ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުން ފޯމު ހުށަހެޅި މީހުންގެ އަދަދާއި ފޯމުތައް ހުށަހެޅުމަށް އައީ ކޮން ބައެއްކަން އިލެކްޝަންސް ކޮމިޝަނުން ސާފުކޮށްދޭންޖެހޭ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މައްޗަންގޮޅި އުތުރު ދައިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ، ބުއްދިއަށް ގަބޫލުނުކުރެވޭ އަދަދަކަށް ފޯމު އިތުރުވުމަކީ ގަބޫލު ނުކުރެވޭ ކަމެއް ކަމަށާއި އެކަމާ އާންމުން ކަންބޮޑުވާ ކަމަށެވެ.
"ވަރަށް ގިނައިން ޝަކުވާ ލިބިގެންދިޔަ ސިވިލް ސަރވިސްގެ މުވައްޒަފުންނާ އަދި އެ ނޫން ވެސް ސަރުކާރުގެ މުވައްޒަފުންނާ ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ މުވައްޒަފުން ހުށަހެޅި ފޯމުތައް ރަޖިސްޓްރީ ނުވާކަމުގެ ޝަކުވާ ލިބޭ. ސަރުކާރު ކުންފުނިތަކުގެ ފޯމުތައް ޕީޕީއެމް އޮފީހަށް ގެންދާ ކަމުގެ ވާހަކަތައް ވެސް ސޯޝަލް މީޑިއާގައި ފެތުރިގެންދިޔަ،" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ، މި ހުރިހާ ޝައްކާ ވަހުމްތައް ނައްތާލުމަށްޓަކާއި ސާފު މައުލޫމާތު ރައްޔިތުންނަށް ބޭނުންވާ ކަމަށެވެ.
މާރިޔާ މިހެން ވިދާޅުވެފައިވާ އިރު އިލެކްޝަންސް ކޮމިޝަނުން ބުނީ، ފޯމުތައް 95000 އަށް ވުރެ އިތުރުވާނެ ކަމަށް ބެލެވޭ ކަމަށާއި ސަބަބަކީ މި ފަހަރުގެ ވޯޓުލެވޭ މީހުންގެ އަދަދު 30 ޕަސެންޓް އިތުރުވެފައިވުން ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ރީރަޖިސްޓަރ ކުރައްވަން ބޭނުންވާ ފަރާތްތަކަށް ހޮނިހިރު ދުވަހުގެ ހަވީރު 05:00 ނިޔަލަށް ފުރުސަތު ހުޅުވާލާފައެވެ. ރީރަޖިސްޓަރ ކުރުން ކުރިއަށް ދަނީ ބާ ޖަމާލުއްދީންގައެވެ.