ގުޅިފައިވާ ސިޔާސީ ޕާޓީތައް މިފާއިތުވެ ދިޔަ ތިން އަހަރު ވަންދެން އެކީގައި މަސައްކަތް ކުރުމުގެ ސަބަބަކީ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ކެންޑިޑޭޓްގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ރައްޔިތުންނަށް ބޭނުންވާ ބޭނުންތައް ފުއްދައިދޭނީ އުސޫލާ ހަމައިން ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ފްލެޓް ދޭނީ ވަކި މީހެއްގެ އޮފީހަށް ވައްދާ ލިސްޓަކަށް ނޫން ކަމަށެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި މަތީ ތައުލީމުގެ ފުރުސަތު ރާއްޖެއިން ހިލޭ ހޯދައިދެވޭނެ ކަމަށާއި ބޭސްފަރުވާއަށް ސަލާން ޖަހަން ނުޖެހޭނެ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.
"އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި އަޅުވެތި ކަމާއި ބިރުވެތިކަން ނައްތާލައި، އަސާސީ ހައްގެއްގެ ގޮތުގައި މިނިވަންކަމާ އެކު ސިޔާސީ ފިކުރު ގެންގުޅުއްވައިގެން އުޅެވޭނެ ގޮތައް ވަޒީފާގެ މާހައުލުތައް ހުޅުވާލާނަން،" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގެ ޓެކްސްގެ ގާނޫނު ފާސް ކުރުމަށް މަސައްކަތް ކުރި އިރު މަޖިލީހުގައި އެމްޑީޕީއަށް މައިނޯރިޓީއެއްގެ ގޮތުގައި އޮތް އިރު ވެސް ހުރިހާ މެންބަރުންނާ ވާހަކަދައްކަވައިގެން އެކަން ކާމިޔާބު ކުރެއްވުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވީ އިބޫ ކަމަށެވެ.