ގިނަ ރަށްތަކެއްގެ ބިންތައް އެކި މަޝްރޫއުތަކަށް ދޫކުރަން އިއުލާނު ކުރަން ފަށައިފިއެވެ.
އެކި ކައުންސިލްތަކުން ބިން ދޫކުރުމަށް އިއުލާނުކޮށްފައިވާ އިރު ފ. ނިލަންދޫ އާއި ލ. ފޮނަދޫ އާއި މ. ދިއްގަރުން ވެސް ވަނީ ބިން ދޫކުރުމަށް އިއުލާނުކޮށް ގެޒެޓް ކޮށްފައެވެ.
މ. ދިއްގަރުން ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް ގޯއްޗަށް އެދި ހުށަހެޅުމަށް އޮގަސްޓް މަހުގައި ކުރި އިއުލާނުގެ މުއްދަތު ވަނީ ސެޕްޓެމްބަރު 27 ވަނަ ދުވަހަށް އިއުލާނުކޮށްފައެވެ.
މީގެ އިތުރުން ފޮނަދޫ އިން ސިނާއީ މަސައްކަތް ކުރުމަށް ހަތަރު ބިމެއް ދޫކުރުމަށް ވަނީ އިއުލާނު ކޮށްފައެވެ. އެގޮތުން 1200 އަކަފޫޓުގެ ހަތަރު ބިން ވެސް ދޫކުރުމަށް އިއުލާނުކޮށްފައި ވަނީ އެރަށުގެ އުތުރު ކޮޅު އުރީދޫ އެންޓަނާގެ އުތުރުންނެވެ. ބިން ކުއްޔަށް ދޫކުރުމުގައި މިހާރު ބިމެއް ލިބިފައިވާ ނުވަތަ ކުރިން ލިބި ބިން ވަކިކޮށްފައިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތެއް ނުލިބޭނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.
މި ބިންތަކަށް ކުރިމަތިލުމަށް 18 އޮކްޓޯބަރު ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
މީގެ އިތުރުން ފ. ނިލަންދޫ ހަޑުތުނޑިން ފެށިގެން އުތުރަށް ހިއްކިބިމުގެ ސަރަހައްދުގެ ގޮނޑުދޮށުން ވޯޓަރ ސްޕޯޓްސް މަސައްކަތްކުރުމަށް 15,000 އަކަފޫޓުގެ ބިން 2 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރަން އެކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން ބިން ކުއްޔަށް ހިފުމަށް ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް މަހަކު 25 ލާރި ކަމަށް ނިލަންދޫ ކައުންސިލުން ބުނެއެވެ.
މިކަމަށް އެދޭ ފަރާތްތަކުން އޮކްޓޯބަރު 03 ވަނަ ދުވަހުގެ ކުރިން މައުލޫމާތު ސާފުކޮށް އޮކްޓޯބަރު 8 ވަނަ ދުވަހުގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުމަށް ވަނީ އެދިފައެވެ.
މީގެ އިތުރުން ރިޔާސީ އިންތިހާބުގެ ކުރިން ސެޕްޓެމްބަރު 20 ވަނަ ދުވަހު މާލެ ހަތަރު އަވަށުންނާއި ވިލިމާލެއާ އެކު 103 ބިމެއް ވިއްކާލުމަށް ނިންމާލާފައިވެއެވެ. ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމަށް އިއުލާނުކޮށްފައިވާ އިރު އަކަފޫޓެއް 2000ރ. އަށް ވިއްކުމަށް ވަނީ ކަނޑައަޅާފައެވެ.