ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް އޮތް މީހެއްގެ އެއްވެސް އިންސާނީ ހައްގެއް ނޯންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ތ.ގުރައިދޫގައި ޕީޕީއެމްއިން ބޭއްވި ޖަލްސާގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ވާހަކަތައް ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަދީބާއި އެމަނިކުފާނާދެމެދު ހިނގާފައިވަނީ "އަމިއްލަ ކަމެއް" ކަމަށާއި އެކަން ހަނދާން ނައްތާލާފައި ބޭސްފަރުވާއަށް ފޮނުވުމަށް ތައްޔާރަށް ހުރި ކަމަށެވެ. އެހެން ނަމަވެސް ދައުލަތުން ނެގި ފައިސާ އަނބުރާ ދޭންޖެހޭ ކަމަށެވެ.
"ދައުލަތުން ނެގި ފައިސާ އަނބުރާ ދިނިއްޔާ ނޫނީ ކިތަންމެ ބަލިވި ނަމަވެސް އޭނަގެ އިންސާނީ ހައްގެއް ނޯންނާނެ. އެކަމެއް އަޅުގަނޑެއް ގަބޫލެއް ނުކުރާނަން. މިކަހަލަ އިންސާނީ ހައްގުތައް ހިމާޔަތްކުރާ ވާހަކަ މިދައްކަނީ." ރައީސް ވިދާޅުވިއެވެ
ރައީސް ޔާމީން ވިދާޅުވީ ހުކުމް ތަންފީޒު ކުރުމަށް ދަތުރު ހަދައިގެން ދިޔަ އެންމެ ފިލާފައިވާ ކަމަށާއި އެކަމަކު މިއަދު އެ އެންމެންނަކީ ސިޔާސީ މީހުންގެ ގޮތުގައި ފެންނަމުންދާ ކަމަށެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއް އޮޑިއަކަށް އަރައިގެން އުޅެނީ އެއް ބޭނުމެއް އޮވެގެން ކަމަށާއި މި ސަރުކާރު ބަދަލު ކުރުމުން ނޫނީ އެމީހުންނަށް އެނބުރި މިގައުމަށް ނާދެވޭނެތީ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގައުމަށް ނޭރިފައި ތިބި ސިޔާސީ ފަރާތްތައް އައުމުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ވެރިކަން އެ އިސާބުން ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިއަދު އަޑުއިވިގެންދަނީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތައް ދޫކޮށްލާ ވާހަކަތައް ކަމަށާއި އެމީހުން ދޫކޮށްލުމަކި އިންސާނީ ހައްގު ކަމުގައިވާނަމަ ރައްޔިތުންގެ އިންސާނީ ހައްގެއް ވެސް ނޯންނާނެ ކަމަށެވެ. ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދަނީ ދައުލަތުގެ މަސްލަހަތު ހުންނަ ކަންކަމަށް އަރައިގަތުމުން ކަމަށާއި އެއީ އެއްވެސް ހާލެއްގައި ރައީސް އޮފީހުން އަންގައިގެން ހައްޔަރުކޮށްފައި ތިބި މީހުން ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.