތިހާބުގެ ބޭންކު އެކައުންޓުން ކޮށްފައިވާ އެންމެހާއި މުއާމަލާތްތައް އަންގައިދޭ ބޭންކު އެކައުންޓްގެ ސްޓޭޓްމެންޓް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހެއެވެ.

އިންތިހާބުގައި ހިންގާ ޚަރަދުތަކުގެ ތަލްސީލީ ރެކޯޑުތައް ބަލަހައްޓަން ޖެހޭނީ އިންތިޚާބީ އޭޖެންޓްއެވެ.

އިންތިހާބުގައި ޚަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ބިދޭސީންނާއި ބިދޭސީ ފަރާތްތަކާއި ބިދޭސީ އިދާރާތަކުން އެހީގެ ގޮތުގައި ދޭ ފައިސާ ބޭނުން ކޮށްގެން ނުވާނެއެވެ. އަދި ބިދޭސީ ސަރުކާރަކުން ނުވަތަ ބިދޭސީ ޖަމާއަތަކުން އެހީގެ ގޮތުގައި ދޭ ފައިސާ ބޭނުންކޮށްގެން ނުވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން ބައިނަލްއަގްވާމީ ޖަމާއަތްތަކުން އެހީގެ ގޮތުގައި ދޭ ފައިސާ ނުވަތަ ތަކެއްޗާއި ނަން ހާމަކުރުމަށް ބޭނުން ނުވާ ފަރާތަކުން އެހީގެ ގޮތުގައި ދޭ ފައިސާވެސް ބޭނުން ކޮށްގެން ނުވާނެ ކަމަށް ރިޔާސީ އިންތިހާބުގެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި ގާނޫނީ ގޮތުން ސިޔާސީ ޕާޓީތަކަށް ދައުލަތުންދޭ ފައިސާ ފިޔަވައި ދައުލަތުގެ އިދާރާއަކުން އެހީގެ ގޮތުގައި ދޭ ފައިސާ ނުވަތަ ތަކެއްޗައި  ސަރުކާރުގެ ހިއްސާއެއް ހިމެނިގެންވާ އެއްވެސް ކުންފުންޏަކުން ނުވަތަ ތަނަކުން ދޭ ފައިސާ ނުވަތަ ތަކެތި ބޭނުންކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އިންތިހާބުގައި ކޮންމެ ކެންޑިޑޭޓަކު ޚަރަދުކުރަން ވާނީ އެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާ އިންތިޚާބީ ދާއިރާއެއްގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ ކޮންމެ މީހަކަށް 2000ރ. ގެ މަގުން ހިސާބުކުރުމުން ނުކުންނަ ފައިސާގެ އަދަދަށްވުރެ އިތުރުނުވާނެ އަދަދަކަށް ވާންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގުލިބިފައިވަނީ 262135 މީހުންނެވެ. އެގޮތުން ކޮންމެ ކެންޑިޑޭޓަކަށްވެސް އެންމެ ގިނަވެގެން ޚަރަދު ކުރެވޭނީ 524.2 މިލިއަން ރުފިޔާއެވެ.

ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ ކާމިޔާބު ހޯއްދަވާފައެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް