ވޯޓާސް ލިސްޓު އާންމު ކުރުމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ދިއުމުން ފުލުހުން އައިސް ބޭރުކޮށްލައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުންވަނީ ވޯޓުލާ މީހުންގެ މައުލޫމާތުތައް އެނގޭނޭ ގޮތަށް ވޯޓާސް ލިސްޓް އެނބޭފުޅުންނާ ހިއްސާ ކުރުމަށް އެދިފައެވެ.
އެގޮތުން އެކަމަށް އެދި ސިޓީއެއްވެސް ހުށަހަޅާފައިވެއެވެ. ސިޓީގައި ވަނީ ވޯޓުލާ މީހުންގެ ލިސްޓަކީ ސައްހަ ލިސްޓެއްކަން ކަށަވަރު ކުރުމަށްޓަކައި ރިޔާސީ އިންތިހާބުގައި ވޯޓުލާ މީހުންގެ ލިސްޓާއި ރީރަޖިސްޓްރީ ކުރި މީހުންގެ ފުރިހަމަ ލިސްޓެއް ލިބެން ޖެހޭ ކަމަށެވެ. އަދި މިކަން އެކި ފަހަރުމަތިން އިލެކްޝަންސް ކޮމިޝަނާއި ހިއްސާ ކުރެވިފައިވާ ކަމަށާއި ރީރަޖިސްޓްރީ ކުރުމަށް ދެވުނު މުއްދަތުގައި އިންތިހާއަށް ކަންބޮޑުވާންޖެހޭ މައްސަލަތައް ފާހަގަކުރެވިފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. އެހެން ކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރު ކުރުމަށްޓަކައި ކޮމިޝަނުން ކުރަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތަކަށް އިހުމާލުވާ ފަރާތްތައް ޒިންމާދާރުކޮށް ގާނޫނީ ފިޔަވަޅު އަޅަންޖެހިއްޖެ ހާލަތެއްގައި އެކަމަށް ފަސްނުޖެހޭނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެއެވެ.
ފަހެއް ޖެހުމުން އިލެކްޝަންސް ގެ އޮފީސް ބަންދު ކުރާ ވަގުތު ޖެހުމުން ފުލުހުން އައިސް ވަނީ އެސަރަހައްދުން ދިއުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ދިޔަ ފަރާތްތަކަށް އަންގާފައެވެ.
މިކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ޗެއަރޕާސަންގެ ނާއިބު އަލީ ނިޔާޒް ވިދާޅުވީ، މުޅި ވޯޓާސް ލިސްޓު ލިބިގެން ނޫނީ، ވޯޓާސް ލިސްޓުގެ ސައްހަކަން ކަށަވަރު ނުކުރެވޭނެ ކަމަށާއި ފޯމު ހުށަހަޅާފައިނުވާ ބައެއް ފަރާތްތައްވެސް ރަޖިސްޓްރީވެފައިވާ ކަމަށް ޝަކުވާ މިހާރުވެސް ލިބެމުންދާ ކަމަށެވެ.
"ރިޖެކްޓް ކުރި ލިސްޓެއް އޮވެގެންނެއް މިހުރިހާ ކަމެއް ސާފެއްނުވާނެ. ހުރިހާ އެއްޗެއް ސާފުވަނި ދެލައްކަ ފަސްދޮޅަސް ދެހާސް މީހުންގެ އައިޑީކާޑު ނަންބަރާއިއެކު ލިސްޓެއްލިބިގެން. މިކަންކަމަށްއެއްވެސް ހައްލެއް މިހާތަނަށް ލިބިފައެއްނުވޭ. އަޅުގަނޑުމެންނަށް ވަރަށް އިތުބާރު ހުރި ފަރާތަކުން ހާމަކޮށްފައިވާގޮތުގައި އެލިސްޓު މުލިއާގެއަށް ވަނީ ވަދެފައި." ނިޔާޒް ވިދާޅުވިއެވެ.
ނިޔާޒް ވިދާޅުވީ، މިހާ ހިސާބަށް ކަންކަން ދިއުމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން އިސްތިއުފާދެއްވާ ގެއަށް ވަޑައިގަންނަވަން ޖެހޭ ކަމަށާއި ކޮމިޝަނުން ކުރަމުންދަނީ ރައީސް އަބްދުﷲ ޔާމީނަށް ކޮށްދޭ މަސައްކަތެއް ކަމަށެވެ. މިކަން މިގޮތަށް ހިނގަން ފުރުސަތެއް ނުދޭނެ ކަމަށާއި އާދިއްތަ ދުވަހު މިއަށްވުރެ ގިނަ މީހުންނާއެކު އިލެކްޝަންސް ކޮމިޝަނަށް އަންނާނެ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން މިހާރު ކަންކަން ކުރަނީ އެންމެ ރަނގަޅު ގޮތުގައި ނޫންކަމަށާއި ކޮމިޝަނަށް އަންނަ މައްސަލަތައްވެސް ޒިންމާދާރު ކަމާއެކު ބަލަންޖެހޭ ކަމަށެވެ.
"ސިޔާސީ ޕާޓީތަކުން ހުށަހަޅާ ކަންބޮޑުވުންތައް ބަލައިގަންނަންޖެހޭ. އަދި އެކަންކަން ހައްލު ކުރުމަށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭ. " ސަމީރު ވިދާޅުވިއެވެ.
ސެޕްޓެމްބަރުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ 262،141 (ދެ ލައްކަ ފަސްދޮޅަސް ދެހާސް، އެއްސަތޭކަ ސާޅީސް އެކެއް) މީހުންނަށެވެ.