ޖަގަހައަކަށް ގެއްލުން ދިން ކަމަށް ބުނެ ކޮލަމާފުށިން 18 މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޖަގަހައަކަށް ގެއްލުން ދިނުމުގެ ސަބަބުން މިހާތަނަށް 18 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި މީހުން ހައްޔަރުކުރަން ފެށުނީ ހެނދުނު 07:00 ހާއިރުން ފެށިގެން ކަމަށެވެ.
ކޮލަމާފުއްޓަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހޮނިހިރު ދުވަހު ވަޑައިގަތުމަށް ހަމަޖެހިފައިވާ އިރު ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ސަޕޯޓަރުން ދިދަ ފަތި ދެމުމާއި ބެނާ ހަރުކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ. މިކަންކަމުގެ ތެރޭގައި ޕީޕީއެމްއަށް ނިސްބަތްވާ ފަރާތްތަކާ ދެމެދު ހިނގާދިޔަ ހަމަނުޖެހުންތަކުގައި ދެފަރާތަށް ނިސްބަތްވާ ސަޕޯޓަރުންނަށް ވަނީ އަނިޔާ ލިބިފައެވެ.
ޕީޕީއެމް އިން ބުނެފައި ވަނީ ބުދަ ދުވަހު ހިނގާދިޔަ ހަމަނުޖެހުންތަކުގައި ޕީޕީއެމްގެ ކެމްޕެއިންގ އޮފީހުގައި ހަރުކޮށްފައިވާ ބެނާތަކެއް ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްވަތްވާ ފަރާތްތަކުން އައިސް ނައްޓާފައިވާ ކަމަށެވެ. އަނެއްކޮޅުން ގުޅިފައިވާ ޕާޓީތަކުގެ ދިދަފަތިކަށް ގެއްލުންދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯތައް ވެސް ވަނީ އާންމުވެފައެވެ.
ކޮލަމާފުށިން މީހުން ހައްޔަރުކުރުމަށް ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ ކޯޓު އަމުރެއްގައި ބުނެފައި ވަނީ އޯގަސްޓް 29 ވަނަ ދުވަހު ހަވީރު 06:00 ޖަހާކަން ހާއިރު ރަށުތެރޭގައި ހަމަނުޖެހުން ހިނއްގައި މަދަލަށް ގެއްލުންދީ މާރާމާރީ ހިންގާ މަސައްލައިގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ މައްސަލައިގައި ހެކިބަސް ދިނުމަށް ތިބޭ މީހުންނަށް ނުފޫޒެއް ފޯރުވާފާނެ ކަމަށް ފެންނާތީ އާއި މުޖުމަތައުގެ ސަލާމަތާއި ރައްކާތެރިކަމަށް ހައްޔަރު ކުރަން ބޭނުންވާ ކަމަށެވެ.
މިގޮތަށް އެކޯޓުން ނިންމާފައި ވަނީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ފުލުހުން ނުދެއެވެ.
އިބޫގެ ދަތުރުފުޅާ ދިމާކޮށް ކޮލަމާފުށީގައި ހަމަނުޖެހުން ހިންގާފައިވާ އިރު ރައީސް އަބްދުﷲ ޔާމީން ރަށްރަށަށް ވަޑައިގަންނަވާ އިރު އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ދިދަފަތިތައް ނަގައި ތަކެއްޗަށް ގެއްލުންދޭ މައްސަލަ ވަނީ އާންމު ވެފައެވެ. އަދި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލު ހުޅުމާލެ އަށް ވަޑައިގެންނެވި އިރު އެމަނިކުފާނަށް ހަމަލާދޭން އުޅުނު މައްސަލައިގައި އެ މީހުންގެ ވީޑިއޯތައް ފެންނަން ހުރި ނަމަވެސް ފުލުހުން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި ގުޅިފައިވާ ޕާޓީތަކުގެ ކެމްޕެއިން ޕޯސްޓަރުތައް ނައްޓުވައި ގެއްލުންދޭ މަންޒަރު ދައްކުވައިދޭ ފޯޓޮތައް އާންމުވެފައިވީ ނަމަވެސް މިހާތަނަށް ފުލުހުން ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.