ފުލުހުން 18 މީހުން ގެންދިއުމުން 36 މީހުން އިތުރަށް ނުކުންނާނެ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އިތުރު ފަރާތްތައް ގުޅެމުންދާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ ވިދާޅުވީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތްތައް ހައްޔަރު ކުރާ ވަރަކަށް ތާއީދު ކުރާ ފަރާތްތައް އިތުރުވާނެ ކަމަށެވެ. ގއ.ކޮލަމާފުށިން 18 މީހުން ހައްޔަރުކޮށްފައިވާއިރު އެފަރާތްތަކަށް ލިބެންޖެހޭ ވޯޓުލުމުގެ ހައްގު ލިބެންޖެހޭނެ ކަމަށެވެ.
"މިއަށް ވުރެ އިތުރަށްވެސް މީހުން ހައްޔަރުކުރާނެ ކަމަށް ބެލެވެނީ.ޕީޕީއެމްއިން ނެރޭ ލިސްޓަކަށް މީހުން ހައްޔަރުކުރާ ކަމަށްވަންޏާ މިކަން މިގޮތަށް ހިނގާނެ. އެކަމަކު ފުލުހުންގެ މަސްއޫލިއްޔަތެއް އެއީ އެބޭފުޅުންނަށް ވޯޓުލެވޭނެ ގޮތް ހެއްދެވުން." މާރިޔާ ވިދާޅުވިއެވެ.
ގައިދީއެއްވިއަސް ހައްޔަރުކޮށްފައިވާ މީހެއް ވިޔަސް ދިވެހިރާއްޖެއަށް ފަސް އަހަރުން އެއް ފަހަރު މިއަންނަ ވޯޓުގައި ދިވެހި ހުރިހާ ރައްޔިތުންނަށް ބައިވެރިވެވެންޖެހޭނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ، ގއ އަތޮޅުންވެސް ފެނިގެންދަނީ ސަރުކާރު ކުންފުނިތަކުންނާއި ސިވިލް ސަރވިސް މުވައްޒަފުންވެސް ބިރު ފަހަނައަޅައިގެން ގުޅިފައިވާ ސިޔާސީ ހަރަކާތްތަކުގައި އުޅޭ މަންޒަރު ފެންނަމުންދާ ކަމަށާއި އެއީ އުފާވެރި މަންޒަރެއް ކަމަށެވެ.
" އަޅުގަނޑުމެންގެ ރިޔާސީ ކެންޑީޑޭޓް މި ވިދާޅުވަނީ ތިބޭފުޅުން ސިޔާސީ ސަބަބަކާއި ހުރެ ވަޒީފާ ގެއްލިއްޖެ ކަމުގައިވާނަމަ ތިމަން މަނިކުފާނުގެ ވެރިކަމެއްގައި ތިބޭފުޅުންނަށް ވަޒީފާ އަނބުރާ ދެއްވާނެ ކަމަށް." މާރިޔާ ވިދާޅުވިއެވެ.