ވޯޓުލާ ސަރަހައްދުތަކުގައި ލެޕްޓޮޕް ނޯޓްބުކްގެ ބަދަލުގައި މިފަހަރު ބޭނުން ކުރާނީ ޓެބްލެޓް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، ލެޕްޓޮޕް ނޯޓްބުކްގެ ބަދަލުގައި ޓެބްލެޓް ބޭނުން ކުރަން ނިންމީ ގެންގުޅެން ފަސޭހަވެފައި އަގު ހެޔޮވާނެތީ ކަމަށެވެ. އެގޮތުން އެކޮމިޝަނުން ވަނީ 550 ޓެބްލެޓް ސަޕްލައިކޮށްދިނުމަށް އިއުލާނުކޮށްފައެވެ.
މީގެ ކުރިން ވޯޓުލާ ހުރިހާ ސަރަހައްދެއްގައި ވެސް ނޯޓްބުކް ބޭނުން ކުރެވެމުންދިޔައީ ވޯޓުލުމުގެ އިދާރީ ކަންކަން ވޯޓުލާ މަރުކަޒުތަކުގައި ކުރިއަށްގެންދިއުމަށެވެ. އެގޮތުން ރަޖިސްޓްރީވެފައިވާކަން ކަށަވަރުކޮށް، ވޯޓުލަން އަންނަ ފަރާތްތައް ދެނެގަތުމަށް ވެސް ބޭނުން ކުރަނީ ނޯޓްބުކްއެވެ.
މިއަހަރުގެ 23 ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ޓެބްލެޓް ބޭނުން ކުރުމަށް ހަމަޖެހިފައިވާ އިރު އިލެކްޝަންސް ކޮމިޝަނަށް މިތަކެތި ސަޕްލައިކޮށްދިނުމަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 30000ރ. ހުށަހަޅަންޖެހެއެވެ.
ބިޑު ސެކިޔުރިޓީ ވާންޖެހޭނީ ސަރުކާރަށް ގަބޫލުކުރެވޭ ބޭންކަކުން ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓް އަކުން އެ ޕްރޮޖެކްޓަކަށް ދޫކޮށްފައިވާ ސެކިޔުރިޓީއަކަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
ބީލަށް ހުޅުވާލުމަށް ހަމަޖެހިފައި ވަނީ އޯގަސްޓް 09 ވަނަ ދުވަހުއެވެ. ރިޔާސީ އިންތިހާބުގައި 480 އަށް ވުރެ ގިނަ ވޯޓުފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.