އިލެކްޝަންސް ކޮމިޝަނުގެ ތެރެއިން މައުލޫމާތުތައް އެހެން އެއްވެސް ބަޔަކަށްދިޔަ ކަމަށް ގަބޫލު ނުކުރާ ކަމަށާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުށަހެޅި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.
އެކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރީރަޖިސްޓްރޭޝަންގެ މައުލޫމާތުތަކެއް ރައީސް ޔާމީން ކެމްޕެއިން އޮފީހަށް ގޮސްފައިވާކަމަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އެކަން އެކޮމިޝަނުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށާއި އެފަދަ ކަމެއް ކުރުމުގައި ބައިވެރިވި މީހަކު ފާހަގަކުރެވިއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.
މިކަން ބެލިކަމުގައިވީ ނަމަވެސް އިލެކްޝަންސް ތެރެއިން ހިނގައިފާނެ ކަމެއް ކަމަށް ގަބޫލު ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. ފަހަރެއްގައި އެކަމަކީ ޕާޓީތަކުގެ ތެރެއިން ލީކްވެފައިވާ މައުލޫމާތަށްވެސް ވުން ގާތް ކަމަށާއި، އެކަންކަން އިތުރަށް ބަލަމުންދާ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.
އަކްރަމް މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީ ތިނަދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ގަސަމް ފޯމުތައް ހުށަހެޅި އިރު ކޮލަމްބޯގައި ރަޖިސްޓްރީވާ ހުރިހާ ފަރާތްތަކެއްގެ ފޯމުތަކުގައި ލޯކަލް ނަންބަރެއްގެ ގޮތުގައި ގަސަމްގެ ނަންބަރު ހިމަނާފައިވާކަމަށެވެ. އަދި އެފޯމުތަކުގެ މައުލޫމާތުތައް އޮޅުން ފިލުވުމަށް ގަސަމަށް ބުދަ ދުވަހުގެ ރެއިން ފެށިގެން ރައީސް ޔާމީން ކެމްޕެއިން އޮފީހުން ދަނީ ގުޅަމުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފާ ބައްދަލުކުރައްވަމުން ގެންދަވަނިކޮށް ވެސް ގަސަމް އަށް ރައީސް ޔާމީންގެ އޮފީހުން ދެ ފަހަރެއްގެ މަތިން ގުޅައި މައުލޫމާތު ސާފުކުރިއެވެ. އަދި ނޫސްވެރިންނާ ބައްދަލުކުރަމުން ދަނިކޮށް ވެސް ރައީސް ޔާމީނުގެ ކެމްޕެއިން އޮފީހުން ގުޅާފައި ވެއެވެ.