މިހާރު ކުރިއަށްދާ ޕީޕީއެމް ގެ ގައުމީ ޖަލްސާއަކީ ސައްހަ ގައުމީ ޖަލްސާއެއް ކަމަށް ނުދެކޭ ކަމަށް ޕީޕީއެމްގެ އިންތިހާބު ކޮމިޓީން ބުނެފިއެވެ.
މައުމޫން ރީފޯމް މޫވްމެންޓް (އެމްއާރްއެމް) އަށް ނިސްބަތްވާ އިންތިހާބީ ކޮމިޓީން ބުނެފައިވަނީ ހުކުރު ދުވަހު އޮތް ޕީޕީއެމްގެ ގައުމީ ޖަލްސާއަކީ 2013 ގައި ބޭއްވި ގައުމީ ޖަލްސާގެ އިންތިހާބީ ކޮމިޓީގެ އެއްވެސް ބައިވެރިވުމެއްނެތި ކުރިއަށްގެންދާ ގައުމީ ޖަލްސާއެއް ކަމަށެވެ. އަސާސީ ގަވައިދުގެ 72 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން ޕާޓީ އެތެރޭގައި ބާއްވާ އެންމެހާ އިންތިހާބުތައް ހިންގައި ބަލަހައްޓާނީ ޕާޓީގެ އިންތިހާބު ކޮމިޓީންނެވެ.
ޕީޕއެމްގެ އަސާސީ ގަވައިދުގެ 35 ވަނަ މާއްދާގެ (ހ) ގައި ވާ ގޮތުން އާންމު ގޮފިތަކާއި ޕާޓީގެ އެހެނިގެން ގުނަވަންތަކާއި އާންމު މެންބަރުންގެ ފަރާތުން ގައުމީ ޖަލްސާގައި ބަހުސް ކުރުމަށް ހުށަހަޅާ ހުށަހެޅުންތައް ޖަލްސާގައި އެޖެންޑާ ކުރުމަށް ކައުންސިލްއަށް ފޮނުވުމާއި ގައުމީ ޖަލްސާގައި ބޭއްވޭ އިންތިހާބުތަކާ ބެހޭ ގަވައިދުގެ 2 ވަނަ މާއްދާގައިވާ ގޮތުން މަގާމުތަކަށް އިންތިހާބުކުރާ މެންބަރުން ހޮވުމަކީ އިންތިހާބު ކޮމިޓީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދަންޖެހޭ ކަމަކަށްވާއިރު މިފަދަ އެއްވެސް ކަމެއްގައި އިންތިހާބު ކޮމިޓީ މެންބަރުން ބައިވެރިކޮށްފައިނުވާތީ ހުކުރު ދުވަހު އޮތް ގައުމީ ޖަލްސާ އަދި ޖަލްސާގައި މަގާމު ތަކަށް އިންތިހާބު ކުރާ މީހުންގެ ސައްހަ ކަމެއް ނޯންނާނެ ކަމަށް އެމްއާރްއެމްއިން ބުނެފައިވެއެވެ.
ގައުމީ ޖަލްސާއަކީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ކުރިއަށްގެންދާ ޖަލްސާއެއް ކަމުން ޕާޓީގެ ގިނަ ގޮފިތަކެއްގެ ރައީސުންގެ ޝަކުވާ އިންތިހާބު ކޮމިޓީއަށް ލިބިފައިވާ ކަމަށް އެމްއާރްއެމް އިން ބުނެއެވެ. އެގޮތުން ގައުމީ ޖަލްސާއަށް ފޮނުވާނެ މީހުން ގޮފިތަކުން ހޮވާފައިނުވުމާއި ގިނަ ގޮފިތަކަށް ގައުމީ ޖަލްސާ ބާއްވާކަން އަންގާފައިނުވާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް އެމްއާރްއެމް އިން ބުނެއެވެ.
އިންތިހާބުގެ ކޮމިޓީގެ ތިން މެންބަރުން ވަނީ މި ބަޔާނުގައި ސޮއިކޮށްފައެވެ. އެގޮތުން އަހުމަދު ޝުޖާއު އާއި އިބްރާހިމް އަފުރާތާއި އަލީ ރަޝީދު ވަނީ ބަޔާނުގައި ސޮއިކުރައްވާފައެވެ.