ތެލުގެ ވަގު ވިޔަފާރި ހިންގިކަން ފަޅާއަރާފައިވާ ތެޔޮ ބޯޓްތަކުގެ ކުންފުންޏާ ރައީސް އަބްދުﷲ ޔާމީނާ ގުޅުން ހުރި ކަމަށް ބުނެ އޭސީސީއަށް މައްސަލަ ހުށަހެޅުމަކީ ރައީސް ޔާމީންގެ އިންތިހާބީ ހައްގަކަށް އަރައިގަތުމަށް ކޮށްފައިވާ ކަމެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެއެވެ.
މުއާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް ސީރިއަސް ތުހުމަތުތަކެއް ކަމަށް ދައްކަން އެމްޑީޕީން ނޫސް ކޮންޕަރެންސެއް ބާއްވައި ރައީސް ޔާމީންގެ ކޮރަޕްޝަންގެ އަމަލު ވާކަން ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމަށްޓަކައި އެކަން ބެލުމަށް އޭސީސީއަށް މައްސަލަ ވެއްދުމުގެ ބޭނުމަކީ ވޯޓަށް ނުފޫޒް ފޯރުވުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެކަން އެގޮތަށް ކުރުމަކީ އަބުރާ ބެހުމަށް ވުރެ ސީރިއަސް ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ ދިވެހި ދިދަ ގަވާއިދާ ހިލާފަށް ބޭނުންކޮށްގެން ތެލުގެ ވަގު ވިޔަފާރީ ހިންގި ކަމަށް ބުނާ "ޒިން ޔުއާން18" ކުއްޔަށް ހިފައިގެން އުޅެނީ ހޮންކޮންގްގެ ލޯންގް ލައިން އިންޓަރނޭޝަނަލް ޝިޕް މެނޭޖްމަންޓް ކޮމްޕެނީ ލިމިޓެޑް ކިޔާ ކުންފުންޏަކުން ކަމަށާއި އެ ކުންފުނީގެ ބެލުމުގެ ދަށުގައި އޮންނަ "ޕްރޮސްޕެރީ" ކިޔާ ބޯޓަކުން ވެސް 15 ޖެނުއަރީ 2018 ގައި ދިވެހި ދިދަ ބޭނުން ކޮށްފައިވާ ކަމަށެވެ.
އެ އުޅަނދުގައި ރާއްޖެއަށް ނިސްބަތްވާ ތެޔޮ އުފުލާ ބޯޓެއް ކަމުގައިވާ "ޓްރާންސް ފިއުލް11"ގެ ކޯލް ސައިން ބޭނުންކޮށްފައިވާ އިރު "ޓްރާންސް ފިއުލް11" އަކީ ކުރީގެ ކާނަލް، މުހައްމަދު ޒިޔާދުގެ މެނޭޖިންގ ޑިރެކްޓަރކަމުގެ ދަށުގައި ހިންގަމުންދާ ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏެއްގެ ބޯޓެއް ކަމަށާއި ރައީސް ޔާމިން ވަނީ އެ ކުންފުނިން ލޯނެއް ބޭނުންވެގެން އެދުމުން ބޭންކް އޮފް މޯލްޑިވްސްގެ ބޯޑު މެމްބަރުންނަށް ގުޅުއްވައި އެ ލޯނު ދިނުމަށް އެދިވަޑައިގެންފައި ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.