ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަކީ ޑީއާރުޕީ ބައިބައި ވެގެން އޭރު ޑީއާރުޕީގެ ޒައީމު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދުކުރާ ފަރާތްތަކުން އުފެއްދި ޕާޓީއެކެވެ. ރަސްމީކޮށް ޕީޕީއެމް އެފެދުމުމުގެ ކުރިން ކިޔަމުން ދިޔައީ "ޒެޑް ފެކްޝަން" އެވެ.
ޕީޕީއެމް އުފައްދައި ފުރަތަމަ ގައުމީ ބައްދަލުވުން ބާއްވާފައި ވަނީ 2013 ވަނަ އަހަރުގެ މާރޗު މަހުގެ 17 އިން 19 އަށެވެ. ޕީޕީއެމްގެ އެ ގައުމީ ބައްދަލުވުން ދަރުބާރުގޭގައި ބާއްވާފައިވާއިރު، ޕާޓީގެ ރައީސަކަށް އިންތިހާބު ކޮށްފައިވަނީ ރައީސް މައުމޫނެވެ.
ޕީޕީއެމްގެ ގައުމީ ބައްދަލުވުމުން ފާސްކޮށްފައިވާ އެޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕީޕީއެމުން ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންކަންމާއި ޕާޓީ ހިންގުމުގެ ހުރިހާ ޒިންމާއެއް އޮންނަނީ ޕާޓީގެ ރައީސްގެ ޒިންމާއެއްގެ ގޮތުގައެވެ. އެގަވާއިދު ބުނާ ގޮތުން ޕާޓީގެ މުސްތަޝާރެއް ވެސް ހުރެއެވެ. ނަމަވެސް އެމަގާމަކީ އެޕާޓީން ރިޔާސީ ޕްރައިމަރީއަކުން ރިޔާސީ ޓިކެޓް ލިބިގެން ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވަޑައިގަންނަވާ ބޭފުޅަކަށް ހާއްސްކޮށްފައިވާ ރަމްޒީ މަގާމެކެވެ. އަދި ޕީޕީއެމްގެ އެންމެ ޝަރަފުވެރި މަގާމު ކަމަށްވާ ޕާޓީގެ ރައީސަށް ފަހު ދެން އެންމެ ޝަރަފުވެރި މަގާމަކީ މުސްތަޝާރުގެ މަގާމެވެ.
ޕީޕީއެމް އުފެއްދުމަށް ފަހު އެޕާޓީން ބޭއްވި ފުރަތަމަ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި އަބްދުﷲ ޔާމީން ވަނީ ޕީޕީއެމްގެ ޓިކެޓްގައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާފައެވެ. އެހެންކަމުން ޕީޕީއެމްގެ މުސްތަޝާރަކީ ރައީސް ޔާމީނެވެ.
ޕީޕީއެމް އަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިފައި ވަނީ ބޮޑު ކޯލިޝަނެއްގެ ތެރެއިންނެވެ. މިހާރު ވެސް ޕީޕީއެމް ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ސަން ސިޔާމުގެ އެމްޑީއޭގެ އިތުރުން މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީގެ ބުރަ މަސައްކަތުންނެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ އަހަރުގައި، އިދިކޮޅު އެމްޑީޕީން އޮތީ ސަރުކާރަށް ފާރަވެރިވެއެވެ. ސަރުކާރަށް ޕްރެޝަރެއް އަންނާނެ ފަދަ އެއްވެސް ކަމެއް ނުކޮށް ތިއްބައި ސަރުކާރު އަމިއްލައަށް ކުރަމުންދިޔަ ކަންތައްތަކެއްގެ ސަބަބުން ސަރުކާރު ކޯލިޝަން ރޫޅި، ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމް ވެސް ރޫޅިގެން ދިޔައީއެވެ. އެކަމުގައި އިދިކޮޅު އެމްޑީޕީގެ އެއްވެސް ދައުރެއް ނެތެވެ. އެމްޑީޕީ އޮތީ ކުޅިބަލާނށެވެ.
އިދިކޮޅު ލީޑަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ދައުވާ ޓެރެރިޒަމްގެ ދައުވާއަށް ބަދަލުކޮށް، ހަވާފަޓާސް ބަރިއެއް ހެން އެންމެ 19 ދުވަހުގެ ތެރޭގައި ޖަލަށްލުމާއި ސަރުކާރުގެ އެންމެ ނުފޫޒު ގަދަ މިނިސްޓަރު ކަމަށްވާ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމު މަގާމުގައި ހުއްޓައި ހައްޔަރުކޮށް، ޖަލަށްލުމަކީ ސަރުކާރާއި ޕީޕީއެމް އެތެރޭގައި މައްސަލަތައް ފެންމަތިވެގެން ދިޔަ ކަންކަމެވެ. އޭގެ ފަހުން ބޮޑެތި ގާނޫނުތަކަށް ބަދަލު ގެނައުމާއި ހާއްސަކޮށް ޕީޕީއެމްގެ ރައީސް މައުމޫނާއި ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުންނަށް ގަބޫލު ނުކުރެވޭ ކަންކަން މަޖިލީހުގެ ތެރެއިން ސަރުކާރުން ކުރަން އުޅުމަކީ ސަރުކާރު އިތުރަށް ނޭވާ ހޮޅިއަށް އެޅިގެންދިޔަ ކަންކަމެވެ. އަދި ސަރުކާރުން ގާނޫނުތަކަށް ގެންނަމުންދިޔަ އިސްލާހުތަކާއި ފާސްކުރަމުންދިޔަ ގާނޫނުތަކަކީ ރައްޔިތުންގެ ވިންދާ އިހުސާސްތަކާ ދެކޮޅު ގާނޫނުތަކެކެވެ. އޭގެ ނަތީޖާއަކީ ސަރުކާރަށް މަޖިލީހުގައި އޮތް ސުޕަރ މެޖޯރިޓީ ގެއްލި، މަރިނޯރިޓީއަށް ވެއްޓި އެންމެފަހުން ސިފައިން މެދުވެރިކޮށް މަޖިލިސް ވެސް ހިސޯރު ކުރަން ޖެހުމެވެ.
ދެން ފެނުނީ ޕީޕީއެމް ރޫޅި ޕާޓީގެ ރައީސް، މައުމޫންގެ އަތްޕުޅުން ބާރުތައް ނަގައިގަތްތަނެވެ. ނަމަވެސް އެކަމަކީ ޕާޓީގެ ގައުމީ މަޖިލީހުން ނޫނީ ނުކުރެވޭނެ ކަމެކެވެ. ރައީސް ޔާމީން ފެކްޝަންނުން ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް ކޯޓުން ވެސް މުސްތަޝާރަށް ޕާޓީގެ ހިންގުމުގެ ބާރެއް ދީފައެއް ނުވެއެވެ. ކޯޓުން ވެސް ދީފައި ވަނީ މުސްތަޝާރުގެ ބެލުމުގެ ދަށުން ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށެވެ.
ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމު އެގޮތަށް ނިންމެވި ނަމަވެސް ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން ކައުންސިލް ބައްދަލުވުމުގެ ރިޔާސަތަކީ ޕާޓީގެ ރައީސްއެވެ. ޕާޓީގެ ރައީސް އެވަގުތު ވެސް މަގާމުގައި ދެމިހުންނަވަނިކޮށް، މުސްތަޝާރުގެ ބެލުމުގެ ދަށުން ކައުންސިލްގެ ބައްދަލުވުމެއް ބާއްވައި ޕާޓީގެ ބާރުތައް މުސްތަޝާރަށް ދީފައިވާ ގޮތާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ.
އެކަމާ ގުޅިގެން ރައީސް މައުމޫން ވިދާޅުވެފައި ވަނީ ސިވިލް ކޯޓުން ކުރި އަމުރުގައި އިޝާރާތްކޮށްފައިވާ މުސްތަޝާރުގެ މަގާމަކީ ރަމްޒީ މަގާމެއް ކަމަށެވެ. ޕާޓީގެ އަސާސީ ގަވާއިދުގެ 57 ވަނަ މާއްދާގެ (ނ) އާ ހަވާލާ ދެއްވައި މައުމޫން ވިދާޅުވެފައި ވަނީ އެ މަގާމުގައި ހުންނަވާ ބޭފުޅަކު ޕާޓީގެ ހިންގުމުގެ އެއްވެސް ކަމެއްގައި ޝާމިލު ނުވާނެ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ އަސާސީ ގަވާއިދަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުން ބާރު ލިބިގެން ހަދާފައިވާ އެއްޗެކެވެ. އަދި ސިޔާސީ ޕާޓީތަކުގެ އަސާސީ ގަވާއިދަކީ އިލެކްޝަންސް ކޮމިޝަނަށް ވެސް ހުށަހެޅި، އެކޮމިޝަނުން ވެސް ބަލައިގަނެފައިވާ އެއްޗެކެވެ.
ދެން އޮތީ ސިޔާސީ ޕާޓީތަކުގެ ގާނޫނެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 29 ވަނަ މާއްދާގައި ބުނަނީ ސިޔާސީ ޕާޓީއެއް އެ ޕާޓީގެ ގައުމީ ބައްދަލުވުމެއް ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ނުބާއްވައިފި ނަމަ އެ ޕާޓީއެއް އުވާލެވޭނެ ކަމަށެވެ. އަދި އެގޮތުގެ މަތިން ޕާޓީއެއް އުވާލައިފި ނަމަ، އެޕާޓީއެއްގެ ނަން ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށް، 7 ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށް އިއުލާނު ކުރަންޖެހޭނެ ކަމަށް ވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ވެއެވެ.
އެހެންކަމުން ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ މަތިން މިއަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ޕީޕީއެމް އެވަނީ އުވިފައެވެ.
ރައީސް މައުމޫން ޕީޕީއެމް ހިންގަމުން ގެންދަވަނިކޮށް، 16 އޮކްޓޯބަރު 2016 ވަނަ ދުވަހުން ފެށިގެން ޕީޕީއެމް ހަރުދަނާކޮށް ހިންގެވުމަށް ހަވާލު ކުރެއްވި ރައީސް ޔާމީނަށް ވެސް މިއަދާ ހަމައަށް ޕީޕީއެމްގެ ގައުމީ ބައްދަލުވުމެއް ބޭއްވިފައެއް ނުވެއެވެ.
ޕީޕީއެމަކީ ސަރުކާރު ހިންގާ ޕާޓީ ކަމަށް ވެފައި، އެޕާޓީގެ ކަންކަން ހިންގުމުގައި އެތައް ލުއި ފަސޭހަތަކެއް ލިބިފައިވާއިރު، އަދި ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރަމުންދާއިރު ވެސް، ފަސް އަހަރު ފާއިތު ވެގެން ދިޔައިރު ޕާޓީގެ ގައުމީ ބައްދަލުވުމެއް ބޭއްވިފައި ނުވަނީ ކޮންމެ ވެސް ބައެއްގެ އިހުމާލުންނެވެ.
ޕީޕީއެމުން ގައުމީ ބައްދަލުވުމެއް ނުބާއްވާތާ ފަސް އަހަރު ފާއިތުވެފައިވުމާ ގުޅިގެން ރައީސް މައުމޫން ވިދާޅުވެފައި ވަނީ ޕީޕީއެމްގެ މަގާމްތަކުގައި ތިއްބެވި ބޭފުޅުންގެ ދައުރު ހަމަވެއްޖެ ކަމަށާއި އެދައުރު ހަމަވުމާ ހަމައަށް ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް އެމަގާމްތަކަށް ބޭފުޅުން އައްޔަން ކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން އެބޭފުޅުންގެ މަގާމުގެ އެއްވެސް ހައިސިއްޔަތެއް މިހާރު ނޯންނާނެ ކަމަށް ރައީސް މައުމޫން ވިދާޅުވެފައި ވެއެވެ.
ރައީސް ޔާމީންގެ ސަރުކާރަށް އިޝާރާތް ކުރައްވައި ރައީސް މައުމޫން ވިދާޅުވެފައި ވަނީ ރައީސް ޔާމީން މިހާރު ވެރިކަން ކުރައްވަމުން ގެންދަވަނީ ޕާޓީގެ އަސާސީ ގަވާއިދާ ވެސް ހިލާފަށް ކަމަށާއި ޕާޓީގެ މަގުސަދާ ވެސް ހިލާފަށް ކަމަށެވެ. އެގޮތުން ކޮރަޕްޝަން ބޮޑުވެ ހައްދު ފަހަނައަޅާ ގޮސްފައިވާކަން ރައީސް މައުމޫން ވިދާޅުވެފައި ވެއެވެ.
ޕީޕީއެމް ކައުންސިލުން ރައީސް ޔާމީނަށް ރިޔާސީ ޓިކެޓެއް ނުދެއްވޭނެ ކަމަށާއި، ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދެއްވޭނީ ޕާޓީގެ ތެރޭގައި ބާއްވާ ޕްރައިމަރީއަކުން އިންތިހާބުވާ ބޭފުޅަކަށް ކަމަށް ރައީސް މައުމޫން ވިދާޅުވެފައި ވެއެވެ. އަދި ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ވެސް ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާނީ ރިޔާސީ ޕްރައިމަރީއަކުން ކަމަށް ބުނެފައި ވެއެވެ.
މިހާރު އެންމެ ބޮޑަށް ސުވާލު އުފެދިފައި ވަނީ ރައީސް ޔާމީންގެ ރިޔާސީ ކެންޑިޑެސީއާ މެދުގައެވެ. ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ހައިސިއްޔަތާ މެދުގައެވެ.
ރައީސް ޔާމީން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން މީގެ އަހަރުތަކެއް ކުރިން ފެއްޓެވިއިރު، މިއަދާ ހަމައަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ފޯމް ހުށަހަޅުއްވާފައެއް ނުވެއެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކަށް ކުރިމަތި ލުމުގެ ފުރުސަތު މިދިޔަ މަހުގެ 23 ވަނަ ދުވަހު ހުޅުވާލާފައިވާއިރު، މިއަދަށް 12 ދުވަސް ފާއިތުވެގެން ދިޔައިރު، ރައީސް ޔާމީން އިންތިހާބުގައި ވާދަ ކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅުއްވާފައި ނުވާތީ ގިނަ ބަޔަކު ގެންދަނީ ސުވާލު އުފައްދަމުންނެވެ.
ސުވާލަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ޕީޕީއެމް އުވިފައިވާއިރު، ޕީޕީއެމްގެ ނަމުގައި ރައީސް ޔާމީން، އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވިދާނެ ތޯއެވެ.
ކޮންމެއަކަސް ސިޔާސީ ޕާޓީގެ ގާނޫނާއި އެގާނޫނުގެ ދަށުން ހަދާފައިވާ ޕީޕީއެމްގެ އަސާސީ ގަވާއިދުގެ ދަށުން ރައީސް ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓްގައި ވާދަކުރެވޭނެ ގާނޫނީ އެއްވެސް ހަމައެއް ނެތެވެ. އެހެންނެއް ނޫނެވެ. މީގެ ކުރިން ކަންކަން ގަދަބާރު ކުރާ ގޮތަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީން ވާދަކުރެއްވުމަކީ ހަމަ ވުން އެކަށީގެންވާ ކަމެކެވެ.
ކަންކަން ކުރައްވަން މީގެ ކުރިން ވަގުތު ނަންގަވާ އުސޫލުން ރިޔާސީ އިންތިހާބަށް ވާދަ ކުރެވުމުގައި ވެސް ވަގުތު ނަންގަވާކަން މިވަނީ ފާހަގަ ކުރެވިފައެވެ. އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ނުކުރައްވާ ނަމެކޭ ވިދާޅެއް ނުވެއެވެ. ނަމަވެސް ފަހެއް ފެބްރުއަރީގައި ހިންގީ ކުއްލި ނުރައްކަލުގެ ހާލަތެވެ. ދެން ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައި އުއްތަމަ ފަނޑިޔާރާއި އެ ކޯޓުގެ އިތުރު ފަނޑިޔާރަކު ހައްޔަރުކޮށް، އަދި ޕީޕީއެމްގެ ބާނީ ކުރީގެ ރައީސް މައުމޫން ވެސް ހައްޔަރުކުރީއެވެ.
އެހެންވީމާ ރައީސް ޔާމީނަކީ އިތުރު ވަގުތުގައި ކުޅެ ކޮންމެ ގޮތެއް ހަދައިގެން ވެސް މޮޅުވާން ފަރިތަ ބޭފުޅެކެވެ. އިދިކޮޅުން ކުޅޭ 11 ކުޅުންތެރިން ބަނދެފައި، ރެފްރީ ހައްޔަރުކޮށްގެން ވިޔަސް ބޭނުން ވަނީ މޮޅުވާށެވެ. ފޮތުގައި އޮތް އެއްޗެއް އެއީ އެމަނިކުފާނަށް އެހާ މުހިއްމު އެއްޗެއް ކަމަކަށް ނުވެއެވެ. އޮތީ ހަމަ ކޮންމެ ގޮތެއް ހަދައިގެން ވިޔަސް މޮޅުވުމެވެ.