ގުޅިފައިވާ ސިޔާސީ ޕާޓީތަކެއްގެ ވެރިކަމެއްގައި ނަރުހުންނާއި ޑޮކްޓަރުންނަށް އެކަށީގެންވާ އުޖޫރަ ލިބޭނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރަނިންގ މޭޓް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.
ކ. ހުރާއަށް ކުރައްވާ ދަތުރުފުޅުގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، ހިތްހަމަޖެހޭ މާހައުލެއްގައި ސިޔާސީ އެއްވެސް ފިއްތުންތަކެއް ނެތި މަސައްކަތް ކުރުމުގެ ފުރުސަތު ރައްޔިތުންގެ ހައްގުގައި ނަރުހުންނާއި ޑޮކްޓަރުންނަށް ފަހިކޮށްދެއްވާނެ ކަމަށެވެ.
" ސިއްހީ ނިޒާމު ދުވަހެއް ދުވަހަކަށް ދޭންޖެހޭ ފަރުވާ ނުލިބި މިދަނީ ފެންވަރު ރަގަޅު ހިދުމަތް ނުދެވޭ މަންޒަރު. އަޅުގަނޑުމެންގެ ސަރުކާރެއްގައި ރާއްޖޭގެ ހުރިހާ ޑޮކްޓަރުންނަށް ޔަގީންކަންދެން ތިބޭފުޅުން ކުރައްވާ މަސައްކަތަށް އެކަށީގެންވާ އުޖޫރަ ލިބި ހިންހަމަޖެހޭނެ ފަދަ މާހައުލެއް ގާއިމްކޮށްދޭނަން." ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.
ފައިސަލް ވިދާޅުވީ ކުރިއަށް އޮތް މުސްތަގްބަލް އުޖާލާ ކުރުމަށްޓަކާއި ފެންވަރު ރަގަޅު ތައުލީމީ ނިޒާމެއްވެސް ގާއިމް ކުރައްވާނެ ކަމަށެވެ. އެގޮތުން ތަރައްގީގެ ގިނަ މުހިއްމު މަސައްކަތްތަކެއް ވެރިކަމުގެ ދައުރުގެ ކޮންމެ ދުވަހެއްގައި ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޑޮކްޓަރުންނާއި ނަރުހުންގެ މުސާރަ ބޮޑު ކުރާނެ ކަމަށް ފައިސަލް ހާމަކޮށްފައިވާއިރު ނަރުހުންގެ މުސާރާއިގެ އޮނިގަނޑާމެދު ހިތްހަމަނުޖެހިގެން ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ސަރުކާރުން ވަނީ ނަރުހުންނަށް ލިބެމުންދިޔަ އެލަވަންސްތައް ކަނޑާލާ ބޭސިކް މުސާރަ 15 ޕަސެންޓަށް އިތުރުކޮށްފައެވެ.
މުސާރައަށް ގެންނަ ބަދަލާ ގުޅިގެން ހިތްހަމަނުޖެހިގެން ނަރުހުން ޕެޓިޝަނެއްގެ މަސައްކަތް ފަށާފައިވާ އިރު ވަރަށް ގިނަ ކަންތައްތަކެއް ވަނީ އެފަރާތްތަކުން ފާހަގަކޮށްފައެވެ. އެގޮތުން ރިސްކު އެލަވަންސް ކަނޑާލުމާއި ޝިފްޓް އެލަވަންސް ކަނޑާލުމާއި ސަރވިސް އެލަވަންސް އިން ސަލާމް ބުނާ ދުވަސްތަކަށް ކެނޑުމާއި މަސައްކަތުގެ ވަގުތު އިތުރު ކުރުމާ ގުޅިގެން ހިތްހަމަނުޖެހޭ ކަމަށް ނަރުހުން ފާހަގަކުރެއެވެ.