ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިންކަމް ޓެކްސް ނެގުމުގެ ސިޔާސަތައް ރައީސް އަބްދުﷲ ޔާމީން ތާއީދު ކުރައްވައިފިއެވެ.
ތ.ގުރައިދޫގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ދަނީ އިންކަމް ޓެކްސް މުއްސަދިންގެ އަތުން ނަގާ ވާހަކަ ކަމަށެވެ. އެކަމަކީ މިހާރު ވެސް އަދި ފަހުންވެސް ކުރައްވަންވީ ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފައިސާ ހޯދާނެ ގިނަ ގޮތްތަކެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ދައްކަނީ ކުންފުނިތައް ކުޑަކުރުމާއި ވަޒީފާތައް މަދުކުރުގެ ވާހަކަ ކަމަށެވެ. ހަމައެކަނި ދައްކަމުންދަނީ ތަނަވަސް މީހުންއަތުން އިންކަމް ޓެކްސް ނަގާ ވާހަކަ ކަމަށެވެ.
"ތަނަވަސް މީހުން އަތުން އިންކަން ޓެކްސް ނެގުން އެކަން ނުކުރެއްވޭނެ އެއްވެސް ސަބަބެއް ނެތް. އެކަން ކުރުމަށް ޖާގަ އެބައޮތް. މިހާރުވެސް ކުރައްވަންވީ. ފަހުންވެސް ކުރައްވަންވީ. އެކަން އެބޭފުޅުންގެ އަތްޕުޅުގައި މިހާރުވެސް އެއޮތް." ރައީސް ޔާމިން ވިދާޅުވިއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިންކަމް ޓެކްސް ނަގާނެ ކަމަށް ބަޔާންކޮށްފައިވާއިރު އެމްޑީޕީ ސަރުކާރުން 2011 ވަނަ އަހަރު ފުރިހަމަ ޓެކްސްގެ ނިޒާމެއް ތައާރަފްކުރުމަށްޓަކާއި އިންކަމް ޓެކްސް ނެގުމުގައި އުސޫލުތަކެއްވެސް އޭރު އިއުލާނު ކުރިއެވެ. އެގޮތުން 30000ރ. އަށް ވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުން ތިން ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ ބޭންޑަކުން ޓެކްސް ނެގުމަށް ނިންމައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއެވެ.
މި ސަރުކާރުން ހާމަކުރާ ގޮތުގައި އިންކަމް ޓެކްސް ނެގުމުގެ ބަދަލުގައި ސަރުކާރުން މަސައްކަތް ކުރާނީ ޓެކްސްގެ ނިޒާމު ފުޅާކޮށް، ހަރުދަނާކުރުމަށްޓަކައެވެ. އެހެން ކަމުން އިންކަމް ޓެކްސް ނެގުން އެއީ އަދި ކުރަން ވިސްނާފައިވާ ކަމެއް ނޫނެވެ.
އިންކަމް ޓެކްސްގެ ނެގުމުގެ ސަބަބުން އެކި ފަންތީގެ މީހުންގެ މެދުގައި އޮންނަ އާމްދަނީގެ ތަފާތުތައް ކޮންޓްރޯލް ކުރެވިގެންދާނެއެވެ. ފުރިހަމަ ޓެކްސްގެ ނިޒާމެއް ގާއިމް ކުރުމަށްޓަކާއި އިންކަމްޓެކްސް ބޭނުންވާ ކަމަށް އިގްތިސާދީ މާހިރުން ފާހަގަކުރެއެވެ. އެގޮތުން ބީޕީޓީ އާއި ޖީއެސްޓީ އާއި އަދި އެނޫން ޓެކްސް ނަގާއިރު އެޓެކްސްގެ ތެރެއިން ވާނުވާ ނޭނގޭ ފައިސާތައް ފުރާނާލުމަށްޓަކައި މިއީ މުހިއްމު ޓެކްސްއެއް ކަމަށް އެފަދަ ފަރާތްތަކުން ފާހަގަކުރެއެވެ.