ކުޅުދުއްފުށީގެ ކުޅި އޮތް ހާލަތާއި ގުޅޭ ގޮތުން ތިމާވެށީގެ އެކްސްޕާޓަކު ހަދާފައިވާ އެއްވެސް ރިޕޯޓެއް ނުދެކޭ ކަމަށާއި ކުނި އަޅައިގެން ހަލާކު ނުވި ކުޅިއެއް އެއަރޕޯޓެއް އަޅައިގެން އިތުރަށް ހަލާކުވާނެ ގޮތެއްގެ ތަފާސް ހިސާބު ނުދެކޭ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ގައުމީ ޔުނިވަރސިޓީން އިންތިޒާމުކުރި ރިޔާސީ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެއަރޕޯޓެއް އެޅުމަށް މަސައްކަތް ފެށި އިރު ކުޅި އޮތީ ކުނި ގޮނޑަކަށްވެފައި ކަމަށާއި އެތަން ހިއްކައިގެން ރައްޔިތުންނަށް ލިބުނީ ފަސޭހައެއް ކަމަށެވެ.
"ކޮބާތޯ މިކަމަށް ހަދާފައިވާ ސައިންޓިފިކް ވަރކެއް. ކޮބައިތޯ ލިބުނު ގެއްލުމަކީ. އެންމެ ފުރަތަމަ އަޅުގަނޑު ކުޅުދުއްފުށީގެ ކުޅިން އެއްބައި ހިއްކީ. ކުޅުދުއްފުށި ކުޅިން ހިއްކީވެސް ދެބައި ކުޅަ އެއްބަޔަށްވުރެ ކުޑަ ބައެއް. އެ ހިއްކި ތަނުގައި އޮތީ ކޯޗެއްތޯ. މީރު ފެންތޯ. ނޫނިއްޔާ ދިރޭ މަހާއެއްޗެހިތޯ އުޅުނީ. އެތަން އޮތީ ކުނިއަޅާ ހަލާކުކޮށްފައި." ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި ތިމާވެއްޓަށް ގެއްލުންވަނީ އެނބޫދޫ ފިނޮޅު ހިއްކައިގެން ރިސޯޓް ތަރައްގީ ކުރުމުން އެކަނިތޯ ވިދާޅުވެ ރައީސް ޔާމީން ވަނީ އެކަމާއިމެދު ސުވާލު އުފައްދަވާފައެވެ. ރައީސް ވިދާޅުވީ، މީހުން އުޅޭ ރަށްރަށް ފުރި ބާރުވުމުންވެސް ހިއްކާ ކަމަށެވެ. އެކަމުގައި ތިމާވެށި ކޮބައިތޯ ވިދާޅުވެ އެމަނިކުފާނު ސުވާލު ކުރެއްވިއެވެ.
"އޭދަފުށި ހިއްކާ ދެގުނަ ކޮށްފިން. ދ. މީދޫ ހިއްކާ ދެގުނަ ކޮށްފިން. ސ އަތޮޅި ފޭދޫ ހިއްކާ ދެނގުނަ ކޮށްފިން. ހުޅުމާލެ އަޅުގަނޑު ހިއްކައިފިން ދެގުޅަކޮށްފިން. ކޮބައިތޯ ތިމާވެށި. އެހެންވީމަ ފަޅުރަށެއް، ބޮޑު ފަޅެއް އަތޮމުން. ރައްޔިތުން ބޭނުންވާ ކަންކަމަށް ފައިސާ ހޯދުމަށް ހިއްކީމާ ގެންލުންވެފައި، މީހުން އުޅޭ ރަށްރަށުގައި މީހުންނަށް ނޫޅެވިގެން އެތަން ހިއްކީމާ ދެން ނުވާ ގެއްލުމަށް އަޅުގަނޑަކަށް ނުވިސްނޭ ވާނެ ގެއްލުމެއް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދިވެހި ރާއްޖޭގައި ތިލަ ފަޅުތައް ބައިވަރު އެބައޮތް ކަމަށާއި ތިމާވެއްޓަށް ބޮޑު ގެއްލުމެއް ސީދާ ވާކަމުގައިވާނަމަ އެކަން އެމަނިކުފާނުގެ ސަމާލުކަމަށް ގެންނަވަންވީ ކަމަށާއި އެހެން ނަމަވެސް ތާކުން ތާކުން ނުޖެހޭ ވާހަކަ ދައްކައިގެން އެކަމެއް އެމަނިކުފާނު ގަބޫލު ނުކުރައްވާނެ ކަމަށެވެ.