ގާނޫނީ ވަކީލު ފަޒުނާ އިންސާފުގެ ކުރިމަތީ ޖަވާބުދާރީ ވާންޖެހޭނެ: މަހުލޫފު
8 އޯގަސްޓު 2018 | ބުދަ 19:52ފަޒްނާއަކީ ހަރާމް ހެކިތަކެއްގެ މައްޗަށް ހަރާމް އެތައް ދައުވާތަކެއްކޮށް އެތަށް ބަޔަކު ޖަލަށްލާފައި ހުރި މީހެއް


ޕީޖީ އޮފީހުގެ ގާނޫނީ ވަކީލު އައިޝަތު ފަޒުނާ އަހުމަދު
ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) އޮފީހުގެ އެސިސްޓެންޓް ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ފަޒުނާ އަހުމަދު އިސްތިއުފާ ދެއްވި ނަމަވެސް އޭނާ އިންސާފު ކުރިމަތީގައި ޖަވާބުދާރީ ވާންޖެހޭ ކަމަށް ގަލޮޅު ދެކުނު ދާއިރަގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
އެސިސްޓެންޓް ޕްރޮސެކިއުޓަ ޖެނެރަލްގެ މަގާމުން ފަޒުނާ ބުދަ ދުވަހު އިސްތިއުފާ ދެއްވުމާއި ގުޅިގެން މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފަޒްނާއަކީ ހަރާމް ހެކިތަކެއްގެ މައްޗަށް ހަރާމް އެތައް ދައުވާތަކެއްކޮށް އެތަށް ބަޔަކު ޖަލަށްލާފައި ހުރި މީހެއް ކަމަށެވެ. މަހުލޫފު ވިދާޅުވީ ފަޒްނާއަކީ ނުހައްގުން އެތައްބަޔަކަށް އަނިޔާދީފައިހުރި މީހެއް ކަމަށާއި، އިސްތިއުފާ ދެއްވުމުން ނުނިމޭ ކަމަށެވެ.
އެހެންކަމުން ފަޒުނާ އިންސާފުގެ ކުރިމަތީ ޖަވާބުދާރީ ވާންޖެހޭނެ ކަމަށް މަހުލޫފު ވިދާޅުވިއެވެ.
ފަޒުނާއަކީ މިހާރު ޕީޖީ އޮފީހުގައި މަސައްކަތް ކުރައްވާ ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނެވަޑައިގަންނަވާ ތަޖުރިބާކާރު ގާނޫނީ ވަކީލެކެވެ. ޕީޖީ އޮފީހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ފަޒުނާ ވަނީ ދައުލަތުން ދައުވާ ކުރި ބޮޑެތި މައްސަލަތަކުގައި ދައުލަތުގެ ފަރާތުން އިސް ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ.
އެގޮތުން، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން އުޅުނުކަމަށް ބުނެ، ދައުލަތުގެ ބައެއް އިސްވެރިންގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމް ދައުވާތަކުގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވާ އިސް ގާނޫނީ ވަކީލަކީ ފަޒުނާއެވެ.









