މިހަފްތާގެ ތެރޭގައި އިންތިހާބުގައި ހަރަކާތްތެރިވާ އޮފިޝަލުންނާ އިންޓަރވިއުކޮށް ނިންމާލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމު ވިދާޅުވީ، އޮފިޝަލުންނަށް ހުޅުވާލި މުއްދަތުގައި 8000 އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އިންތިހާބުގައި ވޯޓުލާ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ވުމަށް ޖޫން މަހުގެ 29 އިން ފެށިގެން ޖުލައި 25 ގެ ނިޔަލަށް ހުޅުވާލެވުނެވެ.
ގާތްގަނޑަކަށް 4500 އަށް ވުރެ ގިނަ އޮފިޝަލުން ވޯޓުލާ ސަރަހައްދުތަކުގައި ހަރަކާތްތެރިވާނެކަމަށް ބެލެވޭއިރު އޮފިޝަލުން ނަގާނީ ވަކިވަކިން އިންޓަރވިއު ކުރެވިގެން ކަމަށް ވެސް އެކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. އިންޓަރވިއުކޮށް މި ހަފްތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެކޮމިޝަނުން ބުނެއެވެ.
ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފި ނަމަ 1500ރ. ހަމައެކަނި ވޯޓުލާ ދުވަހު ލިބޭނެއެވެ. ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފި ނަމަ 1200ރ. ހަމައެކަނި ވޯޓުލާދުވަހު ލިބޭނެ ކަމަށް އެކޮމިޝަނުން ބުނެއެވެ.
އަންނަ ސެޕްޓެމްބަރުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ 262،141 (ދެ ލައްކަ ފަސްދޮޅަސް ދެހާސް، އެއްސަތޭކަ ސާޅީސް އެކެއް) މީހުންނަށެވެ. ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ހުޅުވާލެވުނުއިރު ރީރަޖިސްޓްރޭޝަން ނިންމާލާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ފަތިހު 04:00 ޖެހިއިރު ކަމަށް އެކޮމިޝަނުން ބުނެއެވެ.