ރީރަޖިސްޓްރޭޝަނަށް ޝަކުވާ ހުޅުވާލުމުން އެންމެ ފުރަތަމަ ދުވަހު މާލެއަށް 18 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި ރީ-ރަޖިސްޓްރޭޝަނަށް 95،639 ފޯމު ހުށަހަޅާފައިވާ އިރު ރަޖިސްޓްރީކޮށްފައި ވަނީ 78،964 މީހުން ކަމަށެވެ.
ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޯގަސްޓް 27 އިން 29 އަށް ވަނީ ހުޅުވާލާފައެވެ.
ޝަކުވާ ފޯމު ދޫކުރުމާއި ބަލައިގަތުން ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާ އާއި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި އަދި މާލޭ ސިޓީގައި ނަމަ އިންތިޚާބާ ބެހޭ މަރުކަޒު (ބާ ޖަމާލުއްދީން) ގައި ހެނދުނު 08:30 އިން ހަވީރު 06:00 ގެ ނިޔަލަށް ކުރިއަށްދާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ރާއްޖެ އިން ބޭރުގައި ނަމަ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައި ވަނީ ރާއްޖެ އިން ބޭރު ގައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީސްތަކުންނާއި ދިވެހިރާއްޖޭގެ އެންބަސީތަކުން، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން ހަވީރު 04:00 އަށް ކަމަށެވެ. ޝަކުވާ ހުށަހެޅުމުގެ އިންތިޒާމު ހަމަޖެހިފައިވާ ރަޖިސްޓްރީވެފައިވާ ތަނުގެ މައުލޫމާތާއި ގުޅޭ ގޮތުން އެކަނި ކަމަށް އެކޮމިޝަނުން ބުނެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ މިފަހަރުގެ އިންތިހާބުގައި ބަހައްޓާނީ 472 ވޯޓު ފޮށި ކަމަށާއި އެގޮތުން މާލެ ސިޓީގައި 122 ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ. އެގޮތުން މާލޭގެ ރައްޔިތުންނަށް 55 ފޮށި ބަހައްޓާނެ ކަމަށާއި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް 67 ފޮށި މާލޭގައި ބަހައްޓާނެ ކަމަށް އޭނާ ވިދާޅުވިއެވެ
އިންތިހާބުގައި 3،506 މޮނީޓަރުން ހަރަކާތްތެރިވާއިރު އޮބްޒާވަރުންގެ ގޮތުގައި 2،624 މީހުން ހަރަކާތްތެރިވާނެއެވެ. މީގެ އިތުރުން އިންތިހާބުގައި ހަރަކާތްތެރިވުމަށް ޖުމްލަ 3،895 އޮފިޝަލުން ނަގާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 262،135 މީހުންނަށެވެ