އިލެކްޝަންސް ކޮމިޝަނަށް ވަގު ފޯމުތައް ހުށަހަޅާފައި ވަނީ ތިން ފަރާތަކުން ކަމަށާއި އެތިން ފަރާތް ވެސް ނިސްބަތް ވަނީ އެއް ސިޔާސީ ޕާޓީއަކަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ، ވަގު ފޯމުތައް ތިން މީހެއްގެ ނަމުގައި ކޮމިޝަނަށް ހުށަހަޅާފައިވާއިރު އެތިން މީހުންނަށް ދައުވާކުރުމަށް ކޮމިޝަނުން ނިންމާފައި ވާކަމަށެވެ.
"އޭގެ އިތުރަށް އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އޮތީ، އެ ތިން ފަރާތަކީ ވެސް އެއް ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ފަރާތްތައް ކަން. ބަލްކު ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުގައި ހަރަކާތްތެރިވި ތިން ފަރާތް އެއީ،" އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ، މީގެ އިތުރުން އޮބްޒާވަރުންގެ ފޯމުތައް ހުށަހެޅި ހުށަހެޅުމުގައި އައިޑީ ކާޑުތަކުގައި ހުރި މައުލުމާތުތައް އެޑިޓްކޮށްގެން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އައިޑީ ކާޑު ފޯޖުކޮށް ހުށަހަޅާފައި ވަނީ 11 މީހެއްގެ ފޯމު ކަމަށާއި އެ ފޯމުތައް ހުށަހެޅި ފަރާތްތަކާ މެދު ވެސް ދައުވާ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
ދައުވާ ކުރުން މަޑުޖައްސާލާފައި ވަނީ ރީ-ރަޖިސްޓްރޭޝަނަށް ފަހު ވޯޓާސް ލިސްޓުގެ ކަންކަން ނިމެންދެން ކަމަށް އަކްރަމް ވިދާޅުވިއެވެ. އަކްރަމް ވިދާޅުވީ، އޮބްޒާވަރުންގެ ފޯމުތައް ޕްރޮސެސް ކުރުމަށް ފަހުގައި މިކަން ބެލިގެންދާނެ ކަމަށެވެ. އަދި އެކަން އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނާ ހަވާލު ކުރެވޭނެ ކަމަށް އެކޮމިޝަނުން ބުނެއެވެ.
އިލެކްޝަންސް ކޮމިޝަނުން މިކަން ހާމަކޮށްފައިވާއިރު ވަގު ފޯމުތައް ހުށަހަޅާފައި ވަނީ ކޮން ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ފަރާތްތަކެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ރިޔާސީ އިންތިހާބުގައި އޮބްޒާވަރުންގެ ގޮތުގައި 2624 މީހުން ހަރަކާތްތެރިވާނެއެވެ. އަދި މޮނިޓަރުންގެ ގޮތުގައި 3506 މީހުން ހަރަކާތްތެރިވާނެއެވެ.