މިއަހަރު ނިމޭ އިރު ރާއްޖޭގައި ހިތުގެބަލީގެ އޮޕަރޭޝަންތަކުގެ 90 އިންސައްތަ ކުރެވޭނެ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.
އޭޑީކޭ ހޮސްޕިޓަލުގައި ކުރެވުނު އޯޕަން ހާޓް ސަރޖަރީ އާއި ގުޅޭ ގޮތުން، މައުލޫމާތު ދެއްވަމުން ޑޮކްޓަރު މުހައްމަދު ޝާފިއު ވިދާޅުވީ، އޯޕަން ހާޓް ސަރޖަރީއެއް ކުރެވިފައިވަނީ އުމުރުން 25 އަހަރުގެ ތިން ކުދިންގެ މަންމައެއްގެ ކަމަށެވެ. އޭނާ އަށް ދިމާވެފައިވާ މައްސަލައަކީ މައިޓްރަލް ވޭލްވް ޑިސީސެއް ކަމަށް އޭޑީކޭއިން ބުނެއެވެ.
"ގިނަ ރޭންޖްތަކެއްގެ ހިތުގެ ބަލީގެ ސަރޖެރީސްތައް ކުރެވޭ. 80 އާއި 90 ޕަސެންޓް އާ ދެމެދުގެ ހުރިހާ އޮޕަރޭޝަނެއް ކުރެވޭނެ. ހަމައެކަނި ނެހެދޭ އޮޕަރޭޝަންތަކަކީ ހާޓް ފެއިލިއާސް ސަރޖެރީ ތައް. އޭގެ މާނައަކީ ހާޓް ޓްރާންސްޕްލާންޓް ސަރޖެރިސް ތައް ނޫން ހުރިހާ ސަރޖެރީތަކެއް ހެދުމުގެ ގާބިލްކަން އޭޑީކޭގައި އެބަހުރި،" ޝާފިއު ވިދާޅުވިއެވެ.
ޝާފިއު ވިދާޅުވީ، 11 އޯގަސްޓަކީ ރާއްޖޭގައި ފާހަގަކުރެވޭ ދުވަހެއް ކަމަށާއި ދުނިޔޭގައި އޯޕަން ހާޓް ސަރޖަރީ ހަދާތާ 65 އަހަރުފަހުން އެފަދަ ސަރޖަރީއެއް ކުރެވިގެންދިޔައީ އެދުވަހު ކަމަށެވެ.
ބައިޕާސް އޮޕަރޭޝަނާއި އޯޕަން ހާޓް ސަރޖަރީތަކަކީ ތަފާތު ދެ ގޮތަކަށް ކުރެވޭ އޮޕަރޭޝަނެކެވެ. ޝާފިއު ވިދާޅުވީ، އާންމު ގޮތެއްގައި ހާޓް އެޓޭކު ޖެހެނީ 45 އަހަރުން މަތީގެ މީހުންނަށް ކަމަށެވެ. ހިތުގެ ބޭރުގައި ހުންނަ ވެސަލްތަކަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދާދިނުމަށް ބައިޕާސް އޮޕަރޭޝަންތައް ކުރެވޭ އިރު ބީޓިންގ ހާޓް ސަރޖަރީ އާންމުގޮތެއްގައި ކުރެވޭ ކަމަށެވެ. އެގޮތުން އޭޑީކޭގައި ކުރެވުނު ބައިޕާސް އޮޕަރޭޝަނަކީ އެފަދަ ގޮތަކަށް ކުރެވުނު އޮޕަރޭޝަނެއް ކަމަށް ޝާފިއު ވިދާޅުވިއެވެ.
"ބައިޕާސް ހެއްދި ޕޭޝެންޓްގެ ހާލަތު ކްރިޓިކަލް ކަމުން ބީޓިންގ ހާޓް ސަރޖެރީއެއް ހެއްދިފައިވަނީ. ވަރަށް ސަކްސަސް ސަރޖެރީއަކަށް ވެގެންދިއައީ،" ޝާފިއު ވިދާޅުވިއެވެ.
މީގެއިތުރުން އުފަންވާއިރު ހިތުގެ މައްސަލަތައް ހުންނަ ކުދިންނަށް ކުރާ އޮޕަރޭޝަންތައް ވެސް އޭޑީކޭއިން ކުރެވިގެންދާނެއެވެ.
މިހާރުވެސް އިތުރު ތިން މީހެއްގެ ހިތުގެ އޮޕަރޭޝަނެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޝާފިއު ފާހަގަކުރެއްވި އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އައްފާލް ވިދާޅުވީ، ހިތުގެ ބަލީގެ އޮޕަރޭޝަންތަކަށް ހާއްސަކޮށްފައިވާ ކާޑިއެކް ކެއަރ ސެންޓަރ މިއަހަރުގެ މަރޗު މަހުގައި ހުޅުވިފައިވާއިރު މިސަރަހައްދުގައިވެސް ފާހަގަކުރެވޭ އޮޕަރޭޝަންތައް ކުރެވިގެންދާނެ ފަދަ ސެންޓަރަކަށް އެތަން ވެގެންދާނެ ކަމަށެވެ.
"އެމަންޒަރުތައް އަޅުގަނޑުމެންނަށް މިހާރުވެސް ދަނީ ފެންނަމުން. އިރާދަކުރެއްވިއްޔާ ދިވެހިންނަށް ގައުމުގައި ތިބެގެން ސިއްހީ ހިދުމަތްތައް ލިބޭނެ މަގު ތަނަވަސްކޮށްދެމުން މިދަނީ. މުސްތަގްބަލުގައި އަޅުގަނޑުމެންގެ ވަސީލަތްތައް އިތުރަށް ފުޅާ ކުރާނަން. ހިތުގެ ޓްރާންސްޕްލާންޓްގެ ހިދުމަތްތައް ދިނުމަށް މިދަނީ،" އައްފާލް ވިދާޅުވިއެވެ.
އޭޑީކޭގައި އޯޕަން ހާޓް ސަރޖެރީއެއް 90 ހާސް ރުފިޔާއަށް ކުރެވޭ އިރު ބައިޕާސް ސަރޖެރީތައް 77000 ރުފިޔާއަށް ކުރެވިގެންދާނެއެވެ. މިހިދުމަތްތަކުގެ 65 ޕަސެންޓް އާސަންދަ ކަވަރ ކުރާނެއެވެ.