ކ. މާލެ
|
8 ސެޕްޓެންބަރ 2018 | ހޮނިހިރު 13:44
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
އޮފިޝަލުންގެ ގޮތުގައި ނެގީ ފޯމް ހުށަހެޅި ފަރާތްތައްކަން ކަށަވަރު: އީސީ
 
ސިޔާސީ ހަރަކާތްތަކުގައި އޮފިޝަލުން ބައިވެރިވާކަން ސާބިތެއް ނުކުރެވޭ
 
އޮފިޝަލުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެފައިވޭތޯ ދަނީ ބަލަމުން
 
ކޮމިޝަނުން އިތުރަށް އޮފިޝަލުން ދަނީ ނަގަމުން

އޮފިޝަލުންގެ ގޮތުގައި ފޯމް ހުށަނާޅާ ފަރާތެއް ކަނޑައަޅާފައި ނުވާނެ ކަމަށާއި އޮފިޝަލުންނާ ގުޅޭ ގޮތުން ރަސްމީ ސިފައެއްގައި އެއްވެސް ޝަކުވާއެއް މިހާ ހިސާބަށް އައިއިރު ހުށަހެޅިފައިނުވާ  ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަނުގެ ރައީސް ޝަރީފު ވިދާޅުވީ، އޮފިޝަލުންގެ ފަރާތުން ވިޔަސް ޝަކުވާއެއް މިހާ ހިސާބަށް އައިއިރު ހުށަހެޅިފައިނުވާ ކަމަށެވެ. އެފަދަ ވާހަކަތައް ސޯޝަލް މީޑިއާގައި ދައުރުވުމަކުން އެކަން ކަށަވަރުނުކުރެވޭނެ ކަމަށާއި ޝަކުވާއެއްގެ ގޮތުގައި ބެލެވޭނީ ރަސްމީކޮށް އެ މައްސަލައެއް ޝަކުވާއެއްގެ ގޮތުގައި ހުށަހެޅުމުން ކަމަށް ޝަރީފް ވިދާޅުވިއެވެ. 

"ހަމައެކަނި ހުށަހެޅިފައިވާ ޝަކުވާއަކީ، ޝަކުވާގެ ގޮތުގައި އެބަ އާދޭ އިންތިހާބު އޮންނަ ދުވަހު ވަކި ކަމެއް ދިމާވެގެން ފަހަރެއްގައި ނާދެވިދާނެއޭ. ޔަގީންކަން ނުލިބޭ ފަރާތެއް އަޅުގަނޑުމެން އޮފިޝަލުންގެ ގޮތުގައި ކަނޑައަޅާފައި އޮތަސް އެފަރާތްތައް އަޅުގަނޑުމެން ރިޕްލޭސް ކުރާނަން،" ޝަރީފު ވިދާޅުވިއެވެ.

ބައެއް އޮފިޝަލުންނަކީ ކޮމްޕިއުޓަރު ފަދަ ތަކެއްޗަށް އަހުލުވެރިވެފައިނުވާ ފަރާތްތައް ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ޝަރީފު ވިދާޅުވީ، އޮފިޝަލުންގެ ގޮތުގައި ކޮމްޕިއުޓަރ ވިޔަސް އަދި ޓެބްލެޓް ވިޔަސް ބޭނުން ކުރާނީ ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ ހުރިހާ އޮފިޝަލުން ނޫން ކަމަށެވެ. އެފަދަ ތަކެތި ބޭނުން ކުރާނީ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ ވެރިޔާ ނުވަތަ ވެރިޔާގެ އެހީތެރިޔާ ކަމަށެވެ.

"އެހެން ފަރާތްތަކަކީ ބައެއް މެނުއަލް މަސައްކަތްތަކެއް ލިސްޓުން ޗެކް ކުރުމާއި ވޯޓުލާ ކަރުދާސްތައް ދޫކުރުމާއި ފާހަގަ ޖެހުމައި ވޯޓުފޮށި ބެލެހެއްޓުމައި ސަރަހައްދު ބެލެހެއްޓުން ފަދަ ކަންތައްތައް. މިފަހަރުގެ ޝަރުތެއްގެ ގޮތުގައި ކޮމްޕިއުޓަރ ލިޓްރެސީއަކީ ޝަރުތެއްގެ ގޮތުގައި ހިމަނާފައެއް ނޯންނާނެ. އެއީ އެއްވެސް އިރެއްގައި ހިމަނާފައި އޮންނަ ކަމެއް ނޫން،" ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ، އިންޓަރވިއު ކުރެވުނު އިރު ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ ވެރިންނާއި ވެރިންގެ އެހީތެރިންނަކީ ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ ފަރާތްތަކެއްތޯ ޗެކް ކުރެވިފައިވާނެ ކަމަށެވެ.

ޝަރީފު ވިދާޅުވީ، ސިޔާސީ ހަރަކާތްތަކުގައި އޮފިޝަލުން ހަރަކާތްތެރިވާ ކަމަށް ސޯޝަލް މީޑީއާގައި ފޮޓޯއާ އެކު ދައުރުވަމުން ދިޔަ ނަމަވެސް އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ އޮފިޝަލުންގެ ގޮތުގައި ކަނޑައެޅުމަށް ފަހު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެފައިވާ ފަރާތްތަކެއްކަން ސާބިތުވެއްޖެ ކަމުގައި ވަނީ ނަމަ އެކަމާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އެފަދަ ބައެއް ސުވާލުތައް ފޯކަލް ޕޮއިންޓްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތްތަކުން ކޮށްފައިވާ ކަމަށާއި އެކަންކަން ބެލެހެއްޓުމަށް ފޯކަލް ޕޮއިންޓްތަކަށް އަންގާފައިވާ ކަމަށެވެ. އަދި މިހާތަނަށް އޮފިޝަލުންގެ ތެރޭގައި ނަގާފައިވާ އެއްވެސް ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވެފައިވާ ފަރާތެއް ނުހިމެނޭނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

އޮފިޝަލުންނަށް ވުމަށް އެދި ކުރި އިއުލާނުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ އޮފިޝަލުންގެ ގޮތުގައި ކުރިމަތިލާ ފަރާތްތަކަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވުމައި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް ބަޔާންކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން މިހެން ހާމަކޮށްފައިވާ އިރު އިލެކްޝަންސް ކޮމިޝަނުން ރަކީދޫއަށް ޕޯކަލް ޕޮއިންޓްގެ ގޮތުގައި ކަނޑައަޅާފައިވާ ހުސައިން މުއާޒް ރާއްޖެއެމްވީއަށް ކިޔައިދިން ގޮތުގައި އިލެކްޝަންސް ކޮމިޝަނުން އޮފިޝަލުންގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތްތަކުންގެ ލިސްޓް ފޮނުވުމާ އެކު އެކަން ލިސްޓްގައި ތިބި ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ. އޭގެ އިތުރުން އޮފިޝަލުންގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތްތަކާ ބައްދަލު ކުރުމުން އިތުރު އެހެން ފަރާތަކުން ވެސް އޮފިޝަލަށް ވުމަށް އަމިއްލައަށް ކުރިމަތިނުލާ ކަމަށާއި އެހެން ކަމުން އޮފިޝަލަށް ނުވެވޭނެ ކަން އަންގާފައިވާ ކަމަށް ބުނެފައިވާ ކަމަށް ވެސް މުއާޒް ބުންޏެވެ. މި ލިސްޓުގައި ތިބި ފަރާތްތަކަކީ މިކަން ކުރުމުގެ ގާބިލްކަން ހުރި ފަރާތްތައް ކަމަށް ގަބޫލު ނުކުރާ ކަމަށާއި ތައުލީމީ ގޮތުން ބެލިއަސް އޮފިޝަލުންނަށް ވެވޭނެ ބައެއް ކަމަށް ގަބޫލު ނުކުރާ ކަމަށް އޭނާ ބުންޏެވެ

ޝަރީފު ވިދާޅުވީ އޮފިޝަލުން ކަނޑައެޅުމަށް ދެން އިތުރަށް އިއުލާނު ނުކުރާނެ ކަމަށާއި އެހެން ނަމަވެސް އޮފިޝަލުންނަށް ވުމަށް ކުރިމަތިލާފައިވާ ފަރާތްތަކުންގެ ތެރެއިން އިތުރު ފަރާތްތައް ނެގިގެންދާނެ ކަމަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް