ރީ-ރަޖިސްޓްރޭޝަން ލިސްޓަށް ޝަކުވާގެ ގޮތުގައި ހުށަހެޅިފައި ވަނީ 78 ޝަކުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން އެކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ، ރީރަޖިސްޓްރޭޝަނަށް ހުޅުވައިލި މުއްދަތުގައި ވޯޓާސް ލިސްޓާ ގުޅޭ ގޮތުން ނުވަ ޝަކުވާއެއް ހުށަހެޅިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ރިޖެކްޓްކުރީމެއްނޫންތޯ 5626 ފޯމު. އެ ފޯމުތައް ވެސް އައި. އެއީ ޝަކުވާގެ ގޮތުގައި އަޅުގަނޑުމެން ކައުންޓެއް ނުކުރަން. ޝަކުވާގެ ގޮތުގައި ބަލަނީ ރަޖިސްޓަރ ކުރެވިފައިވާ ތަން ނޫން އެހެންތަނެއް ފިޔަވާ ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތައް،" ޝަރީފު ވިދާޅުވިއެވެ.
ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތުގައި 95639 ފޯމު ހުށަހަޅާފައިވާ އިރު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ރަޖިސްޓްރީކޮށްފައި ވަނީ 78964 މީހުން ކަމަށް އެކޮމިޝަނުން ބުނެފައެވެ.
އިންތިހާބުގައި 472 ވޯޓު ފޮށި ބެހެއްޓިގެންދާނެއެވެ. އެގޮތުން މާލެ ސިޓީގައި 122 ވޯޓު ފޮށި ބަހައްޓާނެއެވެ. މާލޭގެ ރައްޔިތުންނަށް 55 ފޮށި ބަހައްޓާ އިރު މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް 67 ފޮށި މާލޭގައި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.