ރިޔާސީ އިންތިޚާބު ބާއްވާ ސެޕްޓެމްބަރު 23 ވަނަ ދުވަހަކީ މި ސަރުކާރުގެ އަނިޔާވެރިކަމުގައި ސިއްކަ ޖަހާ ދުވަސް ކަމަށް އަދާލަތު ޕާޓީގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީގެ ޗެއާޕާސަން ޝިދާތާ ޝަރީފު ވިދާޅުވިއެވެ.
ގުޅިފައިވާ ޕާޓީތަކުން މާލޭގައި ބޭއްވި ބިޔަ ޖަލްސާގައި ޝިދާތާ ވިދާޅުވީ، ރައީސް ޔާމީން ރައްޔިތުންނަށް ބިރު ދެއްކުމަށް ކުރި ހުރިހާ ކަމެއް ފެއިލް ވެފައިވާ ކަމަށާއި ވޯޓު ލުމުގެ ފުރުސަތުވެސް ރައްޔިތުންނަށް ލިބިގެންދިޔައީ ރައްޔިތުންގެ މަސައްކަތުން ކަމަށެވެ.
ޝިދާތާ ވިދާޅުވީ، މިހާވަރަށް ރައްޔިތުން އިނދަޖެހުނު ދުވަސްތަކެއް ފެނިވަޑައިނުގަންނަވާ ކަމަށާއި ރައްޔިތުން ނިކަމެތިވީ ދުވަހެއްވެސް ނުދެކެން ކަމަށެވެ. މިވަރަށް ދިވެހި ރާއްޖޭގެ ބާރުތައް ގާނޫނު އަސާސީން ވަކިކޮށް އަދި ރައްޔިތުންގެ އަސާސީ ހައްގުތައް ފޭރިގެންފާވާތަން ދިވެހި ތާރީހުން ނުފެންނަކަމަށެވެ.
"އަދުލު އިންސާފު ގާއިމް ކުރުމަށް ހުރި ފަނޑިޔާރުގެތައް މިވަރަށް ފުޑުފުޑުކޮށްލި ސަރުކާރެއް ވެސް ދިވެހި ތާރީހުގައި އައިކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ." ޝިދާތާ ވިދާޅުވިއެވެ.
ދިވެހި ގާނޫނު އަސާސީ ފޫއަޅުވާލާފައިވަނީ މި ސަރުކާރުން ކަމަށާއި މާލިއްޔަތު އިނދަ ޖައްސާލި ސަރުކާރެއްވެސް ނެތް ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ފާނުގައި އަނިޔާވެރިވި ސަރުކާރެއްވެސް ނޯންނާނެ ކަމަށެވެ.
އިންސާފުގެ މަގަށް ގައުމު ދަތުރު ކުރާނެ ދުވަހަކީ 23 ސެޕްޓެމްބަރު ކަމަށާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް މަދުވެގެން 170000 މީހުން ވޯޓުލާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޝިދާތާ ވިދާޅުވި އެވެ.