ނަރުހުންގެ މުސާރައަށް ގެނައި ބަދަލާ ގުޅިގެން ހިތްހަމަނުޖެހިގެން ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ފަށައިފިއެވެ
ރާއްޖެއެމްވީ އަށް އެނގިފައިވާ ގޮތުގައި ޕެޓިޝަނުގައި ސޮއިކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ އިރު އެކަމަށްޓަކައި ފޭސްބުކްގައި ހާއްސަ ސީކްރެޓް ޕޭޖްއެއް ހަދާފައިވާ އިރު އެ އެ ޕޭޖްގައި ވެސް މާލެ އާއި އަތޮޅުތަކުގައި މަސައްކަތްކުރާ 1500 އަށް ވުރެ ގިނަ ނަރުހުން މިހާރު ވަނީ ބައިވެރިވެފައެވެ.
މުސާރައަށް ގެންނަ ބަދަލާ ގުޅިގެން ހިތްހަމަނުޖެހިގެން ނަރުހުން ޕެޓިޝަނެއްގެ މަސައްކަތް ފަށާފައިވާ އިރު ވަރަށް ގިނަ ކަންތައްތަކެއް ވަނީ އެފަރާތްތަކުން ފާހަގަކޮށްފައެވެ. އެގޮތުން ރިސްކު އެލަވަންސް ކަނޑާލުމާއި ޝިފްޓް އެލަވަންސް ކަނޑާލުމާއި ސަރވިސް އެލަވަންސް އިން ސަލާމް ބުނާ ދުވަސްތަކަށް ކެނޑުމާއި މަސައްކަތުގެ ވަގުތު އިތުރު ކުރުމާ ގުޅިގެން ހިތްހަމަނުޖެހޭ ކަމަށް ނަރުހުން ފާހަގަކުރެއެވެ.
އެތައް ޒަމާންތަކެއް ވަންދެން ރައީސް އޮފީހުގައި ހިފަހައްޓާފައި އޮތް އޮނިގަނޑަށް އަމަލުކުރަން ފަށާފައިވާއިރު ކޮންމެ ނަރުހެއްގެ ބޭސިކް މުސާރައިން 15 ޕަސެންޓް އިތުރު ކުރެވިފައިވާ ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. ބޭސިކް މުސާރަ އެ ވަރަށް ބޮޑުކޮށްފައިވީ ނަމަވެސް ލިބެމުން ދިޔަ ގިނަ އެލަވަންސްތަކާއި މަސައްކަތްކުރަންޖެހޭ ވަގުތު އިތުރުކުރުމުން އޯޓީ މަދުވުމުން ގެއަށް ގެންދަން ލިބޭ އާމްދަނީ ބައެއް ނަރުހުންނަށް ކުރިއަށް ވުރެ ވެސް މަދުކަން ފާހަގަކޮށްލެވެއެވެ.
ރާއްޖެއެމްވީއާ ވާހަކަދެއްކި ބައެއް ނަރުހުން ބުނީ މަސައްކަތް ކުރަންޖެހޭ ވަގުތު އަށް ގަޑިއިރަށް އިތުރުކުރުމުން ކުރިން ލިބޭ އިތުރު ގަޑީގެ ފައިސާ ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށާއި އެހެންކަމުން 15 ޕަސެންޓްގެ އިތުރުވުން، ގެއަށްގެންދާ މުސާރައިން ނުފެންނަ ކަމަށެވެ.
ނަރުހުންގެ މުސާރައިގެއާ އޮނިގަނޑުގެ ތެރެއިން ތައުލީމާއި މަސައްކަތުގެ ފެންވަރަށް ބަލައި ކޮންމެ ދެ އަހަރަކުން ވަޒީފާގެ ކުރިއެރުން ލިބޭނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި އެޑްވާންސް ސެޓްފިކެޓް ލެވެލްގެ އެންރޯލްޑް ނަރުހުން ދެ އަހަރުގެ ތެރޭގައި ޑިޕްލޮމާ އަށް ކިޔަވަން ފެށުމަށް ނުވަތަ ވަޒީފާ އިން ވަކިކުރުމަށް އޮނިގަނޑުގައި ވަނީ ހިމަނާފައެވެ.
އެހެން ނަރުހަކު ބުނީ މުސާރަ ބޮޑު ކުރުމުގެ ސަބަބުން ރަޖިސްޓާޑް ނަރުހުންގެ މުސާރައިން އެވްރެޖްކޮށް 1000ރ. ކުޑަވެފައިވާ ކަމަށެވެ. މީގެ އެއް ސަބަބަކީ ބޭސިކް މުސާރަ ބޮޑުކުރުމުން ޕެންޝަނަށް ކަނޑާވަރު ބޮޑުވެގެން ދިއުން ކަމަށާއި އޯޓީ ވެސް ކުޑަވާނެތީ ކަމަށެވެ.
ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމަށް އެޑްރެސްކޮށް ތައްޔާރުކޮށްފައިވާ ޕެޓިޝަންގައި ފާހަގަކުރެވޭ ކަންކަން:
- ނަރުހުންގެ މަސައްކަތު ގަޑި އެހެނިހެން ސިވިލް ސަރވިސް މުވައްޒަފުންނަށް ވުރެ އިތުރުވުން. (ސިވިލް ސާވިސްގެ މަސައްކަތު ގަޑި 6 ގަޑިއިރަށް އޮންނަ އިރު ނަރުހުންގެ މަސައްކަތު ގަޑިއަކީ 8 ގަޑިއިރު)
- ނަރުހުންނަކީ ސިއްހީ ދާއިރާގައި އެންމެބޮޑަށް ރިސްކް ހިމެނޭ މަސައްކަތް ކުރާ ބަޔަކަށް ވެފައި ވަކިން ރިސްކް އެލަވަންސެއް ނެތުން (ސިވިލް ސާވިސްގެ އެކި ފަންތިތަކަށް ރިސްކް އެލަވަންސް ކަނޑައަޅާފައިވޭ)
- ދަންފަޅި އުސޫލުން މަސައްކަތް ކުރި ނަމަވެސް ދަންފަޅި އުސޫލުން މަސައްކަތްކުރާ ސިވިލް ސާވިސްގެ އެހެން މުވައްޒަފުންނާ ހިލާފަށް ޝިފްޓް އެލަވަންސް ނުލިބުން.
- ސަރވިސް އެލަވަންސް އެކި ސިއްހީ ހިދުމަތްދޭ ތަންތަނުގައި ތަފާތު ކުރެވިފައިވުން. (ބައެއް ނަރުހުންނަށް ދުވާލަކަށް 100ރ. ކަނޑައަޅާފައިވާ އިރު އަނެއް ބައި ނަރުހުންނަށް އޭގެ ޑަބަލް ކަނޑައަޅާފައިވޭ)
- ތައުލީމާއި ތަޖުރިބާ ވަޒަން ކުރުމުގައި ތަފާތުތަކެއް ހުރުން.
- ރަޖިސްޓަރޑް ނަރުހުން ނުވަތަ އެ އަށް ވުރެއް މަތީ މަގާމުތަކަށް ކިޔެވުމަށް ވަކި އެޖަސްޓްމެންޓް އެލަވަންސްއެއް ހިމެނިފައިނުވުން. (އެންރޯލްޑް ނަރުހުންނަށް އެޖަސްޓްމަންޓް އެލަވަންސް ދޭ އިރު އެހެން ނަރުހުންނަށް އެ އެލަވަންސް ނުދިނުން)
- މަގާމުތައް ބަދަލުކުރުމުގައި ކުރީގައި މަސައްކަތްކޮށްފައިވާ މުއްދަތަށް ރިޔާއަތްކޮށްފައި ނުވުން. (ދިގު މުއްދަތެއްގައި ވަޒީފާ އަދާކުރުމުން ލިބޭ އެލަވަންސް ކަނޑާލުމުގެ އިތުރުން އަލަށް ވަޒީފާ އަށް ވަންނަ ނަރުހުންނެކޭ ދުވަސްވީ ނަރުހުންނެކޭ އެއް ހަމައެއްގައި ތަޖުރިބާ އަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި އެއް މުސާރައެއް ދިނުން)
- ޓެކްނިކަލް ކޯ އެލަވަންސް އުނިކުރެވިފައިވުން. (މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މުސާރަ ބޮޑުކުރުމުގެ ނަމުގައި ސިވިލް ސާވިސް މުވައްޒަފުންނަށް ދިން ޓެކްނިކަލް ކޯ އެލަވަންސް ވެސް ވަނީ ކަނޑާލާފައި)
- އޮނިގަނޑުގައި އެންރޯލްޑް ނަރުހުންނަށް ލިބޭ އެޖަސްޓްމެންޓް އެލަވަންސްގެ ވާހަކަ ހިމެނިފައި ނެތުން
- ސަލާމުގައި ހުންނަ ދުވަހަށް ސަރވިސް އެލަވަންސް އިން އުނިކުރުން (ސަލާމްގައި ހުންނަ ދުވަސްތަކަށް ސާވިސް އެލަވަންސް އިން މީގެ ކުރިން އުނިކުރުމުން ކޯޓުން ވަނީ އެ ފައިސާ އަނބުރާ ދޭން ވެސް ހުކުމްކޮށްފައި)
ރާއްޖެއެމްވީއާ ވާހަކަ ދެއްކި ބައެއް ނަރުހުން ބުނީ ޕެޓިޝަން ހެދުމުގައި އިސްކޮށް އުޅޭ ފަރާތްތަކުން ހެލްތު މިނިސްޓަރާ ބައްދަލުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި ބައްދަލުވުމުން ކުރިއެރުމެއް ނުލިބިއްޖެ ނަމަ އިހްތިޖާޖުކުރުމާ ބެހޭ ގޮތުން ނަރުހުން މަޝްވަރާކުރާނެ ކަމަށެވެ.